ކުޅުދުއްފުށީ މިސްކިތު ފަންޑު ހެދުމުގެ ހުއްދައަށް އެދުމުން މިނިސްޓްރީން ދެއްވީ ހިތާމަވެރި ޖަވާބެއް

ކުޅުދުއްފުށީ މިސްކިތު ފަންޑު ހެދުމަށް ފިނޭންސް މިނިސްޓްރީގެ ހުއްދައަށް އެދުމުން އެކަމަށް ހުއްދަ ދެވެން ނެތް މިނިސްޓްރީން ޖަވާބުދެއްވާފައިވާ ކަމުގައި މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
ގިނަ ރައްޔިތުންގެ ތަކެއްގެ އެދުމުގެ މަތިން ސިޓީ ކައުންސިލުން 'ކުޅުދުއްފުށީ މިސްކިތު ފަންޑު ނުވަތަ ވަޤްފު ފަންޑެއް ހަދަން ނިންމައި ކައުންސިލުން އެކަން ފާސްކުރީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު އެވެ.
ރައްޔިތުންނާ ބައްދަލުކުރަން ބުދަ ދުވަހު ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، ގިނަ އަދަދެއްގެ ރައްޔިތުންނާއި ވިޔަފާރިވެރިން އެދިގެން ކައުންސިލުން ހަދަން ނިންމި ޓްރަސްޓް ފަންޑު ނުހެދި ވަނީ އެކަމަށް ފިނޭންސް މިނިސްޓްރީން ދޭން ޖެހޭ ހުއްދަ ނުދީގެން ކަމުގައި އެވެ.
"އެއީ ވަރަށް ގިނަ ރައްޔިތުންގެ ފަރާތުންވެސް އަޅުގަނޑުމެންނަށް އެދެމުންދޭ ކުޅުދުއްފުށީގެ މިސްކިތްތަކަށް ސީދާ އެހީވާން. ވިޔަފާރިވެރިންވެސް އެބަހުރި ސީދާ ކުޅުދުއްފުށީގެ މިސްކިތްތަކަން ޔަގީން ވަންޏާ އެހީވާން. އެހެންކަމުން އަޅުގަނޑުމެންނަށް ފެނުނީ އެންމެ ރަނގަޅަށް ދެ ފުށްފެންނަ ނިޒާމެއްގެ ތެރެއިން އެ ފަންޑް މެނޭޖްކުރެވޭނީ ޓްރަސްޓް ފަންޑެއްގެ ތެރެއިން ކަމަށް އަދި ރަސްމީކޮށް އެ އެކައުންޓް ހުޅުވާ އެގޮތަށް މަސައްކަތްކޮށްގެން ކަމަށް." މޭޔަރު ވިދާޅުވި އެވެ.
އަދި ކައުންސިލްގެ ވިސްނުމުގައި ހުރީ ކުޅުދުއްފުށީގެ ހުރިހާ ރައްޔިތުން ބައިވެރިވާ މިސްކިތެއް ކުޅުދުއްފުށީގައި އިމާރާތްކުރަން ކަމަށެވެ.
"އަޅުގަނޑުމެންގެ ވިސްނުމުގައި ހުރި ކުޅުދުއްފުށީގެ ހުރިހާ ރައްޔިތުން ބައިވެރިވާ މިސްކިތެއް ކުޅުދުއްފުށީގައި އިމާރާތްކުރަން. އެއީ އެއް ރުފިޔާ ނަމަވެސް ކުޅުދުއްފުށިގެ ހުރިހާ ރައްޔިތުންގެ ބައިވެރިވުމާއެކީގައި މިސްކިތެއް ބިނާކުރުމަށް." އާތިފް ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ، އެހެންނަމަވެސް ފިނޭންސް މިނިސްޓްރީ ލިބުނީ ހިތާމަވެރި ޖަވާބެއްކަމަށާއި އެއީ ގައުމީ ފެންވަރުގައި ވަޤްފު ފަންޑެއް ހަދާފައިވާތީ ވަކި ފަންޑެއް ހަދަން ހުއްދަ ނުދެވޭނެ ކަމަށެވެ. މިނިސްޓްރީން އެދުނީ ޤައުމީ ވަޤްފު ފަންޑަށް ފައިސާ ފޮނުވުމަށާއި އޭރުން އެ ފަންޑުގެ ތެރެއިން މިސްކިތްތަކަށްވެސް ހަރަދުކުރާނެ ކަމަށެވެ.
އާތިފް ވިދާޅުވީ، އެހެންނަމަވެސް އެ ފައިސާ ސިޓީ ކައުންސިލަށް ލިބޭނެކަމެއް ޔަގީން ނުވާ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ މިއަހަރުގެ މިހާތަނަވެސް ކުޅުދުއްފުށީގެ މިސްކިތްތަކަށް ސިޓީ ކައުންސިލުން 6 މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފައިވާއިރު މިނިސްޓްރީން މިސްކިތްތަކަށް ހަރަދުކުރަން ފޮނުވާފައިވަނީ އެންމެ ތިންލައްކަ ރުފިޔާ ކަމަށްވާތީ އެވެ.
ކުޅުދުއްފުށީ ރައްޔިތުންގެ ޓްރަސްޓް ފަންޑު ހެދުމަށް އަދިވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން އިސްލާމިކް މިނިސްޓަރު ޑރ ޝަހީމްއާ ބައްދަލުކޮށްވެސް އެމަގަށް މަސައްކަތްކޮށްދިނުމަށް އެދިފައިވާކަމަށް މޭޔަރު ވިދާޅުވި އެވެ. އަދި އަދިވެސް އުންމީދުކުރަނީ ސަރުކާރުން އެ ހުއްދަ ކައުންސިލަށް ދޭނެކަމަށް މޭޔަރު ވިދާޅުވި އެވެ.
މިސްކިތު ފަންޑު ހެދިއްޖެނަމަ ރަށުގެ މިސްކިތްތަކުގެ މަރާމާތު މަސައްކަތަށާއި މިސްކިތްތައް ބިނާކުރުމަށް އެ ފައިސާ ބޭނުންކުރެވޭނެ އެވެ. މިސްކިތް ފަންޑު ހަދަން ކައުންސިލުން ފާސްކޮށް އެކަމަށް ކޮމެޓީއެއްވެސް ވަނީ ނަގާފަ އެވެ.
ކުޅުދުއްފުށީގެ ގިނަ މިސްކިތްތަކަކީ އަމިއްލަ ފަރާތްތަކާއި ރައްޔިތުންގެ ހަރަދުގައި އިމާރާތްކޮށްފައިވާ މިސްކިތްތައްކަން ފާހަގަކުރެވެ އެވެ. އެގޮތުން މިހާރުވެސް އަމިއްލަ ފަރާތްތަކުން އަންނަނީ މިރަށުގައި މިސްކިތެއް އިމާރާތްކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ