ކުރެންދޫ ބަނދަރު މަޝްރޫއުގެ ގެއްލުމަށް، ބަދަލުގެ އިތުރަށް 23.2 މިލިއަން ރުފިޔާ ޔޫމެޓަށް ދިން: އޮޑިޓް
ޅ. ކުރެންދޫގެ ބަނދަރު މަޝްރޫއުގެ އެއްބަސްވުން ބާތިލުވުމާ ގުޅިގެން ޔޫމެޓް ކޮންސްޓްރަކްޝަނަސް ދޭން ޖެހޭ ގެއްލުމުގެ ބަދަލުގެ އިތުރަށް، 23.2 މިލިއަން ރުފިޔާ ދީފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ. ކުރެންދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ހައުސިން މިނިސްޓްރީން ހަވާލުކުރީ ސަރުކާރުން ހިންގަމުން އައި ވަކްސް ކޯޕަރޭޝަން ލިމިޓެޑާއެވެ. ނަމަވެސް، އެ މަޝްރޫގެ ބައެއް މަސައްކަތްތައް ވަކްސް ކޯޕަރޭޝަނުން ވަނީ ޖަނަވަރީ 27، 2011ގައި ސޮއިކޮށްފައިވާ ޖޮއިންޓް ވެންޗާ އެއްބަސްވުމެއްގެ ދަށުން، 14.9 މިލިއަން ރުފިޔާއަށް ޔޫމެޓް އިންވެސްޓުމަންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައެވެ. އެއަށްފަހު އޮކްޓޫބަރު 30، 2011ގައި މަސައްކަތުގެ ސްކޯޕަށް ބަދަލުގެނެސް، އެއްބަސްވުމުގެ އަގު ވަނީ 21.1 މިލިއަނަށް ބޮޑުކޮށްފައެވެ. އޭގެ ފަހުން މާރިޗް 10، 2013ގައި ސަރުކާރުން ވަނީ ވާކްސްއާއި ޔޫމެޓްގެ ޖޮއިންޓް ވެންޗާ އެއްބަސްވުން ބާތިލުކޮށްފައެވެ. އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކުރި ރިޕޯޓުގައި ވަނީ، އެ މަޝްރޫއު ހަވާލުކުރުމަށް ޔޫމެޓް ކޮންސްރަކްޝަނާ ހަވާލުކުރުމަށް ވަކްސް ކޯޕަރޭޝަނުން ހެދި އެއްބަސްވުން ބާތިލުކުރުމުން ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލުން ގެއްލުމުގެ ބަދަލު ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން، އެ ނިންމުމުގެ ދަށުން ނަގައިދޭން ޖެހެނީ 2.8 މިލިއަން ރުފިޔާ ކަމަށްވީ ނަމަވެސް، 26 މިލިއަން ރުފިޔާ ޔޫމެޓަށް ނަގައިދޭން އިކޮނޮމިކް ކައުންސިލުން ނިންމި ކަމަށް ރިޕޯޓުގައިވެއެވެ. އެއީ އެ ކުންފުންނަސް ދޭން ޖެހޭ އަދަދަށް ވުރެ 23.2 މިލިއަން ރުފިޔާ އިތުރު އަދަދެއްކަން އޮޑިޓުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން އޮޑިޓުގައިވަނީ، ޔޫމެޓަށް އެ އަދަދަށް ފައިސާ ދިނީ، އެ ކުންފުންނަށް ބަދަލު ނަގައިނުދެވޭނެ ކަމަށް ޝަރުއީ ކޯޓުތަކުން ކަނޑައަޅާފައިވާ ވަނިކޮށް ކަމަށެވެ. އެ މައްސަލައިގައި ސިވިލް ކޯޓުން ހުކުމްކުރީ އެއްބަސްވުން ބާތިލުކުރިއިރު ނުދައްކާ ހުރި 13.4 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށެވެ. ނަމަވެސް ހައިކޯޓުން ނިންމީ އެއްބަސްވުން ބާތިލުކުރީ ގާނޫނާ ޚިލާފަށް ނޫން ކަމަށާއި ސިވިލް ކޯޓުން ނަގައިދޭން ނިންމި ފައިސާއަކީ ކޮށްނިންމައިފައިވާ މަސައްކަތުގެ ބަދަލުގެ މިންވަރުކަން އެނގެން ނެތުމުން ބަދަލު ނުދެވޭނެ ކަމަށެވެ. އެއަށްފަހު ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފު ކުރުމުން އެ ކޯޓުން ހުކުމްކުރީ ބަދަލުގެ ގޮތުގައި ނަގައިދޭ ފައިސާއާ ގުޅޭ ގޮތުން ހައިކޯޓުގެ ނިންމުމަށް ތާއިދު ކުރި ނަމަވެސް، އެއްބަސްވުން ބާތިލުކުރި ގޮތާ ގުޅޭ ގޮތުން ސިވިލް ކޯޓުން ނިންމި ގޮތް ދެމިއޮންނާނެ ކަމަށެވެ. އެކަމަކު، ސަރުކާރުން ޔޫމެޓަށް ބަދަލު ދިންއިރު، ކޯޓުގެ ނިންމުމަށް ރިއާޔަތްކޮށްފައި ނެތް ކަމަށް އޮޑިޓުގައި ވަނީ ބުނެފައެވެ. އިތުރަށް އޮޑިޓުގައި ފާހަގަކޮށްފައިވާ ކަންކަން: ޔޫމެޓުން ނުކޮށް ހުރި މަސައްކަތުގެ އަގަށްވާ ފައިސާ ދައުރުކޮށްގެން އާމްދަނީ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ އަދަދު، ގެއްލުމުގެ ބަދަލަށް ނަގައިދީފައިވާކަން އައިޑްލް ކޮސްޓް ހިސާބުކުރުމަށް މަސައްކަތް ހުއްޓިފައިވާ ދުވަސްތައް ގުނުމުގައި، މަސައްކަތް ހިނގި މުއްދަތު ވެސް ހިމަނާފައިވާކަން މަޝްރޫއުގެ މަސައްކަތް ހުއްޓުމުން ލިބޭނެ ގެއްލުން ކުޑަކުރުމަށް ޔޫމެޓުން ފިޔަވަޅު އަޅަން ޖެހޭކަން އޮޑިޓުގައި ވަނީ އެ މައްސަލަ އިސްލާހުކުރުމަށް ލަފާދީފައެވެ. އެ އޮފީހުން ވަނީ، ޔޫމެޓަށް އިތުރަށް ނަގައިދީފައިވާ 23.2 މިލިއަން އަނބުރާ ހޯދުމަށް ލަފާދީފައެވެ. އަދި ދައުލަތުގެ ފައިސާ ނާޖާއިޒު ގޮތުގައި ނަގަައިދިނުމުގައި ޒިންމާވާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ވެސް އޮޑިޓުގައި ވަނީ ލަފާދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ