މެލޭޝިޔާގައި ޑިގްރީ ހަދަން އަދާލަތު ޕާޓީން 20 ސްކޮލަޝިޕަށް ހުޅުވާލައިފި

މެލޭޝިޔާގައި ޑިގްރީ ހެދުމަށް އަދާލަތު ޕާޓީން 20 ސްކޮލަޝިޕަށް މިއަދު ހުޅުވާލައިފި އެވެ.
އެ ޕާޓީން ކުރި އިއުލާނުގައި ބުނީ ފުރަތަމަ ޑިގްރީ ހެދުމަށް "އަލް-ބުހާރީ އިންޓަނޭޝަނަލް ޔުނިވާސިޓީ"ގެ ފަރާތުން އަދާލަތު ޕާޓީއަށް 20 ފުރުސަތު ދީފައިވާ ކަމަށެވެ.
އެހެންވެ، ތަފާތު ތިން ދާއިރާއަކުން މަތީ ތައުލީމް ހާސިލްކުރަން މި މަހުގެ 25 ގެ ކުރިން ފޯމު ހުށަހަޅަން ވަނީ މުއްދަތު ދީފަ އެވެ.
ސްކޮލަޝިޕް ހޯދަން އައިޑީ ކާޑު ކޮޕީ، ސީވީ އަދި އެޓެސްކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތައް އަދި އެ މީހެއްގެ ބެލެނިވެރިންނަށް ލިބޭ އާމްދަނީ ކަށަވަރުކޮށްދޭ ލިޔުންތައް (ސެލެރީ ސްލިޕް) ނުވަތަ ބެލެނިވެރިންނަށް ސަރުކާރުގެ އެހީ ލިބޭނަމަ އެކަން ކަށަވަރު ކުރެވޭނެ ލިޔުމެއް [email protected] އަށް ހުށަހަޅަން ވަނީ އެދިފަ އެވެ.
އިއުލާނުގައި ބުނީ ސްކޮލަޝިޕް ލިބޭނީ؛
- ސްކޫލު އޮފް ބިޒްނަސް: ވިޔަފާރިއާ ގުޅޭ ދާއިރާތަކުގެ ޑިގްރީ
- ސްކޫލު އޮފް އެޑިއުކޭޝަން އެންޑް ހިއުމަން ސައިންސް: ތައުލީމް، އިޖުތިމާއީ އަދި އިންސާނީ ސައިންސްއާ ގުޅޭ ދާއިރާތައް
- ސްކޫލު އޮފް ކޮމްޕިއުޓިން: ކޮމްޕިއުޓާ ސައިންސް، ޑާޓާ ސައިންސް، އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ސައިބާ ސެކިއުރިޓީ
1. އުމުރުން 17-23 އަހަރާ ދެމެދުގެ މީހަކަށް ވުން.
2. ކައިވެނިކޮށްގެން އުޅޭ މީހެއް ކަމުގައި ނުވުން.
3. ގްރޭޑް 12 ނުވަތަ އެއާ އެއް ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން.
4. ދަށްވެގެން ސީޖީޕީއޭ 2.8 ގައި ހިފެހެއްޓުން (ކޮމްޕިއުޓާ ސައިންސް ނުވަތަ ޑާޓާ ސައިންސް ނަމަ، ދަށްވެގެން  ސީޖީޕީއޭ 3.0 ހިފެހެއްޓުން)
5. މި ވަގުތު މަތީ ތައުލީމު ދޭ އެއްވެސް ތަނެއްގައި ކިޔަވަމުންދާ މީހަކަށް ނުވުން.
6. އެއްބަނޑުއެއްބަފާ، އެއްބަނޑު، ނުވަތަ އެއްބަފާ މީހަކަށް ވިއަސް އެ ޔުނިވާސިޓީ ފައުންޑޭޝަންގެ ފަރާތުން މީގެ ކުރިން އެހީ ލިބިފައި ނުވުން.
7. IELTS / TOEFL / TOEFL iBT / PTE  ހާސިލުކޮށްފައިވުން.
އަދާލަތު ޕާޓީން ބުނީ ސްކޮލަޝިޕް ދިނުމުގައި އިސްކަންދޭނީ މާލީ ހާލަތު ދަށް މީހުންނަށް ކަމަށެވެ.
އެ ސްކޮލަޝިޕްގައި ވިސާ ފީ، މެލޭޝިޔާއަށް ދަތުރު ކުރުމުގެ ހަރަދު އަދި ޔުނިވާސިޓީއަށް ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި ދައްކަންޖެހޭ 1200 ރިންގިޓު (294 ޑޮލަރު) ފިޔަވައި އެހެން ހުރިހާ ހަރަދެއް އެ ޔުނިވާސިޓީން ދޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ