ދިފާއީ ހަރަދު %5އަށް އިތުރުކުރަން ނޭޓޯގެ ގައުމުތަކުން ނިންމައިފި

ނޭޓޯ ގައުމުތަކުގެ ދިފާއީ ބަޖެޓް ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން %2 އިން 2035ގެ ނިޔަލަށް %5އަށް އިތުރު ކުރުމަށް އެ އިއްތިހާދުން އިއްޔެ ނިންމައިފި އެވެ.
ހުޅަނގުގެ އަސްކަރީ އިއްތިހާދުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސަލާމަތީ ބޮޑެތި ނުރައްކާތަކާއި ގޮންޖެހުންތަކާ ކުރިމަތިލުމުގައި ގުޅިފައިވާ އިއްތިހާދުން އެކަމަށް އެއްބަސްވެފައިވާ ކަމަށެވެ. ވަކިން ހާއްސަކޮށް، ރަޝިޔާ އިން ޔޫރޯ އެޓްލާންޓިކްގެ ސަލާމަތަށް ކުރިމަތިވެފައިވާ ނުރައްކަލާއި ޓެރަރިޒަމްގެ ނުރައްކާ އަބަދު ވެސް އޮތް ކަމަށް އެ ޖަމާއަތުން ބުންޏެވެ.
ވަކިވަކި ގައުމުތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް 2035 ވަނަ އަހަރުގެ ނިޔަލަށް ދިފާއީ ޒަރޫރީ ބޭނުންތަކަށާއި ދިފާއީ ދާއިރާއާ ގުޅުންހުރި ހަރަދުތަކަށް ކޮންމެ އަހަރަކު ވެސް ޖީޑީޕީގެ %5 އިންވެސްޓް ކުރުމަށް އެކުވެރި ގައުމުތަކުން ވަނީ ވައުދުވެފަ އެވެ.
ނޭޓޯއިން ބުނީ އެ މަގުސަދު ހާސިލުކުރުމުގައި އިތުބާރު ހިފޭ، އަހަރަކުން އަހަރަކަށް ދިފާއީ ބަޖެޓް އިތުރުވަމުންދާކަން ދައްކުވައިދޭ ޕްލޭނެއް ގައުމުތަކުން ހުށަހަޅަންޖެހޭނެ ކަމަށެވެ.
ދިފާއީ ހަރަދުތަކަށް ޖީޑީޕީގެ %2 ކަނޑައެޅުމަށް 2014ގައި ވީ އަމާޒަށް ބައެއް މެމްބަރު ބައެއް ގައުމުތަކުން އަދިވެސް އަމަލުކޮށްފައެއް ނުވެ އެވެ.
މި ތާރީހީ ފިޔަވަޅަކީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ނުތަނަވަސްކަމާއި ޔޫކްރެއިން އާއި ރަޝިޔާއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން އެޅި ފިޔަވަޅެކެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދެ ދައުރުގައި ވެސް އެމެރިކާ، ކެނެޑާ އަދި ޔޫރަޕްގެ ބައިވެރިން ގުޅިގެން ދިފާއުކުރުމުގެ ބުރައަށް އިތުރު އެހީތެރިކަމެއް ދިނުމަށް ވެސް މެންބަރުން ވަނީ ނިންމައިފަ އެވެ.
ނޭޓޯގެ މި އަސާސީ އުސޫލާ މެދު އެމެރިކާގެ އިތުބާރު އޮތްކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި، އެއް މެމްބަރަކަށް ހަމަލާދީފި ނަމަ އެންމެންނަށް ދެވޭ ހަމަލާއެއް ކަމަށް ގަބޫލުކޮށް އެ ކޯލިޝަނުން އަބަދުވެސް ދެމިތިބޭނެކަމުގެ ޔަގީންކަން ވެސް ވަނީ ތަކުރާރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ