ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި ރާއްޖޭގެ އެފްއޭ ކަޕުގެ ތިންވަނަ ހޯދައި، ބުރު ސްޕޯޓްސް ކުލަބުން މުބާރާތުގެ ލޯ މެޑަލް ހާސިލްކޮށްފިއެވެ.
ބުރުން މި ކާމިޔާބީ ހާސިލްކުރީ، މުބާރާތުގެ ތިންވަނަ ހޮވުމަށް ކުޅުނު މެޗުގައި ބްލޫ ސްޕޯޓްސް ކުލަބުގެ މައްޗަށް 1-3 އިން ކުރިހޯދައިގެންނެވެ.
މި ނަތީޖާއިން ބުރު މޮޅުވި ނަމަވެސް މުޅި މެޗަށް ބަލާއިރު ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. މުޅި މެޗުގައި ބުރުން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން، މަދު ފުރުސަތުތަކެއް ތަނަވަސްކޮށްފައިވާއިރު، ބްލޫއަށް މާ އެދެވޭ ކުޅުމެއް މި މެޗުގައި ދެއްކިފައެއް ނުވެއެވެ.
މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ބުރުންނެވެ. މިއީ، އޭރިއާ ތެރެއިން ބުރުގެ އަބްދުﷲ ޔާމީނަށް، ބްލޫގެ އަހްމަދު ލޫތު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެއްގައި އަޙްމަދު އަބްދުﷲ (ލިލީ) ކާމިޔާބުކޮށްދިން ލަނޑެކެވެ.
މި ހާފު ނިމުމުގެ ކުރިން ބުރުން ވަނީ ދެވަނަ ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު މެޗުގެ 22 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަބްދުﷲ ޔާމީނެވެ.
ދެ ލަނޑުގެ ލީޑެއްގައި އޮވެ ބުރުން ދެވަނަ ހާފަށް ނިކުތްއިރު، މި ހާފުގެ ބޮޑުބައިގައި ލަނޑެއް ފެނިގެނެއް ނުދެއެވެ. ބުރުން އެ ޓީމުގެ ތިންވަނަ ލަނޑުޖެހީ މެޗުގެ 82 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ޖޫދު އިސްމާޢީލެވެ.
މެޗުގައި ބްލޫއިން ޖެހި ހަމައެކަނި ލަނޑަކީ، މެޗުގައި ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެންއެރި ދެ ކުޅުންތެރިއަކު ކުރި މަސައްކަތުން ކާމިޔާބުކުރި ލަނޑެކެވެ. އެގޮތުން ބުރުގެ ޑިފެންސްލައިން ފޫއަޅުވާލުމަށްފަހު އަލީ ޝާމް އޭރިއާ ތެރެއަށް ވަދެ ހުރަސްކޮށްދިން ބޯޅައެއް ގޯލަށް ވަންނަން ދަނިކޮށް މި ލަނޑު ބްލޫއަށް ކާމިޔާބުކޮށްދިނީ ޙަސަން ޔާނިއުއެވެ.
މި މޮޅާއެކު ބުރުން މުބާރާތުގެ ތިންވަނަ ހޯދިއިރު މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބުރުގެ އަޙްމަދު އަބްދުﷲ އެވެ.
މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިރޭ 21:00 ގައެވެ. މި މެޗުގައި ބައްދަލުކުރާނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ޓީސީ ސްޕޯޓްސް ކުލަބެވެ.
އެފްއޭ ކަޕުގެ ލޯ މެޑަލް ބުރު ސްޕޯޓްސް ކުލަބަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ