މެދުއުމުރަށް އެޅުނަސް ކަސްރަތުކޮށް ހަށިގަނޑު ވަރުގަދަކުރަން ފެށިދާނެ: އަންހެން ކޯޗުން

އަޅުގަނޑުމެންގެ އުމުރުން ދުވަސްވެ، ދިރިއުޅުމުގެ ކަންކަމުގެ ތަޖުރިބާ ލިބުމުގެ މާކުރިން ހަށިގަނޑުގެ މަސްތައް ބަލިވާން ފެށުމަކީ ވަރަށް ގިނަ ބަޔަކަށް ކުރިމަތިވާ ކަމެކެވެ. ހިތާމައަކީ، އުމުރުން 40 އަހަރުވުމަށްފަހު ކޮންމެ 10 އަހަރަކުން ހަށިގަނޑުގެ މަސްތަކުގެ ތިން އިންސައްތައާއި އަށް އިންސައްތައާ ދެމެދުގެ މިންވަރެއް އުނިވަމުންދާކަމެވެ. އަދި އުމުރުން 50 އަހަރުވުމުން މި ދުވެލި ހަލުވިވެއެވެ. 'ސާކޯޕީނިއާ'ގެ ނަމުން ނަންދެވިފައިވާ މި ބަދަލުގެ ސަބަބުން، ކުރިން ކަސްރަތަށް މަސްތައް އިޖާބަދޭ ވަރަށް މިހާރު އިޖާބައެއް ނުދެއެވެ. ވަކިން ހާއްސަކޮށް، މައްސަރު ކަންތައް ހުއްޓެން ކައިރިވާ ދުވަސްވަރު އަންހެނުންނަށް ހަށިގަނޑު ވަރުގަދަކުރުމަށާއި ކަސްރަތަށްފަހު މަސްތަކަށް އަރާމުލިބުމަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވެއެވެ. އެހެންނަމަވެސް، މިއީ އުމުރުން ދުވަސްވުމުން ކަސްރަތުކުރުމަކީ ބޭކާރު ކަމެއް ކަމަށް ދޭހަވާ ކަމެއް ނޫނެވެ. ހަގީގަތަކީ މީގެ އިދިކޮޅެވެ. ބަނޑުގެ މަސްތައް ބޭރަށް އެނގޭވަރަށް ރީތި ނުވީނަމަވެސް، ކަސްރަތު ކުރުމުން ސިއްހަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބެއެވެ. އުމުރުގެ ފަހުކޮޅު ކަސްރަތު ފަށާ މީހުންނަށްވެސް ކުރު މުއްދަތެއްގެ ތެރޭގައި ބަލިތަކުގެ ނުރައްކާ ކުޑަކުރެވިދާނެ ކަމަށް ސިއްހީ މާހިރުން ވިދާޅުވޭ--ފޮޓޯ/ދަގާޑިއަން ބާމިންގްހަމް ޔުނިވަސިޓީގެ މާހިރެއް ކަމަށްވާ ލީ ބްރީން ވިދާޅުވާ ގޮތުގައި، ގަވާއިދުން ކުރާ ކަސްރަތުގެ ސަބަބުން ހަކުރުބައްޔާއި، ހިތުގެ ބަލިތަކާއި، އަދި ހަނދާން ނެތޭ ބަލި ފަދަ ގައިންގަޔަށް ނާރާ ބަލިތަކުން ސަލާމަތްވުމުގެ ފުރުސަތު ބޮޑުވެއެވެ. "ގިނަ ދުވަސްތަކެއް ވަންދެން ކަސްރަތުކުރާ މީހުންނަށް ރައްކާތެރިކަން ބޮޑުވި ނަމަވެސް، އުމުރުގެ ފަހުކޮޅު ކަސްރަތު ފަށާ މީހުންނަށްވެސް ކުރު މުއްދަތެއްގެ ތެރޭގައި ބަލިތަކުގެ ނުރައްކާ ކުޑަކުރެވިދާނެ،" ބްރީން ވިދާޅުވިއެވެ. ސިއްހީ ފައިދާތަކުގެ އިތުރުން، އުމުރުން ދުވަސްވާއިރު ހަށިގަނޑު ވަރުގަދަވުމަކީ ނަފްސާނީ ގޮތުންވެސް އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވާ ކަމެކެވެ. ޕްރޮފެޝަނަލް ބޮޑީބިލްޑަރެއް ކަމަށްވާ އޭން މާރީ ޝާކާ ބަޔާންކުރާ ގޮތުގައި، ހަށިގަނޑުގައި މަސްޖަހައި ވަރުގަދަވުމަކީ އުފާވެރި ކަމެކެވެ. މެދުއުމުރުގައި ކަސްރަތުކުރަން ފެށުމާ ގުޅޭގޮތުން 40 އަހަރުން މަތީގެ ތަޖުރިބާކާރު އަންހެން ކޯޗުން ދޭ ބައެއް އިރުޝާދުތަކަށް ބަލާއިރު، ދުވާލަކު އިށީނދެގެން ހުންނަ ވަގުތުން 30 މިނެޓު މަދުކޮށް، އެންމެ ފަސް މިނެޓު ކަސްރަތަށް އިތުރުކުރުމުންވެސް އުމުރު ދިގުވުމަށް އެހީތެރިވެދެއެވެ. އުނދަގޫ އަދި ބޮޑެތި ކަސްރަތުތަކުގެ ބަދަލުގައި، 'ކޮމްޕައުންޑް އެކްސަސައިޒް' ނުވަތަ ހަށިގަނޑުގެ ގިނަ މަސްތަކެއް އެއްފަހަރާ މަސައްކަތްކުރާ ކަސްރަތުތައް ހިޔާރުކުރެވިދާނެ ކަމަށް ތަޖުރިބާކާރުން ލަފާދެއްވާ--ފޮޓޯ/ފޭސްބުކް ތަޖުރިބާކާރުން ލަފާދެނީ ގޭގައި އާދައިގެ 'ޑަމްބެލް' ފަދަ ބަރު ތަކެތި ބަހައްޓައިގެން ކަސްރަތު ކުރިއަށް ގެންދިއުމަށެވެ. ގޭގައި ކުރެވިދާނެ ކަސްރަތުތަކުގެ ތެރޭގައި 'ސްކޮޓްސް' އާއި 'ލަންޖަސް' ހިމެނެއެވެ. މީގެ އިތުރުން، އެއްވެސް ހަރަދަކާ ނުލައި، ފޮތް އަޅާފައިވާ ދަބަސް ފަދަ ތަކެތިވެސް ބަރުގެ ގޮތުގައި ބޭނުންކުރެވިދާނެއެވެ. ބައެއް ކޯޗުން ބުނާ ގޮތުގައި 'ރެސިސްޓެންސް ބޭންޑް' އަކީ އެންމެ ފައިދާހުރި، ނަމަވެސް ގިނަ ބަޔަކު އެހާ މުހިއްމު އެއްޗެއްގެ ގޮތުގައި ނުދެކޭ އެއްޗެކެވެ. މިއީ އަގުހެޔޮ، ގެންގުޅެން ފަސޭހަ އަދި މުޅި ހަށިގަނޑަށް ކަސްރަތު ދިނުމަށް އެންމެ ރަނގަޅު ވަސީލަތް ކަމަށް ތަޖުރިބާކާރު ކޯޗުން ލަފާދެއެވެ. އުނދަގޫ އަދި ބޮޑެތި ކަސްރަތުތަކުގެ ބަދަލުގައި، 'ކޮމްޕައުންޑް އެކްސަސައިޒް' ނުވަތަ ހަށިގަނޑުގެ ގިނަ މަސްތަކެއް އެއްފަހަރާ މަސައްކަތްކުރާ ކަސްރަތުތައް ވެސް ހިޔާރުކުރެވިދާނެއެވެ. މިފަދަ ކަސްރަތުތައް ކުރާއިރު ލަސްލަހުން ހަރަކާތްތައް ކުރުމަށް ސަމާލުކަން ދޭށެވެ. މީގެ ސަބަބުން މަސްތަކަށް ކުރާ ބާރު ބޮޑުވެ، ހަށިގަނޑުގެ ބެލެންސް ރަނގަޅުވެއެވެ. އަދި ބަރުދަން ބޭނުންކުރުމުގެ ކުރިން ހުސް އަތާ ކަސްރަތުކޮށް ހަށިގަނޑު ހޭނުވުން މުހިންމެވެ. އުމުރުން ދުވަސްވުމުން ކުރިން ކުރި ގޮތަށް ކަސްރަތު ނުކުރެވިދާނެއެވެ. ހަށިގަނޑުގެ ހުޅުތަކުގައި ރިއްސާނަމަ، ކަސްރަތު ކުރާ ގޮތަށް ބަދަލު ގެންނަން ޖެހިދާނެއެވެ. މިސާލަކަށް، 'ސްކޮޓްސް' ހަދާއިރު ބެންޗެއްގައި އިށީނދެވޭ ގޮތަށް ހެދިދާނެއެވެ. އުމުރުން ދުވަސްވުމުން ހަށިގަނޑުގެ ހޯމޯންތަކަށް އަންނަ ބަދަލާއެކު، ސްޓްރެސް ކުޑަކުރުމަށްޓަކައި ކަސްރަތަށްފަހު ނޭވާލާ ނިޒާމަށް ފަރުވާތެރިވާ ކަސްރަތުތައް (މިސާލަކަށް: ބޮކްސް ބްރީތިންގް) ކުރުން ރަނގަޅެވެ. އެންމެ މުހިންމު ކަމަކީ ރޭގަނޑު މަދުވެގެން 8 ގަޑިއިރު ނިދުމެވެ. މީގެ އިތުރުން، 'އިޕްސަމް ސޯލްޓް' ބޭނުންކޮށްގެން ފެންވެރުމަކީ މަސްތަކުގެ ރިހުން ކުޑަކޮށްދީ، އަރާމު ނިދި ލިބުމަށް އެހީތެރިވެދޭނެ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ