ރާއްޖޭގައި މެދު ފަންތީގެ ޓޫރިޒަމް ކުރިއެރުވުމަށް 2016 ގައި ސައްތައިން ސައްތަ ސަރުކާރު ހިއްސާ އޮންނަ ގޮތަށް އުފެއްދި މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެމްއައިޓީޑީސީ) އުވާލައި ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ޒިންމާ މަތިކޮށްފައިވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހަރަދު ކުޑަކުރަން އެ ކުންފުންޏަށް އަންގަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީއިން އެ ދެ ކުންފުނީގެ ހާލަތު ދިރާސާ ކުރުމަށް ފަހު އެކުލަވާލި ރިޕޯޓު މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ. އެ ރިޕޯޓު ތަޅުމުން ފާސްކުރީ 62 ވޯޓުގެ އަގުލަބިއްޔަތުންނެވެ.
އެ ރިޕޯޓުގައި މައިގަނޑު ތިން ކަމެއް ވަނީ ކުރަން އަންގާފަ އެވެ. އެގޮތުން، އެމްއެމްޕީއާރުސީގެ އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ބަލައި ދިރާސާ ކުރުމަށާއި ހަރަދު ކުޑަކުރެވޭނެ އިތުރު ގޮތްތައް ހޯދުމަށް ވަނީ އަންގާފަ އެވެ.
ސަރުކާރުން ވެސް އޮތީ ސެޕްޓެމްބަރު 2024 ގައި އެމްއައިޓީޑީސީ އުވާލަން ނިންމާފަ އެވެ. އެ ނިންމުމާ އެއްގޮތަށް ކުންފުނި އުވާލުމުގެ މަރުހަލާ ކުރިއަށްގެންދިޔުމަށް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
އޭގެ އިތުރުން، އެމްއައިޓީސީ އުވާލުމުގެ މަސައްކަތް ނިމުމުން އެކަމުގެ ހާއްސަ ރިޕޯޓެއް އެސްއޯއީ ކޮމިޓީއަށް ފޮނުވުމަށް ފިނޭންސް މިނިސްޓްރީއަށް އެންގުމަށް ވެސް މިއަދު ތަޅުމުން ފާސްކުރި ރިޕޯޓުގައި ވަނީ ހިމަނާފަ އެވެ.
އެމްއެމްޕީއާރުސީގެ މާލީ ހިސާބުތަކުން ފެންނަ ގޮތުގައި އެ ކުންފުނި އޮތީ ބަނގުރޫޓުވުމުގެ ނުރައްކަލުގަ އެވެ. އަދި އެއީ އަމިއްލަ ފުދުންތެރިކަމެއް ނެތް ކުންފުންޏަކަށް ވާތީ ދަރަނި ދައްކަން ސަރުކާރަށް ބަރޯސާވާން ޖެހޭ ކަމަށް މަޖިލީހުގެ ރިޕޯޓުގައި ބުނެފައި ވެ އެވެ.
އެމްއައިޓީޑީސީއަށް މިހާތަނަށް އެއްވެސް ފައިދާއެއް ނުނެރެވި 164 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް އެ ކުންފުންޏާ ގުޅޭގޮތުން އޮޑިޓުން އޮފީހުން ހެދި ހާއްސަ ރިޕޯޓަކުން ވަނީ ހާމަވެފަ އެވެ.
އެމްއައިޓީޑީސީން ތިން ޕްރޮޖެކްޓެއް ފެށިއިރު އޭގެ ތެރެއިން އެއްވެސް ޕްރޮޖެކްޓެއްގެ މަސައްކަތް ނިންމާލެފައި ނުވެ އެވެ. އަދި, އެ ޕްރޮޖެކްޓުތަކަށް 52.3 މިލިއަން އެ ކުންފުނިން ވަނީ ހަރަދުކޮށްފަ އެވެ.
އެމްއައިޓީޑީސީ އުވާލުމަށްފަހު، އެ ކުންފުނީގެ މަޝްރޫއުތަކާއި މަސައްކަތްތައް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއެފްއެމްސީ) ގެ މެންޑޭޓަށް ގެނެވޭ ބަދަލުގެ ތެރެއިން އެ ކުންފުންޏާ ހަވާލު ކުރުމަށް މި ސަރުކާރުން ވަނީ ނިންމާފަ އެވެ.
އެމްއައިޓީޑީސީ އުވާލައި އެމްއެމްޕީއާރުސީއަށް ހަރަދު ކުޑަކުރަން އަންގަން މަޖިލީހުން ފާސްކޮށްފި އެމްއައިޓީޑީސީ އުވާލައި އެމްއެމްޕީއާރުސީއަށް ހަރަދު ކުޑަކުރަން އަންގަން މަޖިލީހުން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ