ޗައިނާއިން ޕާކިސްތާނަށް 3.4 ބިލިއަން ޑޮލަރުގެ ލޯނެެއް ދީފި

ޗައިނާއިން ޕާކިސްތާނަށް 3.4 ބިލިއަން ޑޮލަރުގެ ލޯނެއް ދީފައިވާ ކަމަށް ޕާކިސްތާނު ސަރުކާރުގެ އިސް ދެ އޮފިޝަލަކު އިއްޔެ ރޮއިޓާސްއަށް ކަށަވަރުކޮށްދެއްވައިފި އެވެ.
އެއާ އެކު އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފުން) ކަނޑައަޅާފައިވާ މިންގަނޑާ އެއްވަރަށް ޕާކިސްތާނުގެ ފޮރިން އެކްސްޗޭންޖު ރިޒާވް އިތުރުވެގެންދާނެ އެވެ.
ޗައިނާ އިން ވަނީ މީގެ ދެ މަސް ކުރިން ޕާކިސްތާނުން ދެއްކި 2.1 ބިލިއަން ޑޮލަރު އަނބުރާ އެ ގައުމަށް ދޫކޮށްފަ އެވެ. އެ ފައިސާއަކީ ޕާކިސްތާނުގެ މަރުކަޒީ ބޭންކުގެ ރިޒާވްގައި ހުންނަތާ ތިން އަހަރު ވެފައިވާ ފައިސާ އެކެވެ. އަދި އިތުރު 1.3 ބިލިއަން ޑޮލަރުގެ ކޮމާޝަލް ލޯނެއް ވަނީ ރީފައިނޭންސްކޮށްފަ އެވެ.
ނަން ހާމަ ނުކުރާ ގޮތަށް ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ މެދުއިރުމަތީގެ ކޮމާޝަލް ބޭންކުތަކުން އިތުރު 1 ބިލިއަން ޑޮލަރު ލިބިފައިވާ އިރު، މަލްޓިލޭޓަރަލް ފައިނޭންސިންގެ ގޮތުގައި 500 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ.
"މިއާ އެކު އައިއެމްއެފްގެ ޓާގެޓާ އެއްވަރަށް އަޅުގަނޑުމެންގެ ރިޒާވް އެލައިން ކޮށްދޭނެ،" އޭނާ ވިދާޅުވި އެވެ.
ހާއްސަކޮށް ޗައިނާއިން ފޯރުކޮށްދޭ މި ލޯނުތަކަކީ ޕާކިސްތާނުގެ ބޭރު ފައިސާގެ ރިޒާވް ދަށްވެފައި އޮތުމަށް ކޮންމެހެން ބޭނުންތެރި ލޯނުތަކެކެވެ. މި މަސް ނިމޭ އިރު 14 ބިލިއަން ޑޮލަރަށް ވުރެ މަތީގައި ރިޒާވު ހުންނަން ޖެހޭނެ ކަމަށް އައިިއެމްއެފުން ބުނެ އެވެ.
ޕާކިސްތާނުގެ ކަމާ ބެހޭ ފަރާތްތަކުން ބުނަނީ އައިއެމްއެފްގެ 7 ބިލިއަން ޑޮލަރުގެ ބެއިލްއައުޓަށް ފަހު އެ ގައުމުގެ އިގްތިސާދު ހަމައަކަށް އެޅެމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ