ގާސިމްގެ ވެރިކަމެއްގައި ފަތުރުވެރި ދާއިރާގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ކަށަވަރު: ޢަލީ ވަހީދު

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިިމްގެ ވެރިކަމުގައި ފަތުރުވެރި ދާއިރާގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ކަށަވަރުވާނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އއ. އަތޮޅަށް މިހާރުކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި މާމިގިލީ ދާއިރާގެ މަޖިލިސް މެމްބަރުކަން ވެސް ކުރައްވާ ގާސިމް އިބްރާހިމް އެ އަތޮޅު ހިމަންދޫއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
އެރަށުގައި ބޭއްވި ބައްދަލުކުރެއްވުމުގައިި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ އާއިލާތަކަށް ގާސިމް އިބްރާހިމްގެ ސަރުކާރެއްގައި ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެކަން ހާމަކުރައްވާ އަލީ ވަހީދު ވިދާޅުވީ ގާސިމްގެ ސަރުކާރުގައި ބޯހިޔާވަހިކަމުގެ ސިޔާސަތުގެ އެންމެ މުހިންމު އަސާސަކީ އެންމެ އާދައިގެ ރައްޔިތަށް ވެސް ބަލައިގަނެވޭނެ ލުއި ފަސޭހަ ގޮތެއްގައި ބޯހިޔާވަހިކަން ގާއިމް ކުރުން ކަމަށެވެ.
މީގެ އިތުރުން ދުނިޔޭގެ އެކިކަންކޮޅުގައި ބޯހިޔާވަހިކަން ފޯރުކޮށްދެނީ ބޯހިޔާވަހިކަންބޭނުންވާ ފަރާތްތައް ދެނެގަނެ އެފަރާތްތަކުގެ ހާލަތު ދެނެގަނެ، އެކަމަށް ގާއިމްކުރާ ރެޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ހަމަހަމަ އުސޫލުން ކަމަށާއި ގާސިމްގެ ވެރިކަމުގައި މުޅި ނިޒާމް ހަރުދަނާ އުސޫލަކުން ބައްޓަން ކުރައްވާނެ ކަމަށް ވެސް އަލީ ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ގާސިމް ވިދާޅުވީ ވެރިކަން ކުރެއްވުމަށްފަހު، ކޮންމެ ރައީސަކު ވެސް ވަޑައިގަންނަވަނީ ޖަލަށް ކަމަށާއި ޖަލަށް ނުގޮސްހުރި ހަމައެކަނި ރައީސަކީ ޑރ ވަހީދު ކަމަށެވެ.
ވަހީދު ޖަލަށް ނުގޮސްހުރީ ވަހީދުގެ ވެރިކަމުގެ އަދުލުވެރިކަމުން ކަމަށާއި ނަޝީދާއި ޔާމީން ވެރިކަން ދޫކޮށްލުމުން ޖަލަށްލީއިރު ދެން ހުރި މީހާގެ ހާލަތު އިނގޭނީ ވެރިކަމުން ފޭބުމުން ކަމަށް ވެސް ގާސިމް ވަނީ ވިދާޅުވެފައެވެ. އަދި ވެރިކަން ކުރުމުގެ އިޚުލާސްތެރިކަމެއް ނެތުމާއި ރައްޔިތުންނަށް ޣައްދާރުވުމަކީ ވެރިން ޖަލަށްދާންޖެހޭ ސަބަބުކަމަށް ވެސް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވި ސަބަބު ހާމަކުރައްވަމުން ގާސިމް ވިދާޅުވީ އެންމެ ބޮޑު ސަބަބަކީ ރައްޔިތުންނަށް އިޚުލާސްތެރި ވެރިކަމެއް ކޮށްދިނުން ކަމަށެވެ. އަދި ވެރިއަކަށްފަހު ވެރިއެއް ރައްޔިތުންނަށް ޣައްދާރުވާމިންވަރު ދަނީ ބޮޑުވަމުން ކަމަށް ވެސް ވިދާޅުވިއެވެ.
ތަނަކު ހުރި ޚާއިނަކު ވެރިކަން ދިނީމާ ގައުމުގެ މިނިވަންކަން ވިއްކުމާއި، ގައުމުގެ އިމުން ބައިތައް ވިއްކާލުމާއި ބައިތުލްމާލުން ވައްކަން ކުރުން ދަނީ ބޮޑުވަމުން ކަމަށާއި ގައުމަށް ކުރިމަތިވެފައިވާ ހުރިހައި މައްސަލަތަކެއްގެ ހައްލު އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނާފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ