އެސްއީޒީތަކަށް 680 މިލިއަން ޑޮލަރުގެ ހުށަހެޅުންތައް ލިބިއްޖެ: ސައީދު

ސްޕެޝަލް އިކޮނިމިކް ޒޯނު (އެސްއީޒީ)ތަކުގައި 680 މިލިއަން ޑޮލަރު (10 ބިލިއަން ރުފިޔާ)ގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް މިހާތަނަށް ހުށަހެޅުންތައް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިއަދު ސިންގަޕޫރުގައި ކުރިއަށް ދިޔަ ރާއްޖޭގެ އިންވެސްޓުމެންޓު ފޯރަމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ރައީސްް މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާ އެކު ރާއްޖޭގެ އިގްތިސޯދު ދަނީ އާ އަމާޒަކަށް ކަމަށެވެ.
ތަފްސީލް - އެސްއީޒީތަކަށް 5 އަހަރު ތެރޭ 1 ބިިލިއަން ޑޮލަރު ގެނައުމަކީ ސަރުކާރުގެ އަމާޒުކަމަށް ސައީދު ވިދާޅުވި އެވެ.
"ސޯލާ ސިޓީ ޕްރޮޖެކްޓު އެގްރިމެންޓުގައި މިއަދު ސޮއިކުރާއިރު އެސްއީޒީ ޕޯޓްފޯލިއޯއަށް މިހާތަނަށް ލިބިފައިވާ ކޮމިޓުމެންޓުތަކުގެ އަގު 680 މިލިއަން ޑޮލަރަށް ވުރެ އިތުރު،" ސައީދު ވިދާޅުވި އެވެ.
"މިއީ ތާރީހީ ކުރިއެރުމެއް އަދި 1 ބިލިއަން ޑޮލަރުގެ އަމާޒަށް ވާސިލް ވުމަށް ލިބިފައިވާ ކުރިއެރުމެއް."
ސައީދު ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ:
2028 އަންނައިރު ރާއްޖޭގެ އުފެއްދުންތެރިކަން 150 ބިލިއަން ރުފިޔާއަށް އެރުވުން
އުފެއްދުންތެރިކަން ބޮލަކަށް ޖެހޭ ވަރު 17،000 ޑޮލަރަށް އެރުވުން
2030 އަންނަ އިރު އުފެއްދުންތެރިކަމުގެ %15 އަކީ ކްރިއޭޓިވް ދާއިރާތަކަށް ހެދުން
މިއީ އިގްތިސޯދުގައި އާ ސިނާއަތްތަކަށް މަގުފަހިވެ، ޒަމަންވީ އިގްތިސޯދީ ސިނާއަތްތަކުގެ އިތުރުން އެހެން ސިނާއަތްތަކުން ވެސް ރާއްޖެ އަށް އާމްދަނީ ހޯދޭނެ މަހު ފަހި ކުރުމުގެ އަމާޒެއް ކަމަށް ސައީދު ވިދާޅުވި އެވެ.
ސައީދު ވަނީ ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމުގައި ސިންގަޕޫރުގެ ކުންފުނިތަކުގެ ބައިވެރިވުން ފާހަގަ ކުރައްވައިފަ އެވެ.
"ފެންނަން މި އޮތް ޓްރެކް ރެކޯޑާ އެކު ކުރިއަށް އޮތްތަނުގައި ވެސް އެކުގައި މަސައްކަތް ކުރަން ދައުވަތު ދެން،" އިކޮނޮމިކް މިނިސްޓަރު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ރާއްޖޭގެ ފޮރިން އިންވެސްޓުމެންޓު ގާނޫނަށް ގެނައި ބަދަލުތަކާ އެކު، ރާއްޖޭގައި އޮތީ ދެފުށްފެންނަ އަދި އިންވެސްޓަރުންނަށް ފަސޭހަ ވިޔަފާރީގެ މާހައުލެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ