ކިރްގިސްތާނު ބަލިކޮށް ރާއްޖެއަށް ރޭންކިންގެ އެއްވަނަ

ކިރްގިސްތާނާ ވާދަކޮށް 3-1 ސެޓުން އެ ޓީމު ބަލިކޮށް، ވިމެންސް ކާވާ ކަޕް 2025 ގައި ރާއްޖެއިން ރޭންކިންގެ އެއްވަނަ މަގާމު ހޯދައިފިއެވެ. މިއީ ރާއްޖޭގެ އަންހެން ވޮލީއަށް ބޮޑު ކާމިޔާބީއެކެވެ. ސެންޓްރަލް ޒޯނުގައި އެންމެ ކުރިއަރަމުން އަންނަ ކިރްގިސްތާނު އަތުން ހޯދި މި މޮޅާއެކު ރާއްޖެއިން މުބާރާތުގެ ގޯލްޑް މެޑަލް ހޯދުމުގެ އުންމީދު ވަނީ ބޮޑުވެގެންގޮސްފައެވެ. ކިރްގިސްތާނުން މެޗުގެ ފުރަތަމަ ސެޓު ވަނީ ފަސޭހަކަމާއެކު 25-15 އިން ކާމިޔާބުކޮށްފައެވެ. މި ސެޓުގައި ރާއްޖެއިން ފެނުނީ ގޭމުގެ ތެރެއަށް ނުވަދެވި އުޅުނު ތަނެވެ. އަދި ގިނަ ގޯސްތަކެއްވެސް ފެނިގެންދިޔަ އެވެ. ވިމެންސް ކާވާ ކަޕް 2025 ގައި ރާއްޖެއާއި ކިރްގިސްތާނު ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ނަދީމް ހާއްސަކޮށް ކިރްގިސްތާނުގެ ދިގު ކުޅުންތެރިންގެ ހަމަލާތައް ހުއްޓުވުމުގައި ރާއްޖެ ޓީމަށް އުނދަގޫތަކެއް ކުރިމަތިވިއެވެ. ނަމަވެސް ދެން ފެނިގެންދިޔައީ ރާއްޖެ ޓީމުން ވަރަށް ބޮޑުތަން ކުޅުން ރަނގަޅުކުރި ތަނެވެ. އަދި އިތުބާރު ބޮޑުކޮށް، ގިނަ ބޯޅަތަކެއްގެ ބޭނުން ހިފައިން ޕޮއިންޓުތައް ހޯދި ތަނެވެ. އެއާއެކު ދެވަނަ ސެޓު ރާއްޖެއިން ކާމިޔާބުކުރީ 25-23 އިންނެވެ. މި ސެޓު ރާއްޖެއިން ކާމިޔާބުކުރީ ސެޓުގެ ފަހުކޮޅު ހޯދި ޕޮއިންޓުތަކާއެކު އެވެ. މެޗުގެ ތިން ވަނަ ސެޓުގައި ވެސް ރާއްޖޭގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިފައިވާއިރު، ތިންވަނަ ސެޓު ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ 25-19 ގެ ނަތީޖާއަކުންނެވެ. ވިމެންސް ކާވާ ކަޕް 2025 ގައި ރާއްޖެއާއި ކިރްގިސްތާނު ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ނަދީމް އެއާއެކު އެންމެ ފޯރިގަދަވީ ހަތަރުވަނަ ސެޓެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި ސެޓުގައި ކިރްގިސްތާނުގެ މައްޗަށް ކުރިހޯދާ، ރާއްޖޭން މެޗު ކާމިޔާބުކޮށްފައިވަނީ 25-22 ގެ ނަތީޖާއަކުން ފަހު ސެޓު ކާމިޔާބުކޮށްގެންނެވެ. މި މޮޅާއެކު ރާއްޖެއަށް ރޭންކިންގެ އެއްވަނަ ލިބުނީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްގެންނެވެ. ދެވަނަ ކިރްގިސްތާނަށް ލިބުނުއިރު، ތިންވަނަ ލިބުނީ އަފްގާނިސްތާނަށެވެ. އަދި ފަސްވަނަ ލިބުނީ ބަންގްލަދޭޝަށެވެ. މުބާރާތުގެ ރޭންކިން މެޗުގައި ރާއްޖެ ބައްދަލުކުރަންޖެހޭ ޓީމަކީ ބަންގްލަދޭޝް އެވެ. އަދި ރޭންކިންގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ކިރްގިސްތާނާއި އަފްގާނިސްތާނެވެ. މި ދެ މެޗުން މޮޅުވާ ޓީމެއް ފައިނަލުގައި ބައްދަލުކުރާނެއެވެ. ހަތަރު ގައުމާއެކު ކުރިއަށްދާ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އެސްއެސް މީޑިއާއެވެ. މި މުބާރާތުގެ ރޭންކިން މެޗުތައް ކުޅޭނީ ބުދަ ދުވަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ