އަހުރެމެން ފައިވާނަށްއަރާއިރު އިސްކުރަންޖެހެނީ ކަނައަތުފައެވެ. ހިނގައި ގަންނައިރުވެސް އިސްކުރަނީ ކަނައަތުފައެވެ. މިއީ ހަމަކުޑަކުޑަ މިޘާލެކެވެ. ބުނެލަން ބޭނުންވަނީ އަހުރެމެންކޮންމެކަމެއްގައިވެސް ޢަމަލުކުރަން އޮތީ ތަރުތީބަކުން ކަމެވެ. އަދިވެސް މިޘާލެއް ބުނެލާނަމެވެ. ކައިވެނިކުރާނަމަ ފުރަތަމަކަމަކަށް ކިޔުއްވަނީ ރަނެވެ. ކައިވެނިކުރަނީ ރަންކިޔުމަށްފަހުގައެވެ.
ނަމާދުކުރުމާއި ދުޢާކުރުމުގައިވެސް މިފަދަ ތަރުތީބެއްވެއެވެ. ދުޢާކުރުން އޮތީ ނަމާދުގެ ފަހަތުންނެވެ. ކޮންމެ ދުޢާއެއް ކުރަން ނަމާދެއް ނުކުރިނަމަވެސް ފުރަތަމަ ކަމަކަށް ތިމާއަކީ ނަމާދުކުރާމީހަކަށްވާން އެބަޖެހެއެވެ. ނަޞޭޙަތްދޭއިރު ނަމާދާއި ދުޢާ ގުޅުވައިލަން ޖެހޭ ސަބަބަކީ ފުރަތަމަ ކަމަކަށް އޮތީ ނަމާދުކުރުންކަމަށްވެފައި ދުޢާކުރުން ގެންނަން ޖެހެނީ ނަމާދުގެ ފަހަތުން ކަމަށްވާތީއެވެ. ވީމާ މިއީ ވަކިކުރެވެން އޮތް ދެކަމެއް ނޫނެވެ.
ކުޑަކުޑަ ދަލީލެއްވެސް ދައްކައިފާނަމެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއްވެސް ކަމަކާއި ކަންބޮޑުވެވަޑައިގެންފިނަމަ ފުރަތަމަ ކުރައްވަވަނީ 2 ރަކްއަތް ނަމާދެކެވެ. ދުޢާކުރައްވަވަނީ ނަމާދުގައާއި ނަމާދަށްފަހުގައެވެ. އަދި ނަމާދުގެ ސަޖިދައިގައެވެ.
ތިމާ ކުރާ ނަމާދު ޤަބޫލުފުޅުކުރައްވަވައި ދުޢާ ޢިޖާބަކުރެއްވެވުން އެދޭމީހާ ފުރަތަމަކަމެއްގެ ގޮތުންވެސް އޮތީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމެވެ. އެކަން ޙާޞިލުކުރެވޭނީ ﷲ ތަޢާލާ އާއި ކުއްތަންވެވުނު ވަރަކުންނެވެ.
ﷲ ތަޢަލާ އާއި ކުއްތަންވުމަށް އެދޭ މީހާއަށް ފުރަތަމަ ކަމެއްގެ ގޮތުން ކުރަންޖެހޭ ކަމަކީ ނަމާދު ފުރިހަމައަށް އަދާކުރުމެވެ. އެއިގެ މާނައަކީ 5 ނަމާދުކޮށްލުން ކަމުގައި ނުދެކޭށެވެ! ނަމަވެސް އެއީ 5 ނަމާދުވެސް ނަމާދަށްވާނެ ގޮތަށް ކުރުން ކަމުގައި ޤަބޫލުކުރާށެވެ!
ޚުޝޫޢަތްތެރިކަމާއިއެކު ނަމާދު ނުކުރެވޭ އެންމެ ބޮޑު ސަބަބަކީ ތިމާގެ ބެލުންތަކެވެ. ހުއްދަނޫން ކަންކަމަށް ވިސްނައި ފިކުރުކުރެވޭކަމެވެ. ވީމާ ތިމާގެ ބެލުންތަކާއި ޚިޔާލާއި ފިކުރު ﷲ ތަޢާލާ ހުއްދަކުރައްވަވާފައި ގޮތުގައި ބަހައްޓަން އެބަޖެހެއެވެ. އެކަމަށް އޮތްމަގަކީ ހިތް ޠޯހިރުކުރުމެވެ. ހިތް ޠޯހިރުކުރެވޭނީ ބެލުންތައް ތިރިކޮށް އަދި ޚިޔާލާއި ފިކުރު ޝައިޠޯނާގެ ވސްވާސްތަކުން ސަލާމަތްކުރެވިގެންނެވެ.
މައްސަލައަކަށްވަނީ ނަމާދެއް ނޫނެވެ. އަދި ކުރާ ދުޢާއެއްވެސް ނޫނެވެ. ނަމާދާއި ދުޢާކުރުމުގެ ކުރިންނާއި އަދި ފަހުން ތިމާއަށް ކުރެވޭ ޢަމަލުތަކެވެ. ވީމާ ފުރަތަމަކަމަކަށް ކުރަންޖެހޭ ކަމަކީ ތިމާކުރާ ޢަމަލުތައް ﷲ ތަޢާލާގެ މަގުގައި ކުރަމުން ގެންދިއުމެވެ. ނަމާދުގެކުރިންވެސް އަދި ފަހުންވެސް އެއްވެސް ފާފައެއް ނުކުރުމެވެ.
ހިތަކީވެސް ފުރިގެންދާ އެއްޗެކެވެ. ހަޑިހުތުރު ޢަމަލުތަކާއި ފާފަތަކުން ހިތްފުރައިލެވިއްޖެނަމަ ރަނގަޅު ކަންކަން ހިތަށް ވައްދާނެ ޖާގައެއް ނުއޮންނާނެއެވެ. ނަމާދަށް ހުންނައިރު ޝައިޠޯނާގެ ވަސްވާސްތަކުން ސަލާމަތް ނުވެވެނީ ހިތުގައި ﷲ ތަޢާލާއަށް ޖާގަނެތުމުންނެވެ. ވީމާ ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރަން އެދޭމީހާ ފުރަތަމަކަމަކަށް ހިތުގައިވާ ޝައިޠޯނާގެ ނުބައިވަސްވާސްތަކުން ހިތް ޠޯހިރުކޮށްލާށެވެ!
ﷲ ތަޢާލާއިން ހިތް ފުރައިލާށެވެ! އެއިރުން ޚުޝޫޢަތެރިކަމާއިއެކު ނަމާދުކުރެވޭނެއެވެ! އަދި ﷲ ތަޢާލާ ރުހިވޮޑިގަންނަވައި ޤަބޫލުފުޅުކުރައްވަވާނެ ފެންވަރުގައި ދުޢާވެސް ކުރެވޭނެއެވެ! އިން ޝާ ﷲ
--ބިލާލް އައްސަދުގެ ދަރުސަކުން
ތިބާކުރާ ނަމާދު ޤަބޫލުފުޅުކުރެއްވެވުމާ ދުޢާ ޢިޖާބަކުރެއްވެވުން އޮތީ މިތަރުތީބަށް ޢަމަލުކޮށްގެން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ