އަންނަ ސެޕްޓެންބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، އެމަނިކުފާނުގެ ފިކުރަށް ތާއީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް އުފެއްދި ޕާޓީ، ދަ ޑިމޮކްރެޓްސް، އުޅެނީ ތަންކޮޅެއް ފަހަތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެންމެ ބުއްދިވެރި ގޮތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި އެމަނިކުފާނު ވެސް ކުރިމަތިނުލެއްވުން ކަމަށް ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވުމާއި ގުޅިގެން، އެ ވާހަކަތަކަށް ރައްދުދެއްވާ ކުރެއްވި ޓްވީޓެއްގައި މެމްބަރު ޝިޔާމް ވިދާޅުވީ، ރައީސް ނަޝީދު އެ ވިދާޅުވީ އެމަނިކުފާނުގެ ވިސްނުންފުޅު ކަމަށެވެ.
އަދި މި އިންތިހާބުގައި، ރައީސް ނަޝީދާއި، ދަ ޑިމޮކްރަޓްސް އުޅެނީ ތަންކޮޅެއް ފަހަތުގައިކަމަށް ވިދާޅުވެ، މެމްބަރު ވަނީ، ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން، އެ ޕާޓީގެ ކެނޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމީން މާކުރިން ކަނޑައަޅައި ކެމްޕެއިންވެސް ފަށަައިފައިވާކަން މެމްބަރު ފާހަގަކުރައްވާފައެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު، ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ރައީސް ޔާމީން ކަމުގައިވާއިރު، އެމަނިކުފާނުގެ މައްޗަށް ޖަލު ހުކުމެއް އޮތުމާ އެކު މިވަގުތަށް ރިޔާސީ އިންތިހާބުގައި ކުރިމަތިލުމަށް އެމަކިފާނަށް ގާނޫނީ ގޮތުން ފުރުސަތު ވަނީ ބަންދުވެފައެވެ.
އެމްޑީޕީން ވަކިވެ ނަޝީދަށް ތާއިދުކުރައްވާ އެ ޕާޓީގެ މަޖިލިސް މެމްބަރުންތަކެއް އިސްވެ "ދަ ޑިމޮކްރެޓްސް" ނަމުގައި ޕާޓީއެއް އުފެއްދުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ، އެމަނިކުފާނާއި، ރައީސް ޔާމީން އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް ވާދަކުރުމުގެ ބަދަލުގައި، ދެ ބޭފުޅުން އެކުގައި މަސައްކަތްކޮށް ރައްޔިތުން އެދޭ ހެޔޮ ގޮތެއް ހޯދަވައިދެއްވަން މަސައްކަތް ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވިދާޅުވެފައެވެ.
އެ ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމާއި، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއި އެމްއާރްއެމްގެ ނައިބު ރައީސް ނާދިރާ ހަސަން އަދި ޖުމްހޫރީ ޕާޓީގެ ފަރާތުން ރިޔާޒު ރަޝީދު ބައިވެރިވެވަޑައިގެންނެވިއިރު، އެ ހުރިހާ ޕާޓީތަކަށް ރައީސް ނަޝީދު ދައުވަތު ދެއްވީ އެކުގައި މަސައްކަތްކޮށްގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިންތިހާބުން ބަލިކުރުމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ ރައްޔިތުން އެދި ގޮވަމުން ދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ކަމުނުދާކަން ކަމަށާއި އެހެންކަމުން ރައްޔިތުންނަށް އިތުރު ގޮތެއް ހޯދައިދިނުމަކީ ވާދަވެރި އެހެން ޕާޓީތަކުގެ މައްޗަށް އޮތް ޒިންމާއެއް ކަމަށެވެ.
އަންނަ ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމަށް ޕީޕީއެމް/ޕީއެންސީއާ އެކު ޑިމޮކްރެޓްސް އިން މިހާރު އަންނަނީ ރަސްމީކޮށް މަޝްވަރާތައް ކުރަމުންނެވެ. ނަމަވެސް، އެ ދެ ޕާޓީން ވެސް ނިންމާފައިވަނީ ފުރަތަމަ ބުރުގައި ދެ ޕާޓީ ވެސް ވަކިން ވާދަކުރުމަށެވެ.
މި އިންތިހާބުގައި ރައީސް ނަޝީދާއި، ޑިމޮކްރެޓްސް އުޅެނީ ތަންކޮޅެއް ފަހަތުގައި: މެމްބަރު ޝިޔާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ