އިގުތިސޯދީ ހީނަރުކަމާއި ތަކެތީގެ އަގުބޮޑުވުމުގެ މައްސަލައިގައި އީރާނުގައި ކުރަމުން ދާ މުޒާހަރާތައް ހޫނުވެ އެތަންމިތާނގައި ރޯކުރަމުން ދާއިރު، ހަމަނުޖެހުންތަކުގެ މުގުލުގައި ތިބީ ބޭރުގެ ނުފޫޒުތައް ކަމަށް އީރާނުން ބުނެފިއެވެ.
އީރާނުގެ ކޮންސްޓިއުޝަނަލް ކައުންސިލްގެ ތަރުޖަމާން ހާދީ ތަހާން ނާޒިފް ވިދާޅުވީ، އީރާނުގައި މިހާރު ހިނގަމުންދާ ހަމނުޖެހުންތަކުގެ ފަހަތުގައި ތިބީ މިދިޔަ އަހަރުގެ ޖޫން މަހު، އީރާނަށް ދިން ހަމަލާތަކުގައި 1000 މީހުން މަރާލި މީހުން ކަމަށެވެ.
އިތުރަށް ތަފްސީލު ދެއްވަމުން އޭނާ ވިދާޅުވީ، އިޒްރޭލާއި އެމެރިކާއިން އޭރު އީރާނަށް ހަމަލާ ދިން އިރު 1000 މީހުން މަރުވެފައި ވާ ކަމަށާއި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އަތްޕުޅު ކަޅިވެފައި ވަނީ އެމީހުންގެ ލެއިން ކަމަށެވެ.
"އާންމު ދިރިއުޅުމުގެ ކަންކަމާމެދު ރައްޔިތުން ކުރަމުންދިޔަ ސުލްހަވެރި އިހުތިޖާޖު ހަމަނުޖެހުމަކަށް ބަދަލު ކޮށްލީ އެމީހުން (ބޭރުގެ ނުފޫޒުތައް)" އޭނާ ވިދާޅުވިއެވެ.
މި ހަމަނުޖެހުންތަކުގައި މިހާތަނަށް 50 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު، ޒަހަމްވެފައި ވާ މީހުންނާއެކު އީރާނުގެ ވެރިރަށާއި އެހެން ބައެއް ސިޓީތަކުގެ ބައެއް ހޮސްޕިޓަލްތައް ފުރިފައިވާ ކަމަށް ހުޅަނގުގެ މީޑިއާ ރިޕޯޓުތައް ވެސް ބުނެއެވެ. ޒަހަމްވި މީހުންގެ ސީދާ ޖުމްލަ އަދަދުތައް އަދި ސާފުވެފައި ނުވި ނަމަވެސް، ވެރިރަށް ތެހެރާނާއި އެހެން ބައެއް ސިޓީތަކުގައި ހަމަނުޖެހުން ހިންގާ އާންމު ބައެއް ތަންތަނާއި ސަރުކާރުގެ ބައެއް އިމާރާތްތަކުގައި ވަނީ އަލިފާން ރޯކޮށްލާފައެވެ.
އީރާނުގައި ހައްގުތަކަށް ވަކާލާތު ކުރާ ޖަމާއަތެއް ކަމަށް ވާ އެޗްއާރްއޭއެންއޭ އިން ބުނެފައި ވަނީ މަރުވި މީހުންގެ ތެރޭގައި ސަލާމަތީ ބާރުތަކުގެ 15 މީހުންވެސް ހިމެނޭ ކަމަށެވެ. މުޒާހަރާ ކޮންޓްރޯލްކޮށް ހަމަނުޖެހުން ހުއްޓުމުގައި ހަރަކާތްތެރިވާ އޮފިޝަލުން މިހާތަނަށް 2300 މީހަކު ހައްޔަރު ކޮށްފައި ވާ ކަމަށް ވެސް ބުނެފައި ވެއެވެ.
އީރާނު ސަރުކާރުގެ ބައެއް ނޫސް އެޖެންސީތަކުން ބުނާގޮތުގައި ހަމަނެޖެހުން ހިންގުމަށް މަގުތަކަށް ނިކުމެ އުޅޭ މީހުންގެ އަތުގައި ލަޓިބުރިއާއި އެނޫންވެސް ހަތިޔާރު ގެންގުޅެއެވެ. އެގޮތުން ތެހެރާނާ ކައިރި ބައެއް ސިޓީތަކުން ހައްޔަރު ކުރި މީހުންނާއެކު ހަތިޔާރުވެސް އަތުލާފައި ވާކަމަށް ބުނެއެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ވިދާޅުވީ، ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ އަމިއްލަ ވަޒަނުގައި ހުރި އަމިއްލަ މުދަލާއި ވަސީލަތަށް ގެއްލުން ދެނީ ކަމަށާއި އެބަޔަކު އެކަން އެ ކުރަނީ އެމެރިކާގެ ރައީސް ރުއްސަން ކަމަށެވެ.
އެއާއެކު އެތެރެއާއި ބޭރަށް އިންޒާރު ކުރައްވަމުން ހާމަނާއީ ވިދާޅުވީ، ބޭރުގެ ނުފޫޒުތަކުގެ ކުރިމަތީގައި ކުޑަކަކޫ ނުޖައްސަވާނެ ކަމަށާއި ސުލްހަވެރި އެތައްބައެއްގެ ފުރާނަ ނަގާލައި ހަމަނުޖެހުން ހިންގާ ބަޔަކަށް އަމާންދީ ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
"ރައްޔިތަކަށް ވިޔަސް އެމީހާ ޣައްދާރުވެ ބޭރުގެ އަޅުވެތިކަމުގެ ހާދިމަކަށް ވީމާ، އެމީހާ އަކީ އަހަރެމެންގެ ތެރެއިން ވާ މީހެއް ނޫން"
އެއާއެކު ހާމަނާއީ ވަނީ، ގައުމަށްޓަކައި ޒުވާނުން އެކަތިގަނޑަކަށް ވެ ދުޝްމަނުން ބަލިކުރުމަށް ތައްޔާރުވުމަށް ގޮވާލައްވާފައެވެ.
އީރާނުގައި ހިނގަމުންދާ ހަމަނުޖެހުންތައް ގާތުން ބައްލަވަމުން އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެފައި ވަނީ، މުޒާހަރާގެ ބައިވެރިން މަރާނަމަ އީރާނަށް ހަމަލާ ދޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އީރާނުގެ ހާލަތަށް ތައްޔާރުވުމުގެ ގޮތުން އިޒްރޭލުގެ އަސްކަރިއްޔާ ތަރުތީބު ކުރަމުން ދާ ކަމަށް ވެސް މެދުއިރުމަތީގެ ހަބަރުތަކުން ބުނެއެވެ.
އީރާން އަނދަނީ: ތުހުމަތު ބޭރުގެ ނުފޫޒުތަކަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ