މިދިޔަ އާދިއްތަ ދުވަހުގެ ރޭ ކެލިފޯނިޔާގެ ބެވާލީ ހިލްޓަންގައި ބޭއްވި 83 ވަނަ ގޯލްޑަން ގްލޯބްސް ހަފްލާގައި އެވޯޑު ހާސިލު ކުރި ފަންނާނުންނަށް ރާއްޖޭގެ ތިން ރިސޯޓެއްގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ވެސް ލިބުނެވެ. ދާދި ފަހުން ގޯލްޑަން ގްލޯބްސް އެވޯޑަށް އިންޑަސްޓްރީގެ އެތެރެ އާއި ބޭރުން ގިނަ ބަޔަކު ފާޑުކިޔަމުން ދިޔަ އެވެ. ނަމަވެސް މި އަހަރުގެ ހަފްލާގެ ރަތް ދޫލައިން ވެސް ފަންނާނުންގެ ފެޝަން ވިދާލި އެވެ.
މި އަހަރުގެ ހަފްލާގައި ބައިވެރިވި ގިނަ ތަރިން ލައިގެން ތިބީ އެ ހާއްސަ ހަފްލާއާ މުނާސަބު ހެދުންތަކެކެވެ. އަދި ފާހަގަވި ބައެއް ޓްރެންޑުތަކަށް ވެސް އަޅުގަނޑު އަލިއަޅުވާލާނަމެވެ.
ގޯލްޑަން ގްލޯބްސް އަކީ 'ބްލެކް ޓައި' އިވެންޓަކަށް ވެފައި އެ ހަފްލާގައި ބައިވެރިވާ މީހުން އާއްމުކޮށް ލަނީ ސޫޓާއި ޓަކްސް އަދި ދިގުކޮށް ހުންނަ ހެދުމެވެ. ބައެއް ތަރިން 'ފެޝަން ރިސްކް'އެއްގެ ގޮތުގައި ހެދުމަށް ކުދި ބަދަލުތައް ގެނެ އެވެ. އެއީ ކުލަ ނުވަތަ ހެދުމުގެ ބައްޓަމާއި ސްޓައިލަށެވެ.
ދުނިޔޭގެ އެންމެ ވިދާ ތަރިން އެއްވާ ހަފްލާއެއްގައި އެންމެ ފަހުގެ، ޒަމާނީ ހެދުމާއި ސޫޓު ސްޓައިލްތައް ރަތް ދޫލަ މަތިން ފެނުން އެކަށީގެންވެ އެވެ. އެގޮތުން މިފަހަރު ގިނަ އަދަދެއްގެ ތަރިން ވަނީ އެންމެ ފަހުގެ ޑިޒައިނާ ބްރޭންޑުތަކުން ފަރުމާކޮށްފައިވާ ހެދުން ލައިފަ އެވެ.
ގޯލްޑަން ގްލޯބްސްއަކީ 'ބްލެކް ޓައި' އިވެންޓަކަށް ވެފައި ހޮލީވުޑަށް ހާއްސަ ހަފްލާއަކަށް ވުމުން ތަރިން މި އަހަރު ވެސް ގިނައިން ލައިފައި ވަނީ 'އޯލްޑް ހޮލީވުޑް' ސްޓައިލްގެ ހެދުމެވެ. އެއީ އިހު ޒަމާނުގެ ހޮލީވުޑް ތަރިން ލައި އުޅުނު 'ސިލުވެޓް'ތަކުގެ ހެދުމެވެ. އެކަމަކު ޒަމާނީ ކުދި ބަދަލުތައް ވެސް ގެެނެސްފައި ހުރިކަން ފާހަގަވި އެވެ. އޭގެ ތެރޭގައި ސެލީނާ ގޯމޭޒްގެ ހިތްގައިމު ޝެނަލް، ކަޅާއި ހުދު ހެދުން ހިމެނެ އެވެ.
ލަވަކިއުންތެރިއާ އަދި އެކްޓަރު އަރިއާނާ ގްރާންޑޭ އާއި އެކްޓަރު އޭމީ ލޫ ވަނީ 'ބޯލް ގައުން' ސްޓައިލުގެ ހެދުމެއް ލައިފަ އެވެ. އެކަމަކު ގިނަ ތަރީން ލައިގެން ތިބީ ޒަމާނީ 'ކޮލަމް' ސްޓައިލުގެ ނޫނީ 'ޓްރަމްޕެޓް'، 'މާމެއިޑް' އަދި 'އޭ-ލައިން' ސްޓައިލުގެ 'ސިލުވެޓް' އެވެ. ގިނަ ހެދުންތައް ގޮތް ބޮޑެއް ނޫނެވެ. އަދި އާދައިގެ ސާދާ ސްޓައިލްތައް ވެސް ހިމެނެ އެވެ.
މި އަހަރުގެ ރަތް ދޫލަ މަތިން ފާހަގަވި މައިގަނޑު ކުލަތަކަކީ ކަޅާއި ހުދެވެ. މިއީ އާއްމުކޮށް 'ބްލެކް ޓައި' އިވެންޓުތަކަށް ލައި އުޅޭ ކުލަތަކެވެ. މީގެ އިތުރުން ގިނަ ބަޔަކު ގަދަ ފެހި ކުލަ ލައިގެން ތިބިކަން ފާހަގަވި އެވެ. އެގޮތުން ފާހަގަ ކޮށްލެވޭ ހެދުންތަކުގެ ތެރޭގައި އެކްޓަރު ރޯސް ބާންގެ ފެހި ކުލައިގެ ޝެނަލް ހެދުމާއި މޮޑެލް އަދި އިންފްލުއެންސާ އޮލަންޑްރިއާގެ 'މާމެއިޑް' ސްޓައިލްގެ ފެހި ކުލައިގެ ކްރިސްޓިއަން ސިރިއާނޯ ހެދުން އަދި ޗޭސް ސުއިގެ ބެލެންސިއާގާ ހެދުން ހިމެނެ އެވެ.
މި އަހަރު 'ކަޓް އައުޓް' ސްޓައިލްގެ ހެދުން ގިނަ އަދަދެއްގެ ސެލެބްރިޓީއިން ވަނީ ލައިފަ އެވެ. އޭގެ ތެރޭގައި އެކްޓަރު ޓެޔާނާ ޓޭލާގެ ކަޅު ކުލައިގެ ސްކިއަޕަރެލީ ހެދުން، ޒޯއީ ޑިއުޝް އަދި ޖެނާ އޯޓެގާގެ 'ކަޓް އައުޓް' ސްޓައިލް ހެދުން ހިމެނެ އެވެ.
މި ލިސްޓުގެ އެއްވަނަ މިފަހަރު އެންމެ ހައްގުވަނީ ރަތް ދޫލަމަތިން ވިދާލި ހަގު އެކްޓަރު ޑިއުކް މެކްލައުޑް އަށެވެ. އެންމެ 6 އަހަރުގެ ޑިއުކްއަކީ 'އޯލް ހާ ފޯލްޓް' ފިލްމުގައި ރޯލެއް ކުޅެ، ގޯލްޑަން ގްލޯބްސް އެވޯޑެއް ވެސް ކާމިޔާބު ކޮށްފައިވާ އެކްޓަރެކެވެ. ޑިއުކްގެ މަޑު ނޫ ކުލައިގެ ސޫޓާއި ފަޓުލޫނު އަދި އެއާ ގުޅުވާލައިފައިވާ ބޫޓާއި ގަހަނާ ވަރަށް ހިތްގައިމެވެ. އަދި ކުޑަކުއްޖަކާ ގުޅެ އެވެ.
އެކްޓަރު ޓެސާ ތޮމްސަންގެ މަޑު ފެހި ކުލައިގެ ބެލެންސިއާގާ ގައުން ލައިގެން އިރު ހީވަނީ ދެންމެ މޫދުން އަރައިގެން އައި ފެނުޕަރީއެއް ހެނެވެ. އޭނާގެ މުޅި ހެދުމުގައި ހަރުކޮށްފައި ވަނީ 'ފިޝްޓެއިލް ސީކުއިންސް' އެވެ. ހެދުން ވަރަށް ޒަމާނީ ވެފައި މުނާސަބަތާ ގުޅެ އެވެ.
ސެލީނާ ގޯމޭޒް ދާދި ފަހުން ބައިވެރިވި ގިނަ ބޮޑެތި ރެޑް ކާޕެޓް ހަފްލާތަކުގައި ވަނީ ވަރަށް ނަލަ ހެދުންތަކެއް ލައިފަ އެވެ. މި ލިސްޓުގައި ވެސް އޭނާ ހިމެނެ އެވެ. ހުދު ދޫނި ފިޔަތަކަކުން ޖަރީ ކޮށްފައިވާ ކަޅު ހެދުން ރަމްޒުކުރަނީ 'އޯލްޑް ހޮލީވުޑް' ސްޓައިލެވެ. އަދި އޭނާގެ މޭކަޕާއި އިސްތަށިގަނޑުގެ ސްޓައިލް ވެސް ހެދުމާ ގުޅުވާލައިފައި ހުރީ ވަރަށް ފުރިހަމަކޮށެވެ.
'ބެސްޓް ސަޕޯޓިން' އެކްޓްރެސްގެ އެވޯޑް ހާސިލުކުރި ޓެޔާނާ ޓޭލާ 'ބެސްޓް ޑްރެސްޑް' ލިސްޓުގައި ވެސް ހިމެނެ އެވެ. އޭނާގެ ކަޅު ހެދުމަކީ މަގުބޫލު 'ހައި ފެޝަން' ބްރޭންޑު ސްކިއަޕަރެލީއިން ފަރުމާކޮށްފައިވާ ހެދުމެކެވެ.
ވެންސްޑޭ އެޑަމްސްގެ ރޯލުން މަޝްހޫރު ކުޅަދާނަ ތަރި ޖެނާ އޯޓެގާ ވަނީ އޭނާގެ އެ ރޯލްއާ ގުޅޭ ސްޓައިލުގެ ހެދުންތައް ލައިފަ އެވެ. އޭގެ ތެރޭގައި ކަޅު، އަޅި އަދި ގަދަ ދަނބު ފަދަ ކުލަތަކުގެ 'ގޮތިކް' ސްޓައިލްގެ ހެދުން ހިމެނެ އެވެ. މިފަހަރުގެ ގޯލްޑަން ގްލޯބްސްގައި ވެސް އޭނާގެ ހެދުން ތަފާތުވެފައި ނަލަ އެވެ.
މި އަހަރު އެންމެ މަގުބޫލުވި އެއް ފިލްމު ކަމަށްވާ 'މާޓީ ސުޕްރީމް'ގެ ތަރި އޮޑެސާ އަޒައޮން ވަނީ މި ހަފްލާއަށް ވިންޓެޖު ޑޮލްޗޭ އެންޑް ގައްބާނާ ހެދުމެއް ލައިފަ އެވެ. ކަޅު ކުލައިގެ ދޫނި ފިޔަ ހަރުކޮށްފައި ހުރި ޓޮޕަކާ އެކު ކަޅު އަންގި އަދި ހަރުވާޅެއް ގުޅުވާލައިފަ ހުއްޓެވެ. އެހެން ތަރިން ދިގު ހެދުން ލައިގެން ތިބި އިރު އޮޑެސާގެ މި ތަފާތު 'ލުކް' ވަރަށް ބޮޑަށް ފާހަގަވި އެވެ.
މި އަހަރުގެ ގޯލްޑަން ގްލޯބްސް ހަފްލާއިން ގިނަ އަދަދެއްގެ ދެމަފިރިން ފެނިފައިވެ އެވެ. އެއީ އެކްޓަރު ތަރިންނަށް ވެފައި ކޮންމެ ދެމަފިރިއެއް ވެސް ތިބީ ވަރަށް ނަލަކޮށް ތައްޔާރުވެލައިގެންނެވެ. ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސް މި ލިސްޓުގައި ހިމެނެ އެވެ. ޕްރިޔަންކާގެ ގަދަ ނޫ ކުލައިގެ ދިގު ހެދުމާއި ނިކް ޖޯނަސްގެ ގަޔަށް ހެޔޮވަރު ސޫޓު ވަރަށް ހިތްގައިމެވެ. އަދި ސްޓައިލްކޮށްގެން ތިބީ އެކަކު އަނެކަކާ ގުޅޭ ގޮތަށެވެ.
ބޮޑު ކޮންމެ އިވެންޓެއްގައި ވެސް ފިރިހެން ސެލެބްރިޓީންގެ ސްޓައިލް ހުންނަނީ ދާދި އެއްގޮތަކަށެވެ. އެއީ ޓަކްސީޑޯ އާއި ސޫޓާއި ޓައީ އެވެ. ގޯލްޑަން ގްލޯބްސް ހަފްލާގައި ވެސް ގިނަ ފިރިހެން ތަރިން ތިބީ ކަޅު ސޫޓާއި ފަޓުލޫނު ލައިގެނެވެ.
ތަފާތު ގޮތަކަށް ތައްޔާރުވެގެން ތިބި ތަރިންގެ ތެރެއިން އެންމެ ފުރަތަމަ ފާހަގަކޮށްލަން ބޭނުންވަނީ ކޮލްމަން ޑޮމިންގޯ އެވެ. އޭނާގެ ކަޅު ސޫޓު ފަރުމާކޮށްފައި ވަނީ އިޓަލީގެ މަޝްހޫރު ބްރޭންޑު ވެލެންޓީނޯ އެވެ. ކޮލްމަންގެ ކަޅު ސޫޓުގައި ރިހި ކުލައިގެ ފަތްތަކެއް ހަރުކޮށްފައި ހުއްޓެވެ. އޭނާ ތައްޔާރުވެގެން ހުރީ ގޮތް ބޮޑު ނޫން ފިރިހެންވަންތަ ސްޓައިލަކަށެވެ.
ފިލްމު 'ފްރެންކެންސްޓައިން' އިން ގޯލްޑެން ގްލޯބްސްއަށް ނޮމިނޭޓުވި އެކްޓަރު ޖޭކޮބް އެލޯޑީ އަކީ މިހާރު އަރަމުން އަންނަ ފެޝަން ތަރިއެކެވެ. އޭނާގެ އަމިއްލަ ސްޓައިލް އަދި ރެޑް ކާޕެޓް ސްޓައިލް ވެސް އެހާމެ ފުރިހަމަ އެވެ. މި ހަފްލާއަށް އޭނާގެ ސޫޓާ ގުޅުވާލައިފައި ހުރީ ފުޅާ ފަޓުލޫނެކެވެ. އޭނާގެ ހަށިގަނޑުގެ ބައްޓަމާއި ރޫފައާ ގުޅޭ ގޮތަކަށް ސްޓައިލު ކޮށްފައި ހުއްޓެވެ.
އެކްޓަރު ހަޑްސަން ވިލިއަމްސް ވިދާލީ 'ހީޓެޑް ރައިވަލްރީ'ގައި އޭނަ ކުޅުނު ރޯލުން އެކަންޏެއް ނޫނެވެ. ގޯލްޑަން ގްލޯބްސް ހަފްލާގައި އޭނާ ލައިގެން ހުރި ހުދާއި ކަޅު އަރްމާނީ ސޫޓު ވަރަށް ޗާލެވެ. އަދި ހަޑްސަން ވެސް ސޫޓާ އެކު ލައިގެން ހުރީ ފުޅާ ފަޓުލޫނެކެވެ.
މި ލިސްޓުގެ ޝަރަފުވެރި އެއްވަނަ ހާސިލުކުރީ އެކްޓަރު ޖެސީ ބަކްލީ އެވެ. އޭނާ ވަނީ އާދަޔާހިލާފު މޮޅު ޕާފޯމަންސެއް ފިލްމު 'ހެމްނެޓް'ގައި ދައްކައިފަ އެވެ. އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް އޭނާ މި އަހަރު ކާމިޔާބު ކުރި ނަމަވެސް، އޭނާގެ ހެދުމަކީ ކާމިޔާބު ފަންނާނަކަށް އެންމެ އެކަށީގެންވާ ހެދުމެއް ނޫނެވެ. މަޑު ނޫ ކުލައިގެ ޑިއޯ ބްރޭންޑުގެ ހެދުން އޭނާ ލައިގެން ހުރިއިރު ހީވަނީ ބަޔަކު ލަނޑެއް ދީފައި ހުރި ހެންނެވެ.
ޑިއޯ ފަދަ އަގު ބޮޑު އަދި މަޝްހޫރު ބްރޭންޑަކުން މިފަދަ ކަމެއް އުއްމީދީ ހުނަރުވެރި ތަރިއަކަށް ކުރާނެ ކަމަށް ގަބޫލު ކުރަން ވެސް ދައްޗެވެ. ހެދުމުގެ ސްޓައިލް އޭނާގެ ހަށިގަނޑަކާ ނުގުޅެ އެވެ. ހެދުމުގެ ފަތިތަކުން ރޫ ޖެހިފައި ހުންނަތަން ވަރަށް ސާފުކޮށް ފެންނަން ހުއްޓެވެ. އަދި ހަފްލާގައި އިށީނދެގެން ގިނަ އިރު އިނުމަށް ފަހު އޭނާގެ އެވޯޑާ ހަވާލުވާން ސްޓޭޖަށް އެރި އިރު އުނގުމަތީގައި ޖެހިފައި ހުރި ބޮޑެތި ރޫތައް ހުރިހާ ފޮޓޯއަކުން ފެންނަން ހުއްޓެވެ.
މަޝްހޫރު ޓިކްޓޮކް އިންފްލުއެންސާ ހޭލީބޭލީ (ހޭލީ ކަލިލް)ގެ ގަދަ ނޫ ކުލައިގެ ހެދުން ލައިގެން ހުރި އިރު ހީވަނީ ކޮސްޓިއުމް ޕާާޓީއަކަށް ތައްޔާރުވެގެން ހުރި ހެނެވެ. ޑިޒައިނާ މާކް ބައުވާ ފަރުމާކޮށްފައިވާ ހެދުމުގައި ނެތް އެއްޗެއް ނެތެވެ. މިނާ ޖަހާ ފުރާފައިވާ 'ބޮޑިސް'އަކާއި އަންގިއެއް ލައިގެން މޭމަތިން ނިކުމެފައި ހުރި 'ސްޕައިކް'ތަކެއް ވެސް ހުއްޓެވެ. ގޯލްޑަން ގްލޯބްސް ފަދަ ހާއްސަ މުނާސަބަތަކަށް އެއްގޮތަކަށްވެސް ނުގުޅެ އެވެ.
ލަވަކިއުންތެރިޔާ އޯޑްރޭ ނޫނާގެ އާދަޔާހިލާފު ހެދުން ފެނުނީމާ ހަނދާންވަނީ އިހުގެ ތިއޭޓަރުތަކުގައި ޕާފޯމު ކުރާ 'ކްލައުން'އެއްގެ މަތީންނެވެ. ކަރުގަ އާއި ފައި ކުރީގައި ހުދު ކުލައިގެ ބޮޑު ޓައިއެއް ޖަހާފައި ކަޅު ކޭޕްއަކާ އެކު ކަޅު ނެޓު ފޮއްޗެއް މޫނު މަތީގަ އަޅާފައި ހުއްޓެވެ. މީގެ އިތުރުން އިސްތަށިގަނޑު ވެސް ގަތާފައި 'އާންޓީ އޭންސް ޕްރެޓްޒެލް'އެއް ގޮތަށް ސްޓައިލް ކޮށްފައި ހުއްޓެވެ. މިއަށް ވުރެން އެކަށީގެންވާ ހެދުމެއް އޭނާގެ ސްޓައިލިސްޓުންނަށް ހަމަ ނުފެނުނީ ހެއްޔެވެ؟
އެކްޓްރެސް އަދި ލަވަކިއުންތެރިޔާ ޕައިޕާ ކުރްޑަ އަކީ ހުނަރުވެރި ފަންނާނެކެވެ. އެކަމަކު ގޯލްޑަން ގްލޯބްސް ހަފްލާގައި އޭނަ ލައިގެން ހުރި ހެދުން ފެނުމުން ހީވަނީ ހޭލީބޭލީއާ އެކު ކޮސްޓިއުމް ޕާާޓީއަކަށް ދާން ތައްޔާރުވެގެން ހުރި ހެނެވެ.
ރަތް ކުލައިގެ ބޮޑު ތޮތްޕަކާއި ޖެކެޓެއް އަދި ރަތް ކުލައިގެ ރޫ ނެގި ސްކާޓަކާ ގުޅުވާލައިފައި ހުރީ ގަދަ ނޫ ކުލައިގެ ބެލްޓެކެވެ. އޭނާ މި ހަފްލާއަށް ސްޓައިލް ކުރީ އަމިއްލައަށްތޯ ނޫނީ މިއީ ސްޓައިލިސްޓެއްގެ އެހީ ހޯދައިގެން ނެރުނު 'ލުކް'އެއްތޯ ސުވާލު ކުރެވުނެވެ. ސްޓައިލިސްޓެއްގެ އެހީ މި ހެދުމަށް ހޯދި ނަމަ، މިހާރުން މިހާރަށް އެ ސްޓައިލިސްޓު ވަޒީފާއިން ކަނޑާލުން ބުއްދިވެރި ކަމަށް ފެނެ އެވެ.
ގޯލްޑަން ގްލޯބް އެވޯޑް ހަފްލާގެ ރަތް ދޫލަމަތިން ވިދާލި ތަރިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ