އައްޑޫގެ ޓޫރިޒަމް ޒޯންތަކާ ގުޅޭ ދެއުޅިއެއް ނުވާ ވާހަަކަތައް!

އައްޑޫގައި 8،000 ޓޫރިސްޓު އެނދު ތަރައްގީކުރަން ސަރުކާރުން ކޮށްދޭން ޖެހޭ ކަންކަން ކޮށްދީފައިވާ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ލ. ގަމުގައި ހުންނަވައިގެން ޕީއެސްއެމަށް ދެއްވ އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ އައްޑޫގައި 8000 އެނދު ތަރައްގީކުރުމަށް ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދު ނުފުއްދަވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ދެއްކިޔަސް އެއީ ހަގީގަތެއް ނޫން ކަމަށެެވެ.
ނިޒާރު ވިދާޅުވި ގޮތުގައި 8،000 އެނދު ނުވަތަ 12،000 އެނދު ތަރައްގީކުރުމަށް ސަރުކާރުން ކޮށްދޭންޖެހޭ ހުރިހާ ކަމެއް މިހާރު ކޮށްދީފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިކަމަށްޓަކައި ކައުންސިލަށް ކޮށްދެވޭނެ ކަމަކީ އެނދު ތަރައްގީކުރުމަށް ބޭނުންވާ ބިން ދޫކުރުން ކަމަށެވެ. އެގޮތުން މިހާރު ބިންތައް ދޫކޮށްފައިވާ އިރު ދެން ކުރަން ޖެހޭ ކަމަކީ ބިން ލިބުނު ފަރާތްތަކުން އެތަންތަމުގައި ފެސިލިޓީތައް ހެދުން ކަމަށެވެ.
"ދެން ޕްރޮޕަޓީ ޑިވްލޮޕް ކުރުމަކީ ޕްރައިވެޓް މީހުންގެ ކަމެއް. އަޅުުގަނޑުމެންނަށް ބިން ދީފައި އެއާ ގުޅޭ ވަސީލަތްތައް ގާއިމު ކުރެވޭނީ،" އައްޑޫގެ ޓޫރިޒަމް ފަސް ޒޯނުން ދޫކޮށްފައިވާ ބިންތަކާ ބެހޭ ގޮތުން ނިޒާރު ވިދާޅުވި އެވެ. "ކައުންސިލުގެ މި ދެންނެވި ފަސް ޒޯނުގައި ކުރަންޖެހޭ ކަންކަން އޮތީ ނިންމާފައި. ޕްލޮޓްތައް ދީފައި އޮތީ އެ ބޭފުޅުންނަށް ފައިސާ ހޯދޭނެ ގޮތް ވެސް ސަރުކާރުން އެބަ މަސައްކަތް ކުރައްވާ."
މޭޔަރު މި މޭރުމުން ވާހަކަ ދެއްކެވ ޓޫރިޒަމް ޒޯންތަކުން ދޫކުރި ބިންތަކުގައި އެކަށީގެންވާ މަސައްކަތްތަކެއް މިހާތަނަށް ފެނިފައި ނުވާތީ ކައުންސިލުން ބިންތަކެއް ނަގައިގެން ފެސިލިޓީތައް ގާއިމުކޮށް، އެތަންތަން އައުޓްސޯސްކޮށްގެން ހިންގަން ނިންމާފައި ކަމަށް "އައްޑޫ ލައިވް" އަށް މި އަހަރުގެ ފެބްރުއަރީގައި ނިޒާރު ވިދާޅުވި އެވެ.
ކައުންސިލުން ކުރިން ބުނެފައި އޮތީ 8،000 އެނދުގެ ތެރެއިން ފުރަތަމަ މަރުހަލާފައި އަމާޒަކީ 4،140 އެނދު ތަރައްގީކުރުން ކަމަށެވެ. އެކަމަކު މިހާތަނަށް ޓޫރިޒަމްތަކުން އެންމެ އެނދެއް ވެސް މާކެޓަށް ނެރެން އެއްވެސް މަސައްކަތެއް ކުރެވިފައެއް ނެތެވެ.
ނަމަވެސް އެކިއެކި ސަބަބުތަކާ ހެދި އެއްވެސް ޒޯނެއްގައި އެދި އެކަށީގެންވާ ގޮތަށް ޓޫރިޒަމްގެ ފެސިލިޓީތައް ތަރައްގީކުރުމުގެ މަސައްކަތެއް ނުހިނގަ އެވެ.
އެކަމަށް އިޝާރާތްކުރައްވައި ނިޒާރު ވިދާޅުވެފައި ވަނީ ކައުންސިލުން ބޭނުން ވަނީ ޓޫރިޒަމް ޒޯންތަކުގެ ބޭނުންް ވީހާ ވެސް އަވަހަށް ފެށޭނެ ގޮތެއްވޭތޯ ކަމަށެވެ. އެގޮތުން ކައުންސިލުން މިކަން ވިސްނީ ފަންޑު ހޯދަން ވެސް ފަސޭހަވާނެތީ ކަމަށް ވިދާޅުވި އެވެ.
"އައްޑޫ ސިޓީ ކައުންސިލުން މިހާރު އެބަ ވިސްނަން ޒޯންތަކުން ހަވާލުނުކޮށް ހުރި ބިންތަކުގެ ތެރެއިން ބިންތަކެއްގައި ކޮންމެވެސް ގޮތަކަށް ޓޫރިޒަމް ފެސިލިޓީތަކެއް ތަރައގްީކުރަން. ބޭނުމަކީ އަވަހަށް ތަރައްގީކުރެވޭނެ ވިސްނުމަކަށް ދިއުން. އެ ވިސްނުމުގެ ތެރޭގައި އެބަ ހިމެނޭ ކައުންސިލުން ފަންޑު ހޯދައިގެން ފެސިލިޓީތަކެއް ތަރައްގީކޮށްފައި ކޮންމެވެސް ބަޔަކާ އެތަންތަން މެނޭޖްކުރަން ހަވާލުކުރުން." މޭޔަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޓޫރިަމް ޒޯންތައް ތަރައްގީކުރުމަކީ އައްޑޫގައި އަވަސްކުރަން ޖެހޭ ކަމަކަށްވުމާ އެކު މިކަން މަޑުކޮށްލައިގެން ބަލަން ތިބެވޭކަށް މިހާރަކު ނެތެވެ.
"އެހެންވީމަ [ކަމެއް ނުކޮށް] ބަލަން ތިބުމުގެ ބަދަލުގައި މަސައްކަތްތަކެއް ފަށަން ބޭނުން ވަނީ. [މިހާރު] ކޮންމެވެސް ވަރެއްގެ އިޝާރާތްތަކެއް ލިބިފައި އެބައިން ކައުންސިލުން މަސައްކަތްކޮށްފި ނަމަ މިކަމަށް ފަންޑް ވެސް ފަސޭހަ އިން ލިބިދާނެ ކަމަށް. އެހެންވެ ޒޯންތަކުގައި ތަރައްގީކުރެވޭ ތަންތަނުގައި އަޅުގަނޑުމެން އެބަ ބަލަން މަދުވެގެން ފަސް ސަތޭކަ ނޫނީ ހާހެއްހާ ކޮޓަރި ތަރައްގޫކުރެވޭނެ ތަފާތު ވިސްނުމަކަށް ދާން ވެސް." ނިޒާރު ވިދާޅުވި އެވެ.
އައްޑޫގެ ޓޫރިޒަމް ޒޯންތަކަކީ ހިތަދޫ "މާމެން ބީޗް ޓޫރިޒަމް ޒޯން" އާއި ހުޅުދޫ "ކޭވައް ބީޗް" މާފިޝި ޓޫރިޒަމް ޒޯނާއި "ކޯގަންނު ބީޗް" މުލިމަތި ޓޫރިޒަމް ޒޯނާއި އަދި ފޭދޫ "ސަވާ ބީޗް" ދިގިހެރަ ޓޫރިޒަމް ޒޯނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ