ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުން، ފުލުހުންގެ ވަޒީފާއިން ވަކިކުރަން ލަފާދީފައިވާ އޮފިސަރުންގެ ތެރޭގައި ހިމެނޭ ފަސް އޮފިސަރަކު ވަޒީފާއިން ވަކިކުރަން ނިންމި ނިންމުން ބާތިލުކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ތަންފީޒު ކުރުން ފަސްކުރަން ހައި ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
މައްސަލައިގެ ފެށުން - ފުލުހުންގެ އާ ގާނޫނުގައި ބުނެފައިވާ ގޮތަށް ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންނަކީ މަސައްކަތަށް ގާބިލް ބައެއްތޯ ޕޮލިސް ބޯޑުން ބެލުމަށް ފަހު އެ ބޯޑުން ވަނީ ހަތް އޮފިސަރަކު ވަކިކުރަން ފެންނަ ކަމަށް ޕޮލިސް ކޮމިޝަނަރަށް ލަފާ ދީފަ އެވެ.
އެ ލަފަޔާ އެއްގޮތަށް ފުލުހުންގެ ވަޒީފާއިން އެ ހަތް އޮފިސަރުން ވަކިކުރުމުން އޭގެ ތެރެއިން ފަސް އޮފިސަރަކު ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. އެ މައްސަލަ އެ މީހުންނާ އެއްކޮޅަށް ނިންމީ މިދިޔަ 21 ޑިސެމްބަރު 2022ގަ އެވެ. ވަޒީފާއިން ވަކިކުރި ކުރުން ބާތިލްކުރި ފަސް އޮފިސަރުންނަކީ:
އޭސީޕީ މުހައްމަދު ޖަމްޝީދު
އޭސީޕީ އަހުމަދު މުހައްމަދު
ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް
ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް
ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު
ވީ ކިހިނެއް؟ - އެ ފަސް އޮފިސަރުން ވަޒީފާއިން ވަކިކުރަން ނިންމި ނިންމުން ސިވިލް ކޯޓުން ބާތިލުކުރުމުން ފުލުހުންގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އަދި ސިވިލް ކޯޓުގެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރަކަށް ވެސް ފުލުހުންގެ ފަރާތުން ހައި ކޯޓުގައި އެދުނެވެ.
ތަފްސީލް - ހައި ކޯޓުން މިއަދު ނެރުނު ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރުގައި ބުނީ ސިވިލް ކޯޓުގެ ހުކުމް ތަންފީޒު ކުރުން ފަސްކޮށްދިނުމަށް އެދި ފުލުހުންގެ ފަރާތުން ހުށަހެޅި ސަބަބުތަކަށް ބަލާއިރު، އެދިފައިވާ ފަރުވާ މި ހިނދުން މި ހިނދަށް ފޯރުކޮށް ނުދީފި ނަމަ، ދައުލަތުން ހުށަހަޅާފައިވާ އިސްތިއުނާފުގެ މައްސަލާގައި ކުރެވޭ ހުކުމުގެ މަގުސަދު ހާސިލު ނުވެދާނެ ފަދަ ހާލަތެއް މެދުވެރި ވެދާނެ ކަމަށެވެ.
ހައި ކޯޓުން އަމުުރު ނެރުނީ އެ އިސްތިއުނާފުގެ މައްސަލަ ބަލައި ނިމެންދެން ސިވިލް ކޯޓުގެ ހުކުމް ތަންފީޒު ކުރަން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ބުނެފަ އެވެ.
ސިވިލް ކޯޓުން ޕޮލިސް ބޯޑުގެ ނިންމުން ބާތިލުކުރީ، އޮފިސަރުން ވަކިކުރުމުގެ ބާރު ޕޮލިސް ބޯޑަށް ނުލިބޭ ކަމަށް ކަނޑައަޅަމުންނެވެ. ފަސް އޮފިސަރުން ވަޒީފާއިން ވަކިކުރަން ފޮނުވި ނޯޓިސްތައް ބާތިލުކުރަމުން ސިވިލް ކޯޓުން ކުރި ހުކުމުގައި ފާހަގަކުރި ގޮތުގައި:
އޮފިސަރުންގެ މައްސަލަތައް ބެލިކަމުގެ އެއްވެސް ލިޔެކިޔުމެއް ޝަރީއަތަށް ހުށަހަޅާފައެއް ނުވޭ
ފުލުހުންގެ އިސް އޮފިސަރުން މަސައްކަތަށް ގާބިލުތޯ ކަނޑައެޅުމުގެ ބާރު ގާނޫނުން އެ ބޯޑަށް ލިބުނު ނަމަވެސް، އެއީ އޮފިސަރުން ވަކިކުރަން ލިބޭ ބާރެއް ނޫން
ފުލުހުންގެ ފަރާތުން ދައުލަތުން ވަކާލާތުކޮށްފައި ވަނީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރުމާއި އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ފުލުހުންގެ އޮފިސަރުން ވަކިކުރުމުގެ ބާރު ޕޮލިސް ބޯޑަށް ލިބޭ ކަމަށް ބުނެ އެވެ.
ފުލުހުންގެ ފަސް އޮފިސަރަކު ވަކިކުރުން ބާތިލުކުރި ހުކުމް ތަންފީޒުކުރުން ފަސްކުރަން ހައި ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ