ކުދި ކުށްތައް ކުރާ ގައިދީންގެ ޖަލަކަށް ރަށެއް ހާއްސަކުރަނީ

ކުދި ކުށްތައް ކުރާ ގައިދީން ގެންގުޅެން 'އޮޕެން ޕްރިޒަން' ކޮންސެޕްޓުގައި ރަށެއް ތަރައްގީކުރަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ބުނީ ކީކޭ؟ - މިއަދު އިއްވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ، މި ޖަލަކީ، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އޯޕަން ޕްރިޒަން އައިލެންޑް ކޮންސެޕްޓުގައި ތަރައްގީކުރާނެ ތަނަށް ވާނެ ކަމަށެވެ. އެގޮތުން އެރަށް ތަރައްގީކުރާނީ، މުޅިރަށަކީ ޖަލެއްގެ ގޮތުގައި ކަނޑައަޅައި އެރަށުގައި ގައިދީންނަށް ދިރިއުޅެ މަސައްކަތް ދަސްކޮށް އެ މީހުން އިސްލާހުކުރަން ހާއްސަކޮށްގެން ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި:
އެ މަސައްކަތް މިހާރު ވަނީ ކަރެކްޝަނާއި ހަވާލުކޮށްފައި؛ ޖަލު ގާއިމްކުރުމަށް ކުރަންޖެހޭ އުމްރާނީ މަސައްކަތްތައް މި އަހަރުގެ މެދުތެރޭގައި ފަށާނެ 
މިއަހަރުގެ ނިޔަލަށް އެ ޖަލަށް ގައިދީން ލުމަށް ވަނީ ޕްލޭންކޮށްފައި
 މިރަށަށް ގެންދެވޭނީ މިނިމަމް ސެކިއެރިޓީ ދޭންޖެހޭ ކުދި މައްސަލަތަކުގައި ގައިދުކުރެވޭ މީހުން 
މި ގައިދީންނަށް ދަނޑުވެރިކަމާއި އެފަދަ އެހެން މަސައްކަތްތައް އެރަށުގައި ދަސްކޮށްދެވޭނެ
ނަމަވެސް، އެކަމަށް ހާއްސަކުރާ ރަށުގެ ތަފްސީލެއް ރައީސް މިއަދު ނުދެއްވަ އެވެ. ކަރެކްޝަނުން ވެސް ބުނީ، އެމަސައްކަތުގެ ތަފްސީލުތައް ފަހުން ހާމަކުރާނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ޖަލަކީ ހަމައެކަނި އަދަބު ދިނުމަށް ގެންދެވޭ ތަނަކަށް ވުމުގެ ބަދަލުގައި ޖަލަކީ ހުކުމް ތަންފީޒުކުރަމުންދާ ގައިދީންނަށް ދިރިއުޅުމުގައި ކާމިޔާބު މީހަކަށް ހެދުމަށް އިސްލާހީ ރިހިބިލިޓޭޝަންގެ ފުރުސަތުދޭ ތަނަކަށް ބަދަލުކުރުމަކީ އެމަނިކުފާނުގެ ސިޔާސަތު ކަމަށެވެ.
ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގައި ގަވާއިދުން ބައިވެރިވެ އަހުލާގު ވަކި މިންގަނޑެއްގައި ހިފެހެއްޓުމުން ޕްރޮގްރާމުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ޖަލުހުކުމުން އިތުރު ދުވަހެއް ކެނޑޭގޮތަށް މިހާރު ވާނީ ސިޔާސަތު ބަދަލުކޮށްފަކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ