ގެއްލިގެން ހޯދާ ބިދޭސީ މީހާ ވީކަމަށް ބެލެވެނީ ކަނޑުގެ 550 މީޓަރު އަޑީގައި އޮތް ކޮޅުވެއްޓީގައި: އެމްއެންޑީއެފް ގެއްލިގެން ހޯދާ ބިދޭސީ މީހާ ވީކަމަށް ބެލެވެނީ ކަނޑުގެ 550 މީޓަރު އަޑީގައި އޮތް ކޮޅުވެއްޓީގައި: އެމްއެންޑީއެފް

މިދިޔަ ބުދަ ދުވަހު ކާށިދޫ ކަނޑަށް ސިވެކްގެ ކޮޅުވެއްޓި ބަންޑުން ޖަހާލައި ހިނގި ހާދިސާގައި ގެއްލިގެން ހޯދަމުންދާ ބިދޭސީ މީހާ ވީ ކަމަށް ބެލެވެނީ ކަނޑުގެ 550 މީޓަރު އަޑީގައި ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ ގްރޫޕުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދިނުމަށް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ފޮނުވި މެސެޖުގައި ބުނީ ލޭންޑިން ކްރާފްޓު ބަންޑުން ޖަހާލީ ދިޔަވެ ކުއްލިއަކަށް އަރިއަޅާލައިގެން ކަމަށެވެ. ގެއްލިގެން ހޯދަމުންދާ ބިދޭސީ މީހާ އެ ވަގުތު ހުރީ ކޮޅުވެއްޓީގެ އިންޖީން ރޫމްގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
"ގެއްލުނު ބިދޭސީ ފަޅުވެރިޔާ އިންޖީނު ރޫމުގެ ތެރޭގައި ވީކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ، ސިވެކް ކުންފުނީގެ ލޭންޑިން ކްރާފްޓު ފެތިފައި ވަނީ ކާށިދޫ ކަނޑުގެ ތެރެއިން ޅ. އަތޮޅާއި އެއް މޭލު ދުރުން 550 މީޓަރު އަޑިއަށެވެ." އެމްއެންޑީއެފްގެ މެސެޖުގައި ބުންޏެވެ.
ސިވެކްގެ ކޮޅުވެއްޓި މިހާރު އޮތީ ކަނޑުގެ 550 މީޓަރު އަޑީގައި ކަމަށާއި ގެއްލިގެން ހޯދަމުންދާ ބިދޭސީ މީހާ ވީ އެ ކޮޅުވެއްޓީގެ އިންޖީނު ރޫމްގައި ކަމަށް ބެލެވޭ ކަމަށް އެމްއެންޑީއެފުން ބުނިއިރު، އެހާ ފުނަށް ދިޔުމުގެ ގާބިލުކަން އެމްއެންޑީއެފްގައި ހުރިތޯ އެހި ސުވާލަށް އަދި ޖަވާބެއް ނުދެ އެވެ.
އެމްއެންޑީއެފުން ބުނީ ސިވެކްގެ ލޭންޑިން ކްރާފްޓު ބަންޑުން ޖަހާލީ ޅ. އަތޮޅާއި ފަސް ވަރަކަށް މޭލަށް ކައިރިވެފައި ވަނިކޮށް ދިޔަވާން ފަށައި ކުއްލިއަކަށް އަރިއަޅާލައިގެން ކަމަށް އެ ލޭންޑިން ކްރާފްޓުގެ ކެޕްޓަން މައުލޫމާތު ދީފައިވާ ކަމަށެވެ.
އެ ވަގުތު ލޭންޑިން ކްރާފްޓުގެ ކެޕްޓަނާއި އެ ހާދިސާގައި ނިޔާވި ވޮރަންޓު އޮފިސަރު، އަލީ ހާމިދު ތިބީ ވީލްހައުސް ތެރޭގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެމްއެންޑީއެފުން ބުނީ އެ ހާދިސާ ހިނގި ގޮތް ބެލުމަށް އެތެރޭގެ ތަހުގީގެއް ކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ