އެސްޓީއޯއިން ސިމެންތި ހުސްވާ ހާލަތުގައި ވެސް ރާއްޖެއިން ސިމެންތި ލިބެން ހުންނަ ގޮތް ހެދުމަށް އިތުރު ހަތަރު ފަރާތަކުން ސިމެންތި ގެނައުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މީގެ ކުރިން އާންމުކޮށް 50 ކިލޯގެ ސިމެންތި ބަސްތާއެއް 100ރ.އަށް ވުރެ ދަށްކޮށް ވެސް ލިބެން ހުރެ އެވެ.
އެކަމަކު މެދު އިރުމަތީގެ ހަނގުރާމައާ ގުޅިގެން މުދާ ގެނައުމުގައި ދިމާވެފައިވާ ދަތިތަކާ ހުރެ ސިމެންތި ލިބުން ދަތިވެ، ސިމެންތި ވިއްކާ ވިލާ ހަކަތައިން މިހާރު ވަނީ ބަސްތާއެއްގެ އަގު 300ރ.އަށް ވުރެ ބޮޑުކޮށްފަ އެވެ. ދެން ސިމެންތި ވިއްކާ އެޕޯލޯއިން މި މަސް ފެށުނުއިރު ސިމެންތި ހުސްވެ، ލިބޭނެ ތާރީހެއް ނޭނގޭ ކަމަށް ބުނެފައިވެ އެވެ.
ތަފްސީލް - ރައީސް އޮފީހުގައި މިއަދު ނޫސްވެރިން ސުވާލުކުރުމުން ސައީދު ވިދާޅުވީ، އެސްޓީއޯއަށް މިހާރު އާންމުކޮށް ސިމެންތި މާކެޓުކުރާ ސަޕްލަޔަރުންނާ އެކު ދައްޗެއް ކުރިމަތިވެއްޖެ ނަމަ އެ މުދާ އެތެރެކޮށްދޭނެ އެހެން ފަރާތްތަކާ ވާހަކަދައްކައި ސިމެންތި އެތެރެކުރާނެ އިތުރު ހަތަރު ފަރާތެއް ހަމަޖެހިފައިވާ އެކަމަށެވެ.
"މިހާރު އެސްޓީއޯއަށް ސިމެންތި ގެންނަ މާކެޓުން ދައްޗެއް ކުރިމަތިވިޔަސް އިތުރު ހަތަރު ސަޕްލަޔަރުން، ފަރާތްތައް އެބަހުރި އަޅުގަނޑުމެންނަށް ސިމެންތި ފޯރުކޮށްލަދޭނެ. އެކުވެރި ގައުމުތަކާ އެކު ކުރެވުނު މަސައްކަތުގެ ތެރެއިން [އެކަން] މިހާރު ވަނީ ހަމަޖެހިފައި. އެހެންވީމާ މީގެ ކުރިން ސިމެންތި ގެނައި މާކެޓުތަކުން ދައްޗެއް ކުރިމަތިވިޔަސް އިތުރު ހަތަރު ބަޔަކު ސަޕްލައި ރެޑީގައި އެބަތިބި،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ، ހަނގުރާމަ ފެށުމާ އެކު ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުން ނެރެން ބޭނުންވާ މައިގަނޑު އެއް ނަތީޖާއަކީ ބާޒާރުން އެއްވެސް އެއްޗެއް ހުސްވިޔަނުދީ ދިވެހި ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދަލުގެ ބާވަތްތައް ފޯރުކޮށްދިނުން ކަަމަށެވެ.
އެކަމަށްޓަކައި އެސްޓީއޯގެ އިތުރުން އަމިއްލަ ވިޔަފާރިވެރިންގެ އެހީތެރިކަމާ އެކު އެއް މާކެޓަށްވުރެ ގިނަ މާކެޓުތަކުން ރާއްޖެއަށް މުދާ ގެނެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވި އެވެ.
"ހާއްސަކޮށް އަސާސީ މުދާ މާކެޓުން ހުސްވެދާނެ އެއްވެސް ހާލަތެއް އަޔަނުދިނުމަށް ސަރުކާރުން ރެ އާއި ދުވާލު މިދަނީ މަސައްކަތްކުރަމުން. އިރާދަކުރެއްވިއްޔާ އެ ހާލަތެއް ނާންނާނެ،" ސައީދު ވިދާޅުވި އެވެ.
ސިމެންތި ހުހެއް ނުވާނެ، އެސްޓީއޯއިން ހުސްވިޔަސް ގެންނާނެ 4 ފަރާތެއް ހަމަޖައްސައިފިން: ސައީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ