ފާރިސްއަށް ތާއީދު ކުރަނީ ދަރިއަކަށްވާތީ އެއް ނޫން، ގާބިލު، އަމިއްލަ އެދުމެއް ނެތީމަ: މައުމޫން

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދަރިކަލުން ފާރިސް މައުމޫނަށް ތާއިދުކުރައްވަނީ އުފަން ދަރިއަކަށްވާތީ ނޫން ކަމަށާއި ގާބިލު ބޭފުޅަކަށްވާތީ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގައި އެމްއާރުއެމްގެ ރައީސްގެ މަގާމުގައި ހުންނެވި ފާރިސް ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ. އޭނާގެ ކެމްޕޭން ޓީމުން ޓުވިޓާގައި އާންމުކުރި ވީޑިއޯއެއްގައި މައުމޫން ވިދާޅުވީ ފާރިސްއަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރެއްވުމަށް ގާބިލް ބޭފުޅެއް ކަމަށެވެ.
“އަހުމަދު ފާރިސް މައުމޫނަށް އަޅުގަނޑު ތާއީދު ކުރަނީ، އޭނާއަކީ އަޅުގަނޑުގެ އުފަންދަރިއަކަށް ވީތީއެއް ނޫން. އަހުމަދު ފާރިސް މައުމޫނަށް އަޅުގަނޑު ތާއީދު ކުރަނީ، އޭނާ އަޅުގަނޑު ގަބޫލު ކުރާ އުސޫލުތައް ގަބޫލު ކުރާތީ. އޭނާއަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގާބިލުކަން ހުރި މީހެއް ކަމަށް ޔަގީން ކުރެވޭތީ،” މައުމޫން ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ 18ވަނަ ރައްޔިތުންގެ މަޖިލީހުގައި ދިއްގަރު ދާއިރާގެ މެމްބަރަކަށް ފާރިސް ހުންނެވި އިރުވެސް ގައުމަށް ފައިދާ ހުރި ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަމަށެވެ. އަދި ފާރިސް ޖަލަށްލީވެސް މެމްބަރެއްގެ މަގާމުގައި ހުންނަވައި ކުރެއްވި ސިޔާސީ މަސައްކަތެއްގެ ސަބަބުން ކަމަށް ވިދާޅުވި އެވެ.
އޭރު ފާރިސް ޖަލަށްލީ ރައްޔިތުންގެ މަޖިލިހުގެ އޭރުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މެމްބަރުންގެ ސޮއި ހޯދުމަށްޓަކައި ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގަ އެވެ.
މައުމޫން ވިދާޅުވީ، މެމްބަރެއްގެ ގޮތުގައި ހުންނެވި އިރު، ފާރިސްގެ ކިބައިން ފެނުނު އެ ހިތްވަރު، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ފާރިސް އިންތިހާބުވެއްޖެ ނަމަވެސް ފެންނާނެ ކަމަށެވެ. އަދި ފާރިސްއަކީ އަމިއްލަ މަސްލަހަތަށް ނުވަތަ އަމިއްލަ ފައިދާއަށް އެއްވެސް ކަމެއް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
“ފާރިސް މައުމޫންއަކީ، އަމިއްލަ ފައިދާއަށްޓަކައި ގައުމު ވިއްކާލާނެ މީހެއް ނޫން. އޭނާއަކީ، ދޮގު ހަދައި މަކަރު ހަދައި އޯޅުވާލާނެ މީހެއް ނޫން،” މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ