ކްލަބް ވޯލްޑް ކަޕްގެ ގަދަ 16ގައި މެންޗެސްޓަ ސިޓީގެ މައްޗަށް ސައުދީ އަރބިއްޔާގެ އަލް-ހިލާލް 4-3 އިން ހޯދި ކާމިޔާބީއަކީ 'އެވަރެސްޓް ފަރުބަދައިގެ ކޮޅަށް' އެރުން ފަދަ ކާމިޔާބީއެއް ކަމަށް ސިފަކޮށްފި އެވެ.
މިއީ އެއްވެސް މީހަކު ހީކުރި ކަހަލަ ނަތީޖާއެއް ނޫނެވެ. ޕެޕް ގާޑިއޯލާގެ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ފުޓްބޯޅަ ކްލަބްގެ މައްޗަށް އަލް-ހިލާލްއަށް މިކަހަލަ ވާދަވެރި މެޗެއްގައި ގަދަވެގަނެވޭނެ ކަމަކަށް، މެޗުގެ ކުރިން ގަބޫލުކުރާނީ މަދު ބައެކެވެ.
ނަމަވެސް އިތުރު ވަގުތުގެ 112 ވަނަ މިނިޓްގައި 4-3 އިން ސިޓީގެ މައްޗަށް ކާމިޔާބު ހޯދަން އަލް-ހިލާލުން ޖެހި ލަނޑަކީ، ދުނިޔޭގެ ފުޓްބޯޅައަށް ވެސް ދިން ވަރުގަދަ މެސެޖެއް ކަމަށް ބެލެވެ އެވެ.
ސައުދީގެ ޕްރޮ ލީގު އުފައްދައި، ދުނިޔޭގެ ފެންވަރުގެ ބައެއް ތަރިން ބޮޑު އަގުގައި ގެންގޮސް ސައުދީ އަރަބިއްޔާއިން ފެށި މަޝްރޫއުގައި ކުލަ ޖެހެމުން އަންނަކަން މި ނަތީޖާއިން ދައްކައިދެ އެވެ.
މާކޯސް ލިއަނޯޑާގެ ލަނޑުން އަލް-ހިލާލް މޮޅުކޮށް، ކްއާޓާ ފައިނަލަށް ގެންގޮސްދެވުމަކީ މެޗުގައި ދެ ލަނޑު ޖެހި ބްރެޒިލްގެ 22 އަހަރުގެ ފޯވަޑަށް ވެސް ވަރަށް މުހިންމު ވަގުކޮޅެކެވެ. އޭނާގެ ދެ ލަނޑު ހަދިޔާކުރީ އައިސީޔޫގައި އެތައް ދުވަހެއް ވަންދެން އޮންނަން ޖެހުނު އެކަމަކު މިހާރު ރަނގަޅު ވަމުން އަންނަ އޭނާގެ މަންމައަށެވެ.
"މިދިއަ ދެ މަހަކީ އަހަންނަށް ވަރަށް އުނދަގޫ ދުވަސްތަކެއް. އަހަރެންގެ މަންމަ ވަނީ އައިސީޔޫގައި 70 ދުވަސް ހޭދަކޮށްފައި،" ލިއަނޯޑާ ބުންޏެވެ.
"ކަލާނގެ ހަޒުރަތަށް ޝުކުރު. މަންމަ މިހާރު ރަނގަޅު. ދެ ގޯލް ޖެހުމާ އެކު އަހަންނަށް ވިސްނުނީ މަންމައާ މެދު. މަންމައަށް މި މެޗު ބެލޭވަރުވި."
އަލް-ހިލާލްގެ މި ކާމިޔާބިއަކީ މީގެ މަހެއްހާ ދުވަސް ކުރިން އެ ޓީމާ ހަވާލުވި ކޯޗު ސިމޯނި އިންގާޒީއަށް ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. މީގެ ގާތްގަނޑަކަށް މަހެއްހާ ދުވަސް ކުރިން އޭނާގެ އޭރުގެ ޓީމު އިންޓަ މިލާން ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި 5-0 އިން ޕީއެސްޖީ އަތުން ބަލިވެފަ އެވެ.
ކްލަބް ވޯލްޑް ކަޕްގެ ގަދަ 16އިން އިންޓަ ކެޓީ ބްރެޒިލްގެ ފުލުމިނޭސީ އަތުން ބަލިވެގެންނެވެ.
"މެންޗެސްޓަ ސިޓީއަކީ ވަރަށް ވަރުގަދަ ޓީމެއް. އަހަރެމެންނަށް އެނގޭ އެ ޓީމު ބަލިކުރުމަކީ އޮކްސިޖަންއަކާ ނުލައި މައުންޓް އެވަރެސްޓަށް އެރުން ފަދަ ކަމެއް ކަން،" އިންގާޒީ ބުންޏެވެ.
އޭނާގެ ހުރިހާ ޝުކުރެއް އޮތީ ކުޅުންތެރިންނަށެވެ.
މެންޗެސްޓަ ސިޓީގެ މައްޗަށް އަލް-ހިލާލުން ބޮޑު ކާމިޔާބީއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ