ކަރަންޓުގެ އަސާސީ ޚިދުމަތުން ރައްޔިތުން މަހުރޫމު ވުމުން މުއިއްޒު އަވަސްވެގަތީ, ކަރަންޓު ކަނޑާލީ ވެރިކަން ވައްޓާލުމަށް ގަސްތުގައިކަމަށް ތުހުމަތުކޮށް, ފުލުހުން މެދުވެރިކޮށް މައްސަލަ ތަހުގީގު ކުރުމަށް!

މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ސަރަހައްދުން މިއަދު މެންދުރުފަހު ކަރަންޓު ކެނޑިގެން ދިޔަ މައްސަލައަކީ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ބެލެވޭ ކަމެއް ކަމަށް އެމައްސަލަ ތަހުގީގު ކުރުމަށް މުއިއްޒު ފުލުހުންނަށް އަމުރު ކޮށްފިއެވެ.
ސްޓޭލްކޯގެ އިންޖީނުތަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން މެންދުރުފަހު 12:45 ގައި މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑިގެން ދިޔައެވެ. މި ހާދިސާ ދިމާވުމުން ރާއްޖޭގެ އެންމެ ބޮޑު އާބާދީ ދިރިއުޅޭ ސަރަހައްދުތަކުގެ ދިރިއުޅުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވިއެވެ.
ހައްޖުގެ އަޅުކަން އަދާކުރައްވަން ސައުދީ އަރަބިއްޔާގައި ހުންނެވި މުއިއްޒު، މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކަމާބެހޭ އިދާރާތަކަށް މި މައްސަލަ ސީރިއަސްކަމެއްގެ ގޮތުގައި ބަލައި، އަވަސް ފިޔަވަޅުތައް އެޅުމަށް އަންގަވާފައިވާ ކަމަށެވެ. އަދި މިފަދަ ހާދިސާއެއް ތަކުރާރު ނުވާނެ ގޮތަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ކުރަންޖެހޭ އެންމެހައި އިސްލާހުތައް ސަރުކާރުން ގެންނަވާނެ ކަމަށް ރައީސް ޔަގީންކަންވެސް މުއިއްޒު ދެއްވާފައި ވެއެވެ.
މާލޭގެ ކަރަންޓު ކެނޑުމުގެ މައްސަލަ މިއަދު ދިމާވުމާއެކު ރައްޔިތުންގެ މި އަސާސީ ޚިދުމަތަށް ހައްލެއް ހޯދުމަށް ވިސްނުމުގެ ކުރިން މުއިއްޒު އަވަސްވެގަތީ, ސަމާލުކަން ދީފައިވަނީ, މިއީ ވެރިކަން ވައްޓާލުމަށް ހިންގި ޖަރީމާއެއްކަމަށް ތުހުމަތުކޮށް މިމައްސަލަ ތަހުގީގު ކުރުމަށެވެ. ރައްޔިތުންނަށް ކުރިމަތިވި ދަތިތަކާއި, އާންމު ޚިދުމަތްތަކުން ރައްޔިތުން މަހުރޫމްވުމުން ކުރިމަތީ މައްސަލަތަކާމެދު މުއިއްޒުގެ ވިސްނުން ހިނގާފައި ނުވާކަން ހާމަވީ, މިމައްސަލައަކީ ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ކަމެއްކަމަށް މުއިއްޒުއަށް ވިސްނުމުންނެވެ.
ރައްޔިތުން އަސާސީ ޚިދުމަތަކުން މަހުރޫމްވުމުންވެސް މުއިއްޒުގެ ވިސްނުމުގައި ދައުރުވެފައިވަނީ ވެރިކަން ގެއްލިދާނެކަމުގެ ބިރުވެރިކަމެވެ. މުއިއްޒުގެ އެންމެ ފުރަތަމަވެސް ކުރެއްވި މަސައްކަތަކީ ވެރިކަން ހިމާޔަތް ކުރުމުގެ މަސައްކަތެވެ. ރައްޔިތުން ކަނު އަނދިރީގައި ބައިތިއްބައިގެންވެސް މުއިއްޒުއަށް މުހިންމުވީ ވެރިކަން ހިމާޔަތް ކުރުމެވެ. ގިނަ ބަޔަކު ފާހަގަ ކުރާ ގޮތުގައި ވެރިކަމާހެދި ހޭބުއްދި ފިލި ރައީސެއް މުއިއްޒު ފިޔަވާ ދިވެހިން މިހާތަނަށް ދެކެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ