އެއާޕޯޓް ތަރައްގީގެ ފުރަތަމަ ދޯދިތައް އިރުމަތީ ފަރާތުން

"އެމްއޭސީއެލް އަކީ ގިނަ މީހުން ހީކުރާ ވަރަށް ވުރެ މާ މުއްސަނދި ކުންފުންޏެއް،" ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓް ހިންގާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ، ޔަގީންކަމާ އެކު ވިދާޅުވި އެވެ.
"ހަވީރު"ގެ ލިއުންތެރިންނާ އެކު އޭނާ ހިންގަވާފައި ވަޑައިގަތީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)، (މިހާރުގެ ނަމުން ނަމަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، ވީއައިއޭ)ގައި މިހާރު ހިނގަމުން އަންނަ ތަރައްގީގެ އެކި މަސައްކަތްތައް ދައްކަވާށެވެ. ކިރިޔާ ވެސް މައުލޫމާތެއް ހުރި ނަމަ އެމްއޭސީއެލްގެ މުއްސަނދިކަމާ މެދު ދިވެއްސެއްގެ ހިތުގައި ސުވާލެއް ނުއުފެދޭނެ އެވެ. ޚާއްސަކޮށް ވިޔަފާރީގެ އުސޫލުން އެއާޕޯޓް ހިންގުމުގެ ހުރިހާ ބާރެއް އިންޑިއާގެ ޖީއެމްއާރަށް ދީފައި، ފަހުން އެ ކުންފުނި ފޮނުވާލުމުން އެމްއޭސީއެލްއަށް އަލުން އެއާޕޯޓް ލިބި، މި ވީ ތިން އަހަރެއްހާ ދުވަހުގެ ތެރޭގަ އެވެ.
"އަޅުގަނޑުމެންގެ އެއްވެސް ލޯނެއް ނޯންނާނެ. އަޅުގަނޑުމެންގެ މި ކުންފުންޏަށް އިތުބާރުކޮށްގެން ބޭންކްތަކުން ލޯނު ދޭން ތައްޔާރު. އަޅުގަނޑުމެން ނަގާ ލޯނު އަމިއްލައަށް ދެއްކޭނެ. އެ ގާބިލްކަން އެބަ ހުރި،" އާދިލް ވިދާޅުވި އެވެ.
"އާ ޓާމިނަލާއި އާ ރަންވޭ ވެސް ހަދާނަން އިރާދަކުރެއްވިއްޔާ މިހާރު ރާވާފައިވާ ގޮތަށް. އަޅުގަނޑަކަށް ސުވާލެއް ނެތް."
ސުވާލު އުފައްދަނީ ރައްޔިތުންނެވެ. ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓް ތަރައްގީކުރަން މީގެ ކުރިން އެމްއޭސީއެލުން ހިންގާފައި ވަނީ، މިހާރު ފަށަން އުޅޭ މަޝްރޫއުއާ ބަލާއިރު، އެއްވެސް އެއްޗެއް ނޫނެވެ. އާ ޓާމިނަލަށް ގާތްގަނޑަކަށް 300 މިލިއަން ޑޮލަރު، އާ ރަންވޭއަށް 150 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކުރެވެ އެވެ. އަދި އެއާޕޯޓަށް ގެންނަ އެހެން ތަރައްގީތަކާ އެކު (ފިއުލް ފާމް އާއި އާ ކާގޯ ޓާމިނަލް ފަދަ) މި ބޮޑު މަޝްރޫއުގެ އަގު އުޅޭނީ 700-800 މިލިއަން ޑޮލަރުގައި ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. މިއީ އެއާޕޯޓްގެ 50 އަހަރުގެ ތާރީޚުގައި ކުރި މުޅި ހޭދައާ ވެސް ނުބައްދަލު އަދަދުތަކެވެ.
ޖީއެމްއާރުގެ ކުރިން އެއާޕޯޓް ތަރައްގީކުރަން ބޮޑު މަޝްރޫއުއެއް ނުހިންގީ ކީއްވެގެންތޯ ރައްޔިތުން ސުވާލުކުރަނީ، އެމްއޭސީއެލުން އެތަން ހިންގި އިރު ޒަމާނީ ސިފަތައް އައިލެއް ލަސްކަމުންނެވެ. ރާއްޖޭގެ ޓޫރިޒަމް ފުޅާވެފައިވާ މިންވަރާ އަޅާބަލާއިރު ވީއައިއޭއަށް އޮބި އޮންނަވަރެއް ނޫނެވެ. އެއީ ގައުމީ ޝަކުވާއެކެވެ.
މިއީ 6 ޖުލައި 2017ގައި، އާ ރަންވޭއަށް ބިން ހިއްކަމުން ދިޔަ އިރު އޭގެ މައުލޫމާތު ނޫސްވެރިންނަށް ދެއްވަން އެމްއޭސީއެލްއިން ބޭއްވި ނޫސްވެރިންގެ ދައްކާލުމެއް. އެމްއޭސީއެލްގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ (ވ) ކައިރީގައި އެ ހުންނެވީ އޭރުގެ ވެސް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
އެމްޑީޕީ ސަރުކާރުން ޖީއެމްއާރާ އެއާޕޯޓް ހަވާލުކުރި އިރު، ކުރީގެ ސަރުކާރުން އޮތީ ޒަމާނީ ފެންވަރަކަށް އެތަން ތަރައްގީކުރާނެ މާސްޓާޕްލޭނެއް ތައްޔާރުކޮށްފަ އެވެ. އެކަމަކު އޭރު އެމްއޭސީއެލްއަށް އެއާޕޯޓް ހިންގައިގެން މިހާރު ލިބޭހާ ބޮޑު ފައިދާއެއް ނުވެ އެވެ. އެއާޕޯޓްގެ ގިނަ ހަރަކާތްތަކެއް އޮތީ އެކި ފަރާތްތަކަށް ދީފަ އެވެ. ގްރައުންޑް ހޭންޑްލިން އާއި ކާގޯ އޮތީ އައިލެންޑް އޭވިއޭޝަނަށެވެ. ޑިއުޓީ ފިހާރަތައް އަމިއްލަ އެކި ވިޔަފާރިވެރިންނަށެވެ. 
އެކަމަކު ޖީއެމްއާރުން އެއާޕޯޓާ ހަވާލުވީ އެ ހުރިހާ ވިޔަފާރިއެއް ނަގައިގެންނެވެ. އެއާ އެކު އެއާޕޯޓުން ލިބެމުން އައި ފައިދާ އިންތިހާއަށް ބޮޑުވެ، ޖީއެމްއާރަށް މުޅި ދުނިޔެއިން ވެސް އެންމެ ބޮޑު މަންފާއެއް ހޯދައިދޭ ތަނަކަށް ވީއައިއޭ ވި އެވެ. ޖީއެމްއާރު ފޮނުވާލުމުން އެ ހުރިހާ އާމްދަނީއެއް މިހާރު ލިބެނީ އެމްއޭސީއެލް އަށެވެ. އެހެންކަމުން އެއީ އެމްޑީޕީ ސަރުކާރުން ޖީއެމްއާރަށް އެއާޕޯޓް ދިން އިރު ފެނުނު އެމްއޭސީއެލްއެއް ނޫނެވެ.
އަސްލު 1982ގައި ހެދި ވީއައިއޭގެ އިންޓަނޭޝަނަލް ޓާމިނަލް ބޭނުންކުރަމުން އަންނަނީ އެކި ފަހަރު މަތިން ގެނައި ބަދަލުތަކާ އެކު. އެކި ދުވަސްވަރު އެކި ވަރަށް ބޮޑުކޮށް، އެތެރޭގެ ބައިތަކަށް ވެސް ބަދަލުތައް ގެނޭ. ފަހުން އޭރުގެ ޓާމިނަލަށް ބައެއް އިތުރު ވެސް ކުރި
އާދިލް ވިދާޅުވާ ގޮތަށް އެއީ 'މުއްސަނދި ކުންފުންޏެކެ'ވެ. އޭގެ އެންމެ ފަހު ހެއްކަކީ މީރާގެ ފަސް ވަނަ އަހަރީ ދުވަހު އެ ކުންފުންޏަށް ލިބުނު 'ރަން ލާރި' އެވެ. އެއީ އަހަރު ދުވަހުގެ ތެރޭގައި އެންމެ ގިނައިން ޓެކްސް ދެއްކި ކުންފުނިތަކަށް މީރާއިން ދޭ އަގުވަޒަންކުރުމުގެ އެވޯޑެވެ.
އާދިލް ގަބޫލުކުރައްވާ ގޮތުގައި ޖީއެމްއާރުން ގެންގުޅުނީ އެމްއޭސީއެލްއަށް ނޭނގޭ ސިޔާސަތެއް ނޫނެވެ. އޭރު ހޭންޑްލިން އާއި ކާގޯ، އައިއޭއެސްއަށް އަދި ޑިއުޓީ ފިހާރަތަކާއި އެހެން ބައެއް ވިޔަފާރި އަމިއްލަ މީސްމީހުންނަށް ދީފައި އޮތީ، އޭނާ ވިދާޅުވި ގޮތުގައި، އޭރު އެގޮތް ރަނގަޅު ކަމަށް ސަރުކާރަށް ވިސްނޭތީ އެވެ. އެކަމަކު މިއަދު އެއާޕޯޓަށް ގެންނަން ޖެހޭ ބޮޑެތި ބަދަލުތަކަށް ބަލާއިރު އާމްދަނީ ލިބޭނެ ގޮތްތައް ކަށަވަރު ވާން ޖެހެ އެވެ. ނަގާ ލޯނު އަނބުރާ ދެއްކޭނީ، އާދިލް ވިދާޅުވި ގޮތުގައި، ވިޔަފާރި އުސޫލުން ކުންފުންޏަށް އާމްދަނީ ހޯދޭނެ އިތުރު ފުރުސަތުތަކާ އެކުގަ އެވެ.
ކުރިން ސައުދީ އަރަބިއްޔާ އާއި ކުވޭތާއި އިސްލާމީ ގައުމުތަކުގެ ތަރައްގީއަށް އެހީވެދޭ ބައެއް ފަރާތްތަކުން ލޯނު ނަގައިގެން ހިންގި މަޝްރޫއުތަކަށް ވުރެ މާ ބޮޑެތި ހޭދަތައް މިހާރު ކުރަން ޖެހެ އެވެ. އެމްއޭސީއެލް އޮތީ އެކަމަށް ތައްޔާރުވެފަ އެވެ. އެއީ ހަމަ ވެދާނެ ކަމެއްތޯ ކުރެވޭ ސުވާލުގެ ޖަވާބު ހޯދަން އެއާޕޯޓަށް ޒިޔާރަތްކުރި "ހަވީރު" ޓީމަށް، އެ ތަރައްގީގެ ފުރަތަމަ ދޯދިތައް ފެނުނީ އިރުމަތީ ފަރާތުންނެވެ. ޖީއެމްއާރުން އާ ޓާމިނަލް ހަދަން ބިޔަ ބުޑުތައް އެޅީ އެއާޕޯޓްގެ އިރުދެކުނުން ބޮޑު ބައެއް ހިއްކައިގެންނެވެ. އެކަމަކު އެމްއޭސީއެލްއިން އާ ޓާމިނަލް އަޅަނީ، ހުޅަނގު ފަރާތުގައި، މިހާރުގެ ބައިނަލްއަގުވާމީ ޓާމިނަލްއާ ޖެހިގެން ދެކުނަށެވެ. ހުޅަނގު ފަރާތުން ބޮޑު ބައެއް ހިއްކަ އެވެ. އޭރުން މިހާރުގެ ޓާމިނަލް ސަރަހައްދު ކަމަށްވާ 23،000 އަކަ މީޓަރު ބަދަލުވާނީ 90،000 އަކަ މީޓަރަށެވެ.
21 މޭ 2016ގައި އޮތް ރަސްމިއްޔާތެއްގައި އާ ޓާމިނަލްގެ މަޝްރޫއު ފައްޓަވައި ދެއްވީ އޭރުގެ ރައީސް އަބްދުﷲ ޔާމީން. އެމަނިކުފާނުގެ އަރިހުގައި ހުންނެވީ އެމްއޭސީއެލްގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ
މިހާރުގެ އިންޓަނޭޝަނަލް ޓާމިނަލްގެ ދެކުނަށް އެއާޕޯޓުގެ އެކި މަސައްކަތްތަކާ ގުޅޭ 15 ވަރަކަށް އިމާރާތް އެބަ ހުއްޓެވެ. އިރުމަތީ ފަރާތުން މިހާރު ފެންނަ ތަރައްގީގެ ފުރަތަމަ ހެކިތައް ގުޅެނީ އެތަންތަން ބަދަލުކުރަން ހަދަމުން އަންނަ އިމާރާތްތަކާ އެވެ. އެޕްރީލް މަހު އެމްޓީސީސީއާ ހަވާލުކުރި މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަ ދެ އެވެ.
އެމްޓީސީސީއާ އެކަން ހަވާލުކުރީ ފަސް މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އޭރުން އާ ޓާމިނަލް ހަދަން ބިން ހުސްކޮށް، މަސައްކަތްތައް ފަށަން މަގު ފަހިވާނެ އެވެ.
އާދިލް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ލޯނު ހަމަޖެހި، "ނޮވެމްބަރު ނުވަތަ ޑިސެމްބަރުގައި އަމަލީ މަސައްކަތް ފެށޭވަރު ވާނެ" އެވެ. އެއީ ޝައްކުގެ މަތީގައި ތިބި ދިވެހިންގެ ހިތުގައި އުފެދިފައިވާ 'މިކަން ވެދާނެތޯ' ސުވާލު ހުއްޓޭނެ ހިސާބެވެ. އޭގެ ފަހުން ކުރާނީ 'އާ ޓާމިނަލް ކިހާ ހިތްގައިމުވެދާނެތޯ' ސުވާލެވެ. އާދިލް ވިދާޅުވި ގޮތުގައި ކުރަހާ ނިމި، ޑިޒައިން ރިވިއުކުރުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ. އާ ޓާމިނަލްގެ މޮޑެލް ސަރުކާރުން ފަހުގެ ތާރީޚެއްގައި ހާމަކުރާނެ ކަމަށް ވިދާޅުވި އެވެ.
"އެންމެ މުހިންމު ކަމެއްގެ ގޮތުގައި އިސްކަމެއް ދެނީ ދިވެހި ވަންތަކަމެއް ޓާމިނަލުން [ދައްކަން]. ކޮންސެޕްޓާއި ހުރިހާ އެއްޗެހި ނިމިފައި ހުރީ. ދެން ޑީޓެއިލް ޑިޒައިންގެ ކަންތަކުގައި މިއުޅެނީ،" އާދިލް ވިދާޅުވި އެވެ.
"ޓާމިނަލްގެ މޮޑެލްއާ އެއްޗެހި ހެދުމުގެ މަސައްކަތް މިހާރު ކުރިއަށް ދަނީ. އަޅުގަނޑުމެން ބޭނުންވަނީ އާންމުންނާ ހަމަައަށް ގެނެސްދޭއިރު، ފުރިހަމަ އެއްޗެއް ގެނެސްދޭން. އެހެންވީމާ މޮޑެލްއާ އެކު ޓާމިނަލްގެ ފައިނަލް ކޮންސެޕްޓް އަޅުގަނޑުމެންނަށް ދައްކާލެވޭނެ."
21 މޭ 2016ގައި އޮތް ހާއްސަ ރަސްމިއްޔާތުގައި އާ ޓާމިނަލްގެ މަޝްރޫއު ފެށުމުގެ އިތުރުން އެކަމަށް ހާއްސަކުރި ކޭކު ވެސް ފެޅި. އޭރުގެ ރައީސް ޔާމީންގެ ދެކަނބަލުން އެ ކޭކު ފަޅުއްވަނީ. އަރިހުގައި ވިޔަފާރިވެރިޔާ އަދި އެ ސަރުކާރު ކޯލިޝަންގެ އިސް ބައިވެރިއެއް ކަމަށްވާ އަހުމަދު ސިޔާމް  އާއި އާދިލް އަދި މިނިސްޓަރު ސައީދު
އާ ޓާމިނަލް ވާނީ ރާއްޖޭގެ ކުރިއަރާފައިވާ ޓޫރިޒަމަށް ނިސްބަތްކުރެވޭ ވަރުގެ ތަރައްގީއަކަށެވެ. އެގޮތުން އެތަނުގައި ނުވަ އެއިރޯބުރިޖް (ކިއުންތެރިންގެ މައުލޫމާތަށް: މިހާރު ނިމިފައި ހުރި ޓާމިނަލްގައި ޖުމްލަ 12 އެއިރޯ ބްރިޖް ހިމެނެ އެވެ.) ހުންނާނެ އެވެ. މަތިންދާބޯޓަށް އަރާށާއި ފައިބަން ބޭނުންކުރާނީ އެ ތަންތަނެވެ. އަލަށް ހަދާ ރަންވޭއާ އެކު ދުނިޔޭގެ އެންމެ ބޮޑެތި ބޯޓުފަހަރަށް ހިދުމަތް ދެވޭނެ އެވެ. ޓާމިނަލްގެ ޖާގަ މިހާރަށް ވުރެ ތިން ގުނަ ބޮޑުވާ އިރު، އާދިލް ވިދާޅުވީ، އެ ހިތްފަސޭހަކަން ވެސް ފެންނާނެ ކަމަށެވެ. އެކަމުގައި އެމްއޭސީއެލްއަށް ލަފާދެނީ ސިންގަޕޫރުގެ ޗަންގީ އެއާޕޯޓް އިންޓަނޭޝަނަލް އެވެ.
"އެބޭފުޅުންގެ ވަރަށް ގިނަ ކޮމެންޓްސްތަކާ އެއްކޮށް ޓާމިނަލް ބިލްޑިންގްގެ ކޮންސެޕްޓާއި ޑިޒައިނަށް ބަދަލުތައް ގެނައީ. އެބޭފުޅުންނަކީ ޕްރޮފެޝަނަލް ބައެއް ވީމާ، ޑިއުޓީފްރީ އަޅުގަނޑުމެން އިނީޝިއަލީ ޕްލޭންކުރި ގޮތަށް ވުރެން، އެ ބޭފުޅުން ދިން ސަޖެސްޝަންތައް ހުންނާނީ އިންކޯޕަރޭޓް ކޮށްފައި،" އާދިލް ވިދާޅުވި އެވެ.
މިހާރު ވީއައިއޭގައި އޮތް ތޮއްޖެހުން އާ ޓާމިނަލާ އެކު ހައްލުވާނެ އެވެ. ބިމުގެ ދަތިކަމާ ހުރެ ބޮޑުނުކުރެވި ނުވަތަ އަލަށް ނުހެދި ހުރި އެތައް ވައްތަރެއްގެ ވިޔަފާރިއަށް ބިން ތަނަވަސްވާނެ އެވެ. އާދިލް ގަބޫލުކުރައްވާ ގޮތުގައި އެއީ "އާންމު ވިޔަފާރިތަކަށް ވެސް ހުޅުވޭނެ އާ ފުރުސަތުތަކެކެ"ވެ.
ސަރުކާރުން ލަފާކުރަނީ ތަރައްގީގެ މަޝްރޫއުތައް 2017ގައި ނިމުމުން މިހާރު އެމްއޭސީއެލްއަށް ވަންނަ އާމްދަނީ އެތައް ތަނަކުން މައްޗަށް ޖެހޭނެ ކަމަށެވެ. އެގޮތުން އަހަރަކު 6 ބިލިއަން ރުފިޔާއަށް އެމްއޭސީއެލްގެ އާމްދަނީ އެރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ސަރުކާރުން ބުނެ އެވެ. (ކިއުންތެރިންގެ މައުލޫމާތަށް: އާ ޓާމިނަލް ހުޅުވުމުގެ މާ ކުރިން އެމްއޭސީއެލްގެ އާމްދަނީ ވަނީ 6 ބިލިއަން ރުފިޔާ ހުރަސްކޮށްފަ އެވެ. އެގޮތުން މިދިއަ އަހަރު 8.6 ބިލިއަން ރުފިޔާއަށް އެރި އެވެ.)
އެއާޕޯޓްގެ އާ ތަރައްގީއަށް ބޭނުންވާ ބިން ހިއްކާ ނިމުމުން 40 ޕަސެންޓް ބޮޑުވާނެ އެވެ. އެހެންކަމުން ކުރިއަށް އޮތީ ވީއައިއޭގެ ސިފަ ގާތްގަނޑަކަށް މުޅިން ބަދަލުވުމުގެ މަރުހަލާ އެވެ. މާ ގިނަ ދުވަހެއް ނުވެ ހުޅުލެއިން ފެންނާނީ ރާއްޖޭގެ ތާރީހުގައި ވެސް ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއުގެ މަސައްކަތްތަކެވެ.
އާދިލް ވިދާޅުވި ގޮތުގައި ލޯނާ ބެހޭ އެންމެ ފަހު މަޝްވަރާތައް ދަނީ ކުރިއަށެވެ. އެގޮތުން ޗައިނާގެ އެގްޒިމް ބޭންކުގެ ތަޖުރިބާކާރުން އައިސް ރިޕޯޓްތައް ތައްޔާރުކޮށް ބޭންކަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަގާ ލޯނުތައް ބޮޑު ނަމަވެސް، ކުރިން ވެސް އާދިލް ވިދާޅުވި ގޮތަށް، ބޭންކްތަކަށް އޮންނާނެ ޔަގީންކަމަކީ އެމްއޭސީއެލްގެ މާލީ ގާބިލްކަމެވެ. އެތަނަށް މިހާރު ލިބޭ އާމްދަނީ އާއި ކުރިއަށް އޮތް ތަނުގައި ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އަކީ، 850 މިލިއަން ޑޮލަރުގެ މަޝްރޫއުއެއް ހިންގަން ނަގާ ލޯނު ދެއްކޭނެ ވަރުގެ ތަނަވަސްކަމެކެވެ.
ޖީއެމްއާރުން އަޅަން އުޅުނު އާ އިންޓަނޭޝަނަލް ޓާމިނަލްގެ މަޝްރޫއު ފެށުމުގެ ގޮތުން އޭރުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ: އެ ޓާމިނަލް އަޅަން އުޅުނު ތަނުގައި މިހާރު އެ އޮތީ އާ ރަންވޭގެ އެއްކޮޅު
ޖީއެމްއާރާ އެކު ވީއައިއޭއަކީ ދިވެހިންގެ މެދުގައި ފާޑަކަށް ސިޔާސީވެފައިވާ މައުލޫއެކެވެ. ޚާއްސަކޮށް ޖީއެމްއާރުން ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހެޅި މައްސަލަތަކާ ހެދި ބައެއް މީހުންނަށް ހީވެފައި އޮތީ "އަރައިނުގަނެވޭނެ ބޮނޑިއެއް" ސަރުކާރަށް ލިބޭނެ ކަމަށެވެ. އެކަމަކު ޖީއެމްއާރުން ބޭނުންވާ ވަރާ ގާތަށް ވެސް ބަދަލު ދޭން ނުޖެހޭނެކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ. މިހާރު ބެލެވޭ ގޮތުގައި ޖީއެމްއާރަށް ދޭން ޖެހޭ ބަދަލެއްގެ މިންވަރު 200 ވަރަކަށް މިލިއަން ޑޮލަރަށް ކުޑަވުމުގެ ފުރުސަތު އެބަ އޮތެވެ.
އާދިލް ވިދާޅުވީ އެމްއޭސީއެލް އޮތީ އެކަމަށް ވެސް ތައްޔާރުވެފައި ކަމަށެވެ. އެހެންކަމުން ރާއްޖޭގެ އެންމެ ބޮޑު ކުންފުނި އުއްމީދީ ތަރައްގީއެއްގެ ތެރެއަށް އެ ވަންނަނީ، ޑިރެކްޓަރުންގެ ބޯޑުގެ ބައެއް މެމްބަރުން ސިފަކުރައްވާ ގޮތުގައި، ގޮންޖެހުންތަކުން ސަލާމަތްވެވޭނެ ފެންވަރު ހުރެގެންނެވެ.
ދާދި ފަހުން "ހަވީރު"ގެ ލިއުންތެރިންގެ ޓީމެއް ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަހަން އަދި ޓޫރިޒަމްގެ އެއް ބާނީ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)ގެ ހާއްސަ އިންޓަވިއުއަކަށް ދިޔަ އެވެ. އެމްއޭސީއެލްގެ ޗެއާމަންގެ މަގާމުގައި ވެސް ހުންނެވި އެމްޔޫ މަނިކު، ވީއައިއޭގެ ތަރައްގީއާ ބެހޭ ގޮތުން އެދުވަހު ދެއްކެވި ވާހަކަތަކުން ގިނަ ބަޔަކަށް ޔަގީންކަމެއް ލިބެ އެވެ.
"އަޅުގަނޑުމެން އެންމެން މިތިބީ އެކަން ކުރަން [ރައީސް ޔާމީންގެ] ފަހަތުގައި. އަޅުގަނޑު އެއްވެސް އިރަކު ނުބުނާނަން މިކަމެއް ނުވާނެއެކޭ. ރައީސުލްޖުމްހޫރިއްޔާ އެ ހުންނެވީ މިކަންތައް ކުރައްވަން. އަޅުގަނޑުމެން މިިތިބީ މިކަން ކުރަން ފައި ވިއްދާފައި،" އޭނާ ވިދާޅުވި އެވެ.
ހާމަނުކުރާ ގޮތަށް އޭނާ ވިދާޅުވި ބައެއް ވާހަކަަތަކާއި ރައްޔިތުންނަށް އޭނާ ދެއްވަން ބޭނުންވި މެސެޖަށް ބަލާއިރު އެމްއޭސީއެލްގެ މިހާރުގެ ބޯޑަކީ "ސަމާސާއެއް ނޫނެ"ވެ. ބޯޑުގެ މެމްބަރުންނާއި އެ ބޭފުޅުންނަށް އެހީތެރިވެވަޑައިގަންނަވާ ބައެއް ބޭފުޅުންގެ ނިޔަތަކީ "ދިވެހިންގެ އެއާޕޯޓް ދިވެހިންނަށް ތަރައްގީކުރެވޭނެ"، މި އެވެ.
ވީއައިއޭގެ އާ ރަންވޭ 6 އޮކްޓޯބަރު 2022ގައި އާންމު ދަތުރުތަކަށް ހުޅުވުމާ އެކު، އެ ތަނުން އޮޕަރޭޓުކުރި މަންޓާ އެއާގެ ފުރަތަމަ ފްލައިޓު ޖައްސަނީ
ބައެއް ދިވެހިންގެ ހިތުގައި ޝައްކުގެ އޮއިވަރު ދެމިގެން ދިޔަސް ނުވަތަ އެމްއޭސީއެލް އާއި ސަރުކާރަށް "އެކަމެއް ނުވާނޭ" ބުންޏަސް، އެއާޕޯޓުގެ އިރުމަތީ ފަރާތަށް ޖެހިލާ އިރު ހަގީގަތުގައި އެ ފެންނަނީ މާޔޫސީ މަންޒަރުތަކެއް ނޫނެވެ. އެއީ އެންމެ މި ޒަމާނުގެ އާ ޓާމިނަލް އާއި ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓު އޭ380 ޖެއްސޭވަރުގެ އާ ރަންވޭއަކާ އެކު ވީއައިއޭ، ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި، ތަރައްގީވުމުގެ ފުރަތަމަ ނިޝާންތަކެވެ.
ސަރުކާރުން އެއްޗެއް ނުދީ ލޯނު ދެއްކޭވަރުގެ ގާބިލްކަން އެމްއޭސީއެލްގައި ހުރި އިރު، ބޭރު ބަޔަކަށް ވީއައިއޭ ދިނުމުގެ މާނައެއް، ނިޔަތެއް އަދި ވިސްނުމެއް ވެސް ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންނަކަށް އެނގިވަޑައެއް ނުގަންނަވަ އެވެ.
އާދިލް ވިދާޅުވި ގޮތުގައި ބޯޑުގެ މިހާރުގެ މެމްބަރުންގެ އޮތީ ހަމަ އެންމެ ނިޔަތެކެވެ؛ އެމްއޭސީއެލްއިން އަމިއްލައަށް އެއާޕޯޓް ތަރައްގީކުރުމެވެ.
"ބައެއް ބޭފުޅުން ވިދާޅުވޭ އެކަން ނިމުނީމާ ތިމަންނަމެންގެ އުއްމީދު ހާސިލްވިއްޔޭ، ބޯޑުގައި ވެސް ނުތިއްބަވާނަމޭ،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ފެންނަނީ ވަރަށް ގަޔާވެގެން، ވަރަށް ބޮޑަށް އެ ބޭފުޅުން މިކަަމުގައި އުޅުއްވާ ތަން. ހަމަ ކޮންމެ ދުވަހަކު ވެސް ގުޅުއްވާފައި ކަންކަން އޮޅުއްފިލުއްވާ. އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް، އަޅުގަނޑަށް ވެސް އޮތް ޔަގީންކަމެއް."
މާ ގިނަ ދުވަހެއް ނެތެވެ. ވީއައިއޭއިން ފެންނާނީ ސަރުކާރުގެ ކުންފުންޏަކުން ރާއްޖޭގެ ތާރީހުގައި ވެސް ހިންގާ އެންމެ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތްތަކެވެ. އެއީ، އެމްޔޫ މަނިކާއި އާދިލްގެ ނަޒަރުގައި "ސުވާލެއް ވެސް އޮތް ކަމެއް ނޫނެ"ވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ