ޓައިގާ ކަޕުގައި ވާދަކުރާ ރާއްޖެ ޓީމުގެ ކެޕްޓަނަކަށް ފައިރޫޒް

ނޭޕާލުގައި ބާއްވާ ހަވަނަ ޓާއިގާ ކަޕް އިންވިޓޭޝަނަލް އޯޕަން ވޮލީބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ފިރިހެން ގައުމީ ސީނިއާ ވޮލީބޯޅަ ޓީމުގެ ކެޕްޓަނަކަށް ތަޖުރިބާކާރު ކުޅުންތެރިޔާ އާދަމް ފައިރޫޒް ހަމަޖައްސައިފިއެވެ. ނޭޕާލުގެ އިތުރުން އިންޑިއާގެ ޓީމަކާއި ތައިލެންޑުގެ ޓީމުތަކެއް ވާދަކުރާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހު ނޭޕާލުގެ ޕޮކާރާ ސިޓީގައެވެ. މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިންނަށް މިއަދު ވަނީ ޖާރޒީ ހަވާލުކޮށްފައެވެ. ޖާރޒީ ހަވާލުކޮށްދެއްވީ ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. ރާއްޖޭގެ ސީނިއާ ޓީމަށް މިފަހަރު ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. ޓީމުގެ ކެޕްޓަނަކަށް ހަމަޖެއްސި ފައިރޫޒް ފިޔަވާ ސީނިއާ އެއްވެސް ކުޅުންތެރިއަކު މިފަހަރުގެ ސްކޮޑަކު ނެތެވެ. މިއީ ނިސްބަތުން ޒުވާން ސްކޮޑަކާއެކު ރާއްޖޭގެ ސީނިއާ ޓީމެއް ބައިނަލްއަޤްވާމީ ބޮޑު މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ނޭޕާލުގައި ބާއްވާ ޓައިގާ ކަޕުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ސީނިއާ ވޮލީބޯޅަ ޓީމަށް ޖަރޒީ ހަވާލުކޮށްދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ކުޅިވަރު ވުޒާރާ ޒުވާން ސްކޮޑަކާއެކު ނޭޕާލު މުބާރާތުގައި ރާއްޖެއިން ވާދަކުރަން ނިންމީ ކުޅުންތެރިންނަށް ބައިނަލްއަގްވާމީ މެޗުތަކުގެ ތަޖުރިބާ ދިނުމުގެ ގޮތުންނެވެ. އަދި އައު ޖީލެއް ބިނާކުރަން ކުރަމުންދާ މަސަައްކަތުގެ ދަށުންނެވެ. ނޭޕާލުގައި ބާއްވާ ޓައިގާ ކަޕުގައި ވާދަކުރާ ރާއްޖޭގެ ސްކޮޑު އާދަމް ފައިރޫޒް (ކެޕްޓަން) އަޙްމަދު އައިހަމް މުޙައްމަދު އަޙްމަދު އިލްހާމް އަލީ ޝާއިން ޢަބްދުﷲ ޔައީޝް ރިފްއަތު ހަމީދު ޝާމިލް މުޙާއްމަދު އިބްރާހީމް ރާކިން ހަސަން މާއިޝް އަޙްމަދު އިޔާން ޢަލީ މައުޒޫން ނިޔާޒު އަޙްމަދު ނާފިއު މުޙައްމަދު ލަތުފާން ޢަލީ ހައިލަމް ހަސަން ޓައިގާ ކަޕުގައި ވާދަކުރާ ރާއްޖޭގެ ސީނިއާ ގައުމީ ވޮލީބޯޅަ ޓީމު-- ފޮޓޯ: ކުޅިވަރު ވުޒާރާ ޓީމުގެ ހެޑު ކޯޗަކީ އީރާނުގެ ފަރުހާދު ނަޒާރިއަފްޝަރް އެވެ. އެސިސްޓަންޓު ކޯޗުންގެ ގޮތުގައި ނަސްރުﷲ ތޯހާ އާއި އަލީ ޒައީމް ހިމެނޭއިރު، މެނޭޖަރަކީ މުޙައްމަދު އިލްހާމެވެ. އަދި ކިޓު މެނޭޖަރަކީ އިސްމާޢީލް ސަމާހެވެ. ވޮލީބޯޅަ އަށް މަޝްހޫރު އަތޮޅެއް ކަމަށްވާ ވ. އަތޮޅު ކެޔޮދޫއަށް އުފަން ފައިރޫޒް އަކީ މިހާރު ރާއްޖޭގައި ހުރި އެންމެ މޮޅު އެއް މިޑިލް ބްލޮކަރެވެ. އޭނާގެ މަސައްކަތާ ވޮލީ އަށް އާ ކުޅުންތެރިން ނެރެދިނުމާ ޒުވާން ކުޅުންތެރިން ގޮވައިގެން އުޅޭ އުޅުން އެއީ މުޅި ވޮލީ އާއިލާ އިން ވެސް ބަލައިގަންނަ ކަމެކެވެ. ގައުމީ ޖާޒީގައި ފައިރޫޒްގެ ފުރަތަމަ ފެނިގެން ދިޔައީ 2013 ވަނަ އަހަރު އެވެ. ޖޫނިއާ ޓީމުގައި ހިމެނި ކުޅުނު މުބާރާތަކަށްފަހު ސީނިއާ ގައުމީ ޓީމުން އޭނާއަށް ފުރުސަތު ލިބުނެވެ. ސީނިއާ ގައުމީ ޓީމާއެކު ހަމަ އެ އަހަރު އޭނާ ވަނީ ސެންޓްރަލް ޒޯނު ވޮލީބޯޅަ މުބާރާތުގައި ވާދަކޮށް ރިހި މެޑަލްވެސް ހޯދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ