މުއިއްޒު ދައްކަނީ ބުއްދި ގަބޫލުނުކުރެވޭ ވާހަކަ، ކުޅުދުއްފުށީ ތަރައްގީއަށް ހުރަސް އަޅާފައިވަނީ ސަރުކާރުން: އާތިފް މުއިއްޒު ދައްކަނީ ބުއްދި ގަބޫލުނުކުރެވޭ ވާހަކަ، ކުޅުދުއްފުށީ ތަރައްގީއަށް ހުރަސް އަޅާފައިވަނީ ސަރުކާރުން: އާތިފް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން 150 ހައުސިން ޔުނިޓުގެ މަޝްރޫއުއެއް ކުރިއަށް ގެންދިޔުމަށް ސަރުކާރުން ހުއްދަ ނުދީ، އެ ސިޓީގެ ތަރައްގީ އަށް ހުރަސް އަޅާފައިވާ ކަމަށް މޭޔަރު މުހައްމަދު އާތިފު ވިދާޅުވެއްޖެ އެވެ.
އަދަދު ނޫހުން ގެނެސްދޭ "ފެންނަނުފެންނަ" ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން އާތިފު ވިދާޅުވީ ބައެއް ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ނުފެނި އޮތީ ކައުންސިލުން ހުއްދަ ނުދީގެން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވުމަކީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށެވެ.
"ކުޅުދުއްފުށްޓަށް އަންނަ ތަރައްގީ [ކައުންސިލުން] ހިފަހައްޓާނެ ކަމަށް ކުޅުދުއްފުށީގެ އެއްވެސް ރައްޔިތަކު ގަބޫލެއް ނުކުރާނެ މިއަދު. މާކުރީގެ ވިސްނުންފުޅަކާއިގެން އެ އުޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ،" އާތިފު ވިދާޅުވި އެވެ.
ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައި ވަނީ ސަރުކާރުގެ ސަބަބުން ކަމަށް އެއްބަސްނުވެ މުއިއްޒު ދާދި ފަހުން ވިދާޅުވީ 57 ރަށެއްގެ މަޝްރޫއުތައް ކުރިއަށް ނުގެންދެވި އޮތީ ކައުންސިލުން ހުއްދަ ނުދީގެން ކަމަށެވެ. ނަމަވެސް އެއީ ކޮން ރަށްތަކެއް ކަމެއް ވިދާޅެއް ނުވެ އެވެ.
ފެބްރުއަރީ 26، ގައި އާޓިފިޝަލް ބީޗުގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި ތަރާވީހެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ އިދިކޮޅު ފިކުރުތަކުގެ ކައުންސިލްތަކަށް ފާޑުވިދާޅުވެ އެ ފިކުރަށް ވޯޓު ނުދިނުމަށް ރައްޔިތުންގެ އަރިހުން އެދިވަޑައިގެންފަ އެވެ. މައިގަނޑު ސަބަބެއްގެ ގޮތުގައި ދެއްކެވީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެފަދަ ކައުންސިލްތަކުން ހުރަސް އެޅުމެވެ.
"57 ރަށެއްގައި އަޅުގަނޑުމެން ފެށި މަސައްކަތްތައް ނުފެށިފައި އެބަހުރި ކައުންސިލްތަކުން، އަޅުގަނޑުމެންނާ ސިޔާސީ ގޮތުން އިދިކީލަ ވިސްނުމުގެ ކައުންސިލްތަކުން ހުއްޓުވާފައި އެކި އުޒުރުތައް ދައްކާފައި ބިން ހަވާލުނުކޮށްގެން. ބިން ހަވާލުކުރަނީ ކައުންސިލްތަކުން،" މުއިއްޒު އެ ރޭ ވިދާޅުވި އެވެ.
އެހެން ނަމަވެސް ޑިސެމްބަރު އެކެއް، 2025، ގައި ގެޒެޓުކުރި ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގައިވާ ގޮތުން ކައުންސިލްތައް އެއްފަރާތް ކުރުމަށް ފަހު މައި ސަރުކާރަށް މަޝްރޫއުތައް ހިންގެ އެވެ.
ކައުންސިލްތަކުން ރަށު ތަރައްގީ އަށް ހުރަސް އަޅާނެ ކަމަށް ވިދާޅުވުމަކީ ބުއްދި ގަބޫލު ކުރެވޭ ވާހަކައެއް ނޫން ކަމަށާއި ރަށު ތަރައްގީ އަށް ހުރަސް އަޅާފައި ވަނީ މި ސަރުކާރުން ކަމަށް ވެސް އާތިފު ވިދާޅުވި އެވެ.
"އަޅުގަނޑު މިއަދުވެސް ދައްކަފާނަން ރައީސުލްޖުމްހޫރިއްޔާ، މި ސަރުކާރުން ހުރަސް އަޅައިގެން ކުޅުދުއްފުށީގައި ނުވެ ހުރިކަންކަން، މިއަދުވެސް މި ވަގުތުގައި ވެސް ދައްކަފާނަން،" އޭނާ ވިދާޅުވި އެވެ.
ކައުންސިލްގެ އިސްނެގުމަށް އެ ރަށުގައި 150 ހައުސިން ޔުނިޓު ބިނާކުރަން ނިންމާފައިވާ މަޝްރޫއުއަށް ސަރުކާރުގެ ހުއްދަ ނުދީގެން އުޅޭ މައްސަލަ އާތިފު ފާހަގަ ކުރެއްވި އެވެ.
އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އެދި ފިނޭންސް މިނިސްޓްރި އަށް ސިޓީ ފޮނުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ކަމަށާއި މާލިއްޔަތު ގަވާއިދު އޮންނަ ގޮތުން އެ މަޝްރޫއު ގެންދެވޭނީ މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށް އާތިފު ވިދާޅުވި އެވެ.
"ނަމަވެސް އަހަރުވެގެން ދިޔައިރު މިއަދާ ހަމައަށް އައިއިރު މާލީ ވުޒާރާއިން އެ ހުއްދަ ދޭންވެސް ނުކެރުނު. މިއީ ސަރުކާރުން އަޅާ ހުރަސް،" އޭނާ ވިދާޅުވި އެވެ.
ކައުންސިލުން މުވައްޒަފަކު ކެނޑިގެން ދިޔުމުން ވެސް އާ މުވައްޒަފަކު ނެގުމަށް ވެސް ސަރުކާރުން ވަނީ ހުރަސްއަޅާފައި ކަމަށާއި ރަށުގެ ޓޫރިޒަމާއި، ވޯޓާސްޕޯޓްސް އަދި ގެސްޓްހައުސް ވިޔަފާރިއަށް ބިން ދޫކުރުމަށް ކައުންސިލުން ރާވާފައި ވާއިރު، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ސަރުކާރުން ވަނީ އެކަމަށް ގާނޫނީ ހުރަސްތަކެއް ކުރިމަތިކޮށްފައި ކަމަށް ވެސް އާތިފު ވިދާޅުވި އެވެ.
"އެއީ ސަރުކާރުން ސިޓީ ކައުންސިލް ހިންގުމަށް އަޅާ ހުރަސް،" އޭނާ ވިދާޅުވި އެވެ.
ކުޅުދުއްފުށްޓަށް ވެފައިވާ ވައުދުތަކުގެ ތެރެއިން މައިގަނޑު އެއްވެސް ކަމެއްގެ އަމަލީ މަސައްކަތް ފަށާފައި ނެތް ކަމަށް އާތިފް ވިދާޅުވި އެވެ. އޭގެ ތެރޭގައި އެރަށުގައި 3400 ހައުސިން ޔުނިޓާއި، ސްޕޯޓްސް ކޮމްޕްލެކްސް އަދި ސިއްހީ ހިދުމަތްތައް ވަކިން ހާއްސަކޮށް އާތިފް ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑުމެން އެދުނިން އެ ހައުސިން ޔުނިޓުތައް އެޅުމަށް ބޭނުންވާ ބިމުގެ ބޮޑުމިނާއި އެ ހައުސިން ޔުނިޓު އެޅުމަށް ބޭނުންވާ ކޮންސެޕްޓު އޮތް ގޮތާއި އަދި ކިހިނެއް، ކިތައް ޓަވަރު، ކިހާވަރެއްގެ ބިމެއް ބޭނުންވާނެތޯ. މިކަމުގެ އެއްވެސް މައުލޫމާތެއް ސަރުކާރަކަށް ނުދެވުނު،" އާތިފު ވިދާޅުވި އެވެ.
ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ވައުދުވެފައި އޮތީ އެންމެ ކަމެއް ކަމަށާއި އެއީ ކުޅުދުއްފުށީ އެއާޕޯޓުގައި އާޓާމިނަލެއް އަޅުން ކަމަށް އާތިފު ވިދާޅުވި އެވެ. ނަމަވެސް ބިންގަލެއް އެޅުން ފިޔަވައި އިތުރު ކުރިއެރުމެއް އެ މަޝްރޫއުގައި ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވެފައި ވަނީ ކުޅުދުއްފުށީ ސިއްހީ ހިދުމަތް ތަރައްގީކޮށް މާލެ ދާން ނުޖެހޭވަރު ކުރައްވާނެ ކަމަށެވެ. ރަށުގެ ސިއްހީ ހިދުމަތްތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން އާތިފު ވިދާޅުވީ "ތިއީ އަނެއްކާ އަނެއް ވާހަކަ" ކަމަށެވެ.
އާތިފު ވިދާޅުވީ ނިމިދިޔަ ސަރުކާރުން ސިއްހީ ނިޒާމު ލާމަރުކަޒީކޮށްގެން ހިންގި ނަމަވެސް، މި ސަރުކާރުން އެ ނިޒާމު އުވާލައި ހުރިހާ ކަމެއް ހެލްތު މިނިސްޓްރީގެ ދަށަށް މަރުކަޒީ ކޮށްފި ކަމަށެވެ.
ހޮސްޕިޓަލްތައް މަރުކަޒީ ކުރުމާ ގުޅިގެން ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާ ކަމަށާއި ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ވެސް ބޯހިޔާވަހިކަމުގެ މައްސަލައިގެ އިތުރުން ސިއްހީ ހިދުމަތުގެ ފެންވަރު ދުވަހެއް ދުވަހަކަށް ދަށްވަމުން ދިޔުން ކަމަށް އާތިފު ފާހަގަ ކުރެއްވި އެވެ.
ހާލަތު ދަށްވަމުންދާ ކަމުގެ ނިޝާނަކީ، ކުއްލި ހާލަތުގައި މާލެ ފޮނުވަންޖެހޭ މީހުން ގިނަވުންކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ހަރަދު ކުޑަކުރުމުގެ ސިޔާސަތެއް ގެންގުޅޭ ކަމަށް ސަރުކާރުން ބުނަމުން ދާއިރު، ކުޅުދުއްފުށީގެ އެކި މުއައްސަސާތަކަށް ނުކަތާ ވަރަށް ސިޔާސީ މުވައްޒަފުން އައްޔަންކޮށް، ދައުލަތުގެ ބަޖެޓުން ބޮޑު އިސްރާފެއް ކުރަމުންދާކަން ވެސް އާތިފު ފާހަގަ ކުރެއްވި އެވެ.
އެރަށުގެ ސްޓޭޑިއަމްގައި ތިން މަސައްކަތު މީހުން ތިބިއިރު، އެ މީހުން ބަލަހައްޓަން ހައެއް ނުވަތަ ހަތް ސިޔާސީ މުވައްޒަފުން ތިބިކަން އާތިފު ފާހަގަކުރެއްވިއެވެ.
"ކޮންމެ މުވައްޒަފަކަށް ދެ ސްޕަވައިޒަރުންގެ ނިސްބަތުން ސިޔާސީ މުވައްޒަފުން އެބަތިބި. އެ ބޭފުޅުން މަސައްކަތް ކުރާނެ ގޮނޑިއެއް، މޭޒެއް، ކޮމްޕިއުޓަރެއް ވެސް އެތާނގައި ނުހުންނާނެ،" އޭނާ ވިދާޅުވިއެވެ.
ޔޫތު މިނިސްޓްރީގެ އޮފީހެއް ރަށުގައި ނެތް ނަމަވެސް، އެ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން ކުޅުދުއްފުށީގައި އެބަ ތިބިކަމަށާއި، ފިޝަރީޒް މިނިސްޓްރީއާއި ޕަބްލިކް ވޯކްސްގެ މުވައްޒަފުން އެބަ ތިބި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ