އާސެނަލްގެ ފަރާތުން ފެނުނީ އިހުތިރާމް ކުޑަ އަމަލެއް ކަމަށް ރޮސެނިއާ ބުނެފި އާސެނަލްގެ ފަރާތުން ފެނުނީ އިހުތިރާމް ކުޑަ އަމަލެއް ކަމަށް ރޮސެނިއާ ބުނެފި

ލަންޑަން (ފެބްރުއަރީ 6) - އިނގިރޭސި ލީގު ކަޕް ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި އާސެނަލް ދަނޑުގައި އެ ޓީމުގެ ފަރާތުން ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގައި ފެނުނީ އިހުތިރާމް ކުޑަ އަމަލެއް ކަމަށް ޗެލްސީގެ ކޯޗު ލިއަމް ރޮސެނިއާ ބުނެފި އެވެ.
އާސެނަލުން އިތުރު ވަގުތުގައި، ކައި ހަވާޓްޒް ޖެހި ގޯލުން 1-0 އިން ޗެލްސީ ބަލިކުރި މެޗު ފެށުމުގެ ކުރިން، ރޮސެނިއާ އާއި އާސެނަލްގެ ބައެއް ކުޅުންތެރިންނާއި އޮފިޝަލުންގެ މެދުގައި ބަހުގެ ހަމަލާތަކެއް ބަދަލުކުރި އެވެ. އެއީި، ވޯމްއަޕް ވަގުތުގައި އާސެނަލްގެ ބައެއް ކުޅުންތެރިންނާއި ކޯޗިން ސްޓާފުން ޗެލްސީގެ ފަޅި އަށް އެރުމާ ގުޅިގެންނެވެ.
ރޮސެނިއާ ބުނީ، އޭނާ އަކީ އެއްވެސް އިރެއްގައި އިދިކޮޅު ޓީމަަށް އުނދަގުލެއް ކުރުމަށް ބާރު އަޅައި އެ ފަދަ އެއްވެސް ކަމެއް ކުރާނެ މީހެއް ނޫން ކަމަށެވެ. އަދި، އެ ގޮތަށް ވިސްނާއިރު، އެ މެޗުގެ އެ ވަގުތުގައި އާސެނަލުން ކަންކަން ކުރީ ރަނގަޅަށް ނޫން ކަމަށް ރޮސެނިއާ ވަނީ ބުނެފަ އެވެ.
"އަހަންނާއި އާސެނަލާ ދެމެދު މައްސަލައެއް ނެތް. އަހަންނަކީ، އާސެނަލްގެ ކޯޗު މިކޭލް (އާޓެޓާ) އަށް ވަރަށް އިހުތިރާމްކުރާ މީހެއް. އެކަމަކު، އެކަން އެ ހިނގި ވަގުތަކީ، އާސެނަލްގެ ފަރާތުން އިހުތިރާމް ކުޑަ އަަމަލެއް ފެނުނު ހިނދުކޮޅެއް،" ރޮސެނިއާ ބުންޏެވެ.
ކުރިން ހަލް ސިޓީ އާއި ރެޑިން އަދި ފުލަމް އަށް ކުޅުނު ރޮސެނިއާ، ފްރެންޗް ލީގުގެ ސްޓްރާސްބޯ ދޫކޮށް މިދިޔަ މަހު ޗެލްސީއާ ހަވާލުވެ އެ ޓީމު ގޮވައިގެން ޖުމްލަކޮށް އަންނަނީ ރަނގަޅު މަަސައްކަތެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ