އަޔަކްސް ދޫކޮށްލައި ހެންޑަސަން ދެން ކުޅޭނެ ކްލަބެއް ނިންމަނީ އަޔަކްސް ދޫކޮށްލައި ހެންޑަސަން ދެން ކުޅޭނެ ކްލަބެއް ނިންމަނީ

ލަންޑަން (ޖުލައި 10) - އިނގިރޭސި މިޑްފީލްޑަރު، ޖޯޑަން ހެންޑަސަން، ނެދަލެންޑްސްގެ ގަދަބާރު އަޔަކްސްއާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން އެ ޓީމު ދޫކޮށްލައި، ކެރިއަރުގައި ދެން ކުޅޭނެ ކްލަބެއް ކަނޑައެޅުމަށް ފުރިހަމަ އަށް ވަގުތު ނަގާނެ ކަމަށް ބުނެފި އެވެ.
ލިވަޕޫލްގެ ކުރީގެ ކެޕްޓަން، ހެންޑަސަން، 35، އަޔަކްސްއާ ގުޅުނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. މިދިޔަ ޖޫން މަހުގެ ނިޔަލަށް އަޔަކްސްއާ އެކު އޮތް ކޮންޓްރެކްޓް ފުރިހަމަކޮށްފައިވާ ހެންޑަސަން ވަނީ އަނިޔާގެ މައްސަލަތަކާ އެކު ވެސް އެ ޓީމަށް 50 މެޗު ކުޅެދީފަ އެވެ.
މީގެ އެއް އަހަރު ކުރިން، ތިން އަހަރުގެ ކޮންޓްރެކްޓެއްގައި، ހެންޑަސަން، ސައުދީ އަަރަބިއްޔާގެ އަލް އިއްތިފާގަށް ސޮއިކުރީ 15 މިލިއަން ޑޮލަރުގެ ފީ އަކަށެވެ. އަލް އިއްތިފާގަށް ހެންޑަސަން ބަދަލުވީ ހަފްތާ އަކު، 890،000 ޑޮލަރުގެ މުސާރައެއް ލިބޭ ގޮތަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެ ވަރުގެ މުސާރައެއްގައި ހުރުމަށް ފަހު، ހެންޑަސަން ވަނީ އަލް އިއްތިފާގުގެ ކޮންޓްރެކްޓް އުވާލައި، އަޔަކްސް އަށް ސޮއިކޮށްފަ އެވެ.
އަޔަކްސް ދޫކޮށްލައި، ހެންޑަސަން ދެން ގުޅޭނެ ޓީމެއް ކަނޑައެޅުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ރަނގަޅު ލެވަލެއްގައި ކުޅެވޭނެ ގޮތަކަށް އޮތް ޓީމަކަށް ބަދަލުވެ، އަންނަ އަހަރު ކުޅޭ ފީފާ ވޯލްޑް ކަޕަށް ދާ އިންގްލެންޑް ޓީމަށް ކުޅުމުގެ ފުރުސަތު ހޯދުމަށެވެ.
އިންގްލެންޑްގެ ކޯޗުކަމާ ތޯމަސް ޓުޗެލް ހަވާލުވެ، މިހާތަނަށް ނެގި ހުރިހާ ސްކޮޑަކުން ވެސް ހެންޑަސަން އަށް ފުރުސަތު ދިނެވެ.
ސަންޑަލެންޑް ދޫކޮށް 24 މިލިއަން ޑޮލަރަށް، 2011 ވަނަ އަހަރު ލިވަޕޫލަށް ސޮއިކުރި ހެންޑަސަން، ލިވަޕޫލްގެ ކެޕްޓަންކަމާ ހަވާލުވީ 2015 ވަނަ އަހަރު، އެ ޓީމުގެ ލެޖެންޑަރީ ކެޕްޓަން، ސްޓީވެން ޖެރާޑް، އެ ކްލަބް ދޫކޮށްލުމުންނެވެ. ހެންޑަސަންގެ ކެޕްޓަންކަމުގައި ލިވަޕޫލުން ވަނީ ކްލަބް ލެވަލްގައި ހޯދޭނެ ހުރިހާ ޓްރޮފީއެއް ހާސިލްކޮށްފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން، ހެންޑަސަން ގެންދަން އޭނާގެ ކުރީގެ ކްލަބް ސަންޑަލެންޑްގެ އިތުރުން، އިޓަލީ އާއި ސްޕެއިނުގެ ޓީމުތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ފުޓްބޯޅަ މެޗު ކަމަށްވާ، އިނގިރޭސި ޗެމްޕިއަންޝިޕް (ދެ ވަނަ ޑިވިޝަން) ގެ ޕްލޭއޮފް މެޗުން ފަހަތުން އަރައި، ފަހު ވަގުތު 2-1 އިން ޝެފީލްޑް ޔުނައިޓެޑް އަތުން މޮޅުވެ، ސަންޑަލެންޑް އަންނަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުން ޖާގަ ހޯދައިފައިވެ އެވެ. ސަންޑަލެންޑް، ޕްރިމިއާ ލީގުގައި މި ކުޅެނީ 2017 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ