ސަރުކާރުން ޓޫރިޒަމަށް ވަނުމަކީ ގެއްލުން ބޮޑު، ބިރުވެރި ސިޔާސަތެއް: އަމީރު ސަރުކާރުން ޓޫރިޒަމަށް ވަނުމަކީ ގެއްލުން ބޮޑު، ބިރުވެރި ސިޔާސަތެއް: އަމީރު

ސަރުކާރުން ޓޫރިޒަމްގެ ވިޔަފާރިއަށް ވަނުމަކީ ގައުމަށް ގެއްލުން ބޮޑު އަދި ބިރުވެރި ސިޔާސަތެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ފަތުރުވެރިކަމުގެ ވިޔަފާރިއަށް ވަންނަން އުޅޭތީ އަމީރު ކަންބޮޑުވުން ފާޅުކުރިއިރު، އާންމުންނަށް ހިއްސާ ބަހާ ގޮތަށް ސަރުކާރުން 10 ރިސޯޓު ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ މިއަދު ވިދާޅުވެފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމީރު ވިދާޅުވީ ދުނިޔޭގެ އެންމެ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލަށް ރާއްޖެ ވެގެންދިޔައީ އެ އިންޑަސްޓްރީގައި ސަރުކާރުގެ ސީދާ ބައިވެރިވުން ނެތީމާ ކަމަށެވެ.
"މިހާތަނަށް އަައި އިރު ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލަކަށް ވެގެން ދިޔައީ، މި ސިނާއަތުގައި ސަރުކާރުގެ ސީދާ ބައިވެރިވުން ނެތުމުން. ސަރުކާރުގެ މުޅި ފޯކަސް ހުރީ ހުރިހާ ވިޔަފާރިތަކަަށް ސީދާ ވަންނަން. މިއީ ގެއްލުން ބޮޑުވާނެ ބިރުވެރި ސިޔާސަތެއް،" އަމީރު ވިދާޅުވި އެވެ.
އޭގެ އިތުރުން އަމީރު ވިދާޅުވީ، ރާއްޖޭގެ ވިޔަފާރިވެރިންނަށް ކުރިއަށް އޮތް ތަނުގައި އިތުރު ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނެކަން މިއަދުގެ ރިޔާސީ ބަޔާނުން އެނގުނު ކަމަށެވެ.
"ގޮނޑިކޮއްކޮ މަޖްލިހަކަށް އިއްވި ރިޔާސީ ބަޔާނުން އެނގިގެން ދިޔައީ، ކުރިޔަށް ހުރި އަހަރުތަކުގައި ރާއްޖޭގެ އަމިއްލަ ވިޔަފާރިވެެރިންނަށް އިތުރު ގޮންޖެހުންތަކާއި ކުރިމަތިވާނެ ކަން. ސަރުކާރުން މިހާރަށް ވުރެ ފުޅާކޮށް ވިޔަފާރިތަކަށް ވަންނާނެކަން،" އޭނާ ވިދާޅުވި އެވެ.
"ސަރުކާރެއްގެ މަސްއޫލިއްޔަތަކީ ރެގިއުލޭޓްކުރުން. ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމްކުރުން. ވިޔަފާރިތައް ކުރިއެރުވުމަށް ކެޕިޓަލް ރެއިޒްކުރެވޭނެ ނިޒާމެއް ގާއިމްކުރުން. އަމިއްލަ ވިޔަފާރިތައް އިނދަޖައްސާލާ، ހުރިހާ ވިޔަފާރިއެއް ސަރުކާރުން ކުރުމެއް ނޫން."
ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު މިއަދު ވިދާޅުވީ، 2030 ވަނަ އަހަރުގެ ކުރިން ސަރުކާރުން އަޅާ ރިސޯޓުތަކުގެ ފައިދާ ސީދާ ކޮންމެ ރައްޔިތެއްގެ އެކައުންޓަށް ޖަމާވާން ފަށާނެ ކަމަށެވެ.
"މަދުވެގެން 10 ރިސޯޓު ތަރައްގީކޮށް، އެ ރިސޯޓުތަކުން ދޭ ފައިދާގެ ބޮޑު ބައެއް ހަމަ އެއްވެސް ރައްޔިތަކު ބާކީ ނުކޮށް، ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ހަމަހަމަކަމާއެކު އަހަރަކު އެއްފަހަރު ބޭރު ފައިސާއިން ޖަމާކޮށްދޭނަން،" މުއިއްޒު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ