ދެ އަހަރަށް ބަހައިގެން ރަށްރަށުގައި ހޭންޑްބޯލް ކޯޓު އެޅުމުގެ ގައުމީ މަޝްރޫއެއް ހިންގަނީ

ކުރިއަށް އޮތް ދެ އަހަރަށް ބަހައިލައިގެން، ބޭނުންވާ ރަށްރަށުގައި ހޭންޑްބޯލް ކޯޓު ތަރައްގީކުރުމުގެ ގައުމީ މަޝްރޫއެއް ކުރިއަށް ގެންދަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހިމަންދޫއަށް ވަޑައިގެން އެ ރަށުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ހޭންޑްބޯލް ކޯޓު އެޅުމަކީ އަންހެން ކަނބަލުން ވަރަށް ބޭނުންވާ ކަމެއް ކަމަށެވެ. އެެހެންވެ އަންނަ އަހަރަށް ބަޖެޓު ތައްޔާރުކުރާއިރު، ހޭންޑްބޯލް ކޯޓު ބޭނުންވާ ރަށްރަށުގައި، ހޭންޑްބޯލް ކޯޓު ތަރައްގީކުރަން ޚާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދަން ހިމަނުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ހޭންޑްބޯލް ކޯޓު އެޅުމުގެ މަސައްކަތް ކުރާނީ ދެ އަހަރަށް ބަހައިލައިގެން ކަމަށެވެ. "އިރާދަކުރެެއްވިއްޔާ އެ މަޝްރޫއު ވާނީ ވަރަށް ކާމިޔާބު މަޝްރޫއަކަށް. އަޅުގަނޑަށް މިހާތަނަށް ފާހަގަވީ ހަމަ ވަރަށް ގިނަ ރަށްރަށުގެ ރައްޔިތުން، ޚާއްސަކޮށް ކަނބަލުން ބޭނުންވެލައްވާ ކަމެއް. އަދި ވަރަށް ކުރިއެރުވޭނެ ކަމެއް. އަދި ކާމިޔާބީ ހޯދަމުން ވެސް ދާ ދާއިރާއެއް އެއީ ހޭންޑްބޯލް ކުޅުމަކީ،" ރައީސް ވިދާޅުވިއެވެ. އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރައީސް ހިމަންދޫގައި -- ފޮޓޯ: ރައީސް އެ މަނިކުފާނު ވިދާޅުވީ، މާލޭގައާއި ރަށްރަށުގައި ވެސް މި ކުޅިވަރު ކުރިއަރުވަން ސަރުކާރުން ޚާއްސަ އިސްކަމެއް ދޭ ކަމަށެވެ. "އެހެންވެ ހޭންޑްބޯލަށް ވަރަށް ސަމާލުކަން އެބަދެން. އެހެންވެ މި އަންނަ އަހަރުގެ ބަޖެޓުން ފަށައި، މި އަންނަ އަހަރާއި، މި އަންނަ އަހަރު ނޫން ދެން އަންނަ އަހަރަށް ބަހައިލެވިގެން ދެ އަހަރުގެ ތެރޭ ހިންގާ މުހިންމު ކުޅިވަރުގެ ޕްރޮގްރާމަކަށް ވާނެ ހޭންޑް ބޯލް ކޯޓު އަޅައިދިނުން،" ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އެ މަނިކުފާނު ވިދާޅުވީ، ވައުދުތައް ފުއްދުމުގެ މަސައްކަތް ރަށްރަށުގައި ބާރު ސްޕީޑުގައި ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ހިމަންދޫއަށް އަލިއަޅުވައިލައްވަމުން ރައީސް ވިދާޅުވީ، އަންނަ އަހަރު ސިއްހީ މަރުކަޒުގައި ރަނގަޅު ފެންވަރުގެ ލެބޯޓްރީއެއް ގާއިމްކޮށް ޚިދުމަތް ލިބޭގޮތް ހަދައިދޭނެ ކަމަށެވެ. މީގެ އިތުރުން ރަށުގެ މިސްކިތް މަސައްކަތް ނިންމައި ޑިސެމްބަރު މަހުގެ ތެރޭ ބޭނުންކުރެވޭ ގޮތް ހެދުމަށް މަސައްކަތް ކުރައްވާކަން ފާހަގަކުރެއްވިއެވެ. އަދި ރަށްގިރުން މައްސަލަ ހައްލުކުރަން ބޮޑުހިލަ ޖެހުމުގެ މަސައްކަތް ވެސް ކުރައްވަނެ ކަމަށާއި މި މަސައްކަތާއެކު، ދެ ދުވަހެއްގެ ތެރޭ ބަނދަރުގެ ޖާގައިގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު ހިމަންދޫ ފުޓުބޯޅަ ދަނޑުގައި ލައިޓު ޖެހުމާއި، އައުޓްޑޯ ޖިމެއް ގާއިމް ކުރުމާއި، މިހާރު މަސައްކަތް ފަށައިފައިހުރި ފިޓްނެސް ރެކްރިއޭޝަން ސެންޓަރު ނިންމަން ވެސް ވަރަށް މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ