އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ފެށުނުތާ ދެ މަސް ފަހުން، ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ ލީޑަރުން އިއްޔެ ޖިއްދާގައި ބައްދަލުކުރައްވައި ސަރަހައްދީ ސަލާމަތާއި ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަސައްކަތްތަކަށް މަޝްވަރާކުރައްވައިފި އެވެ.
ލީޑަރުންނަށް މަރުހަބާ ދެންނެވީ ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އެވެ. ސައުދީ ޕްރެސް އެޖެންސީން ބުނި ގޮތުގައި، މި މަޝްވަރާތަކުގައި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ކުރިއެރުންތަކާއި، ކަންކަމުގައި ގުޅިގެން ފިޔަވަޅު އެޅުމާ ބެހޭ ގޮތުން ވާހަކަދެކެވުނެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ގަތަރުގެ އަމީރު ޝެއިހް ތަމީމް ބިން ހަމަދު އައްތާނީ އާއި ބަހްރޭންގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް ހަލީފާ އަދި ކުވެއިތުގެ ވަލީއަހުދު ޝެއިހް ސަބާހް އަލްހާލިދު އަލްހަމަދު އައްސަބާހް ހިމެނިވަޑައިގަންނަވަ އެވެ.
ބައްދަލުވުމަށްފަހު ޝެއިހް ތަމީމް ވިދާޅުވީ، މި ސަމިޓުން ހަނގުރާމައާ މެދު ގަލްފުގެ އެއްބައިވަންތަ ނިންމުން ހާމަވެގެންދާ ކަމަށާއި، ސަރަހައްދީ ހަމަޖެހުން ދެމެހެއްޓޭނެ ފަދަ ޑިޕްލޮމެޓިކް މަގަކުން ކަންކަން ހައްލުކުރުމަށް ގުޅުންތައް ވަރުގަދަކުރަން ޖެހޭ ކަމަށެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ، ހަނގުރާމަ ހުއްޓާލުމަށާއި ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އާންމުކޮށް ދަތުރުކުރާ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށް އީރާނުން ހުށަހަޅާފައިވާ ހުށަހެޅުމަކަށް ވޮޝިންޓަނުން ވިސްނަމުންދާ ދަނޑިވަޅެއްގަ އެވެ.
ގަލްފުގެ ހަ ގައުމުން ބާރުއަޅަމުންދަނީ ދާއިމީ އަދި ދިގު މުއްދަތުގެ އިންތިޒާމެއްގެ ދަށުން އެ ކަނޑުއޮޅި ހުޅުވަން ޖެހޭނެ ކަމަށެވެ. ގަތަރުން ވެސް ވަނީ މި މައްސަލަ ހައްލުނުވެ ދިގުލައިގެން ދިއުމާ މެދު އިންޒާރު ދީފަ އެވެ. އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާޖިދު އަލް އަންސާރީ ވިދާޅުވީ މިއީ ހުއްޓިފައި އޮންނަ ހަނގުރާމައަކަށް ވާން ބޭނުންނުވާ ކަމަށެވެ.
ހަނގުރާމައިގެ ތެރޭގައި އީރާނުން ވަނީ ޖީސީސީގެ ގައުމުތަކުގެ ހަކަތަ އުފައްދާ ތަންތަނަށާއި އާންމުންނާއި ސިފައިންގެ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ދީފަ އެވެ. މި މަހުގެ 8ގައި ހަމަލާ ބަދަލުކުރުން މެދުކަނޑާލި ފަހުން ހަމަލާތައް މަދުވެފައިވީ ނަމަވެސް، އަލުން ހަނގުރާމަ ފެށިދާނެތީ ގަލްފުގެ ލީޑަރުން އަދިވެސް ތިއްބެވީ ކަންބޮޑުވުމެއްގެ ތެރޭގަ އެވެ.
އީރާން ހަނގުރާމަ ފެށި ފަހުން ފުރަތަމަ ފަހަރަށް ގަލްފުގެ ވެރިން ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ