އިޤުރާރުވީމޭ ލޯބިން - 21
ހަދާނެ ނުހަދާނެ ގޮތެއް ނޭނގިގެން އެނބުރި އެނބުރިފައި އޭނަ އެންމެފަހުން އައިސް މޭޒުމަތީގައި ބޭއްވި ފޯނު ނަގައިފިއެވެ. އެއާއެކު ކޮންމެވެސް މީހަކަށް ގުޅާލައިފިއެވެ. "ހޭއި.. ޔޫ ފްރީ ޓުނައިޓް؟" ޒަހްރާން ސުވާލުކޮށްލިއެވެ. "އައެމް އޯލްވޭޒް ފްރީ ފޯރ ޔޫ ބޭބީ... އައި މިސްޑް ޔޫ..." އެކޮޅުން ވާހަކަ ދެއްކީ އަންހެން ކުއްޖެކެވެ. އެ އަޑުގައި ހުރި ތުއިކަމާއި ފޮނިކަން ފޯނުން އެކަނިވެސް ފާހަގަކުރެވިގެން ދިޔައެވެ. "އައިލް ޕިކް ޔޫ އަޕް އެރައުންޑް އެއިޓް..." ޒަހްރާން ބުނެލިއެވެ. "އޯކޭ ލަވް..." އަނެއްކާވެސް އެކޮޅުން ވާހަކަ ދެއްކި އަންހެން ކުއްޖާ ބުނެލިއެވެ. ޒަހްރާން ފޯނު ބޭއްވިއެވެ. އެއީ އޭނަ ކުރިން ދުވަހު ހޮސްޕިޓަލް ކައިރީގައި ހުރި ރެސްޓޯރެންޓުން ދިމާކުރި އަންހެން ކުއްޖާއެއް ނޫނެވެ. އެހެންނަމަވެސް އެއީ އެހެން އަންހެން ކުއްޖެކެވެ. އައިރާގެ ސަބަބުން އޭނަގެ އުޅުން ބަދަލުވީ ނޭނގި ހުއްޓައެވެ. އެއިން އެއްވެސް ކުއްޖަކާ ވާހަކަ ނުދައްކާތާ އޭނަ ދިމާވެސް ކޮށްނުލައެވެ. އެ ކުދިންގެ އެތަކެއް މެސެޖުތަކަކާ އާދޭސްތަކަކަށްފަހުވެސް، ފޯނު ނެގުން ކީއްކުރަން، އެއިން މެސެޖަކަށް ރިޕްލައިއެއް ކޮށްލަންވެސް އޭނަ ބޭނުމެއް ނޫނެވެ. ހިތާ ސިކުނޑީގައި އަބަދުމެ ރަސްކަން ކުރަނީ އައިރާގެ ޚިޔާލުތަކެވެ. އައިރާއަށް އެހީތެރިވެވޭ ކޮންމެ ފަހަރަކު އޭނަގެ ހިތަށް ބަޔާންކުރަން ދަތި އުފާވެރިކަމެއް ލިބެއެވެ. ބުނެދޭން ނޭނގޭ ފަދަ ފިނިކަމަކާއި ތަސައްލީއެއް ލިބެއެވެ. އެހެންނަމަވެސް އެއީ މީހެއްގެ އަނތްބެކެވެ. އެކަން އައިރާވެސް އެވަނީ އޭނައަށް ހަނދާންކޮށްލަދީފައެވެ. ޒަހްރާނަށް ދެކޮޅަށް ހިނގެން ފެށުނެވެ. އޭނަގެ ސިކުނޑިން އައިރާގެ ޚިޔާލުތައް ނެރެ އެއްލައިލުމަކީ ފަސޭހަކަމަށް ނުވާނެކަން ޚުދު އޭނައަށްވެސް އެނގެއެވެ. އެންމެފަހުން ރުޅިގަނޑު ބޭލުނީ ސޯފާއަށެވެ. ސީފާގައި ހުރި ބާރުލާފައި ފައިން ޖެހިއެވެ. ފަޔަށް ތަދުވި ނަމަވެސް އޭނަގެ ފަރުވާލެއް ނެތެވެ. ***** ރިހާމް އައިއިރު، އައިރާ އޮތީ ސޯފާގައި އޮށޯވެލައިގެންނެވެ. އޭނައަށް އޮތީ ވަރުބަލިވެ ނިދިޖެހިފައެވެ. ހޭލެވުނީ ދޮރު ހުޅުވައިލި އަޑަށެވެ. ތެދުވެ އިށީނުމަށްފަހު ރިހާމްއަށް ބަލައިލިއެވެ. ރިހާމް ހުރީ އާދައިގެ ޓީޝާޓަކާއި ސޯޓެއްގައެވެ. އެހާ ދުވަސްފަހުން ރިހާމް ފެނުމުން އައިރާއަށް ރިހާމްއަށް ބަލަހައްޓައިގެން އިނދެވުނީއެވެ. އެއްޗެއް ބުނަން އޭނަގެ ދޫ ވެސް ހަރަކާތްނުކުރީ ކަންނޭނގެއެވެ. ކުރަން ބޭނުންވާ އެތަކެއް ޝަކުވާތަކެއް އެބަ ހުއްޓެވެ. އެންމެ ފަހަރަކުވެސް އޭނައަށް ގުޅާނުލީތީ އެކަމާއެވެ. މެސެޖަށް ޖަވާބެއް ނުދިނީތީ އެކަމާއެވެ. އޭނައާ މެދު ފަރުވާކުޑަ ކުރާތީއެވެ. އެކަމަކު އެއިން އެއްވެސް ލަފުޒެއް އެވަގުތަކު އައިރާގެ ދުލަކުން ނުނިކުތެވެ. މޭޒުމަތީގައި އޮތް ފޯނު ނަގާ ގަޑިއަށް ބަލައިލުމަށްފަހު، އައިރާ އެއްފަރާތަކަށް ޖެހިލިއެވެ. އޭނަ ރިހާމް އިށީންނަން ތަން ދެއްކީއެވެ. ރިހާމް ސޯފާގައި އިށީނެވެ. އެއަށްފަހު، އޭނަ އައިރާއަށް ބަލައިލިއެވެ. "ބިޒީކޮށް އުޅުނީމަ ފޯނު ނުނެގުނީ..." އަސަރެއް ނެތް ގޮތަކަށް ރިހާމް ބުނެލައިފިއެވެ. "އެހެންވެ މެސެޖަށްވެސް ރިޕްލައި ނުކުރެވުނީ..." ރިހާމް ހީވީ އައިރާއަށް އެއްޗެއް ބުނަން ފުރުސަތު ދޭން ބޭނުން ނުވާހެންނެވެ. ޝަކުވާކުރާ އަޑު އަހަން ބޭނުންނުވާހެންނެވެ. "ހަމަ އެންމެ މެސެޖެއްވެސް ކޮށްލަން ޓައިމް ނުވި؟" އައިރާއަށް އެ ސުވާލު ކުރުމުގެ ހިތްވަރު ލިބިގެން ދިޔައީ އިސްވެ ރިހާމް އެވާހަކަ ފެށުމުންނެވެ. "އަހަރެން ހުރީ ރާއްޖެއަކު ނޫނޭ. ބޭރުގަ އުޅުނީ. އައިރާއަށްވެސް އެނގެން ޖެހޭނެއެއްނު އެހެން ގޮސް އުޅޭއިރު އަހަރެން އުޅޭނީ ކިހާ ބިޒީކޮށްކަން." ރިހާމް ބުނެލިއެވެ. އޭނަގެ ބޮލުގައި ފާޑަކަށް ރިއްސައިލިއެވެ. އައިރާގެ ޝަކުވާތަކުގެ ސަބަބުންނެވެ. ރިހާމްއަށް ވިސްނައިނުލެވުނީ އައިރާއަށް އެ ސުވާލުތައް ކުރުމުގެ ހައްޤު އޮތްކަމެވެ. އެއީ އޭނަގެ އަނބިމީހާ ކަމެވެ. އެ އަނބިމީހާގެ މައްޗަށް އޭނަގެ ހައްޤުތަކެއް ވާކަމުގައެވެ. "ރިހާމް އަހަރެން ދެކެ ލޯބިވޭތަ؟" އައިރާ އިސްޖަހައިލަމުން ސުވާލުކޮށްލިއެވެ. "މިހާރު ކިހިނެއްވީ؟" ރިހާމްގެ އަޑު ކުޑަކޮށް ބާރުވެލިއެވެ. "ބުނެބަލަ. އަހަރެން ދެކެ ލޯބިވޭތަ؟" އައިރާއަށް އަނެއްކާވެސް ސުވާލު ތަކުރާރުކޮށްލެވުނެވެ. "އަޖައިބެއް.... ލޯބިނުވާ މީހުން މިހެން އުޅޭތަ؟ އައިރާއަށް އަހަރެންގެ މަންމަމެންނާ އެކީ އުޅެން އުނދަގޫވީމަ ގެނެސް ލަގްޒަރީ އެޕާރޓްމެންޓެއް ހިފައިދީފަ ބަހައްޓާފަ ތިހުރީ. ބޭނުންވީމަ ބޭނުންވާ ވަރަކަށް އެބަ ފައިސާ ދެން. އައިރާއަށް ކޮން ކަމެއް ދަތިވަނީ؟ ލޯބިނުވާ މީހުން މިހެން އުޅޭތަ؟" ރިހާމް ނުރުހިފައި ބުނެލިއެވެ. އޭނަ ސީދާ ސީދަލަށް އައިރާ ދެކެ ލޯބިވާވާހަކަ ބުނަން ފަސްޖެހެމުން ދިޔަފަދައެވެ. ހީވަނީ އައިރާއާ މެދު އޭނަގެ ހިތުގައި ވި ލޯބި މަޑުމަޑުން އެހެން ގޮތަކަށް ފުރޮޅިގެން ދާން ފެށިހެންނެވެ. "އަހަރެންނެއް ނޫނެއްނު ރިހާމްގެ ޢާއިލާއާ އެކީ އުޅެން ބޭނުންނުވީ. ރިހާމްގެ ޢާއިލާ..." އައިރާ އޭނަގެ ދިފާޢުގައި ފުރަތަމަ ފަހަރަށް އެއްޗެއް ބުނަންވެގެން އުޅުނު ނަމަވެސް، އެ ފުރުސަތެއް ރިހާމް ނުދިނެވެ. "އައިރާ.... ހުއްޓާލާ..." ރިހާމްގެ ބާރު އަޑު ތަނުގައި ގުގުމައިގެން ދިޔައެވެ. "މި ދޭތެރެއަށް އަހަރެންގެ ޢާއިލާ ނުވައްދާ..." "ރިހާމް..." އައިރާއަށް ގޮވައިލެވުނެވެ. "އައިރާ... ބުނެފީމެއްނު ހުއްޓާލާށޭ..." ރިހާމް ބުނެލިއެވެ. "ސޮރީ...." އައިރާ ހަތިޔާރު ބެހެއްޓިއެވެ. އޭނަ ރިހާމްގެ ކައިރިއަށް ޖެހިލާފައި އެ އަތުގައި ހިފައްޓައިލިއެވެ. އޭނަ ބަނޑުބޮޑު ވާހަކަ ބުނަން އައިރާ ބޭނުންވިއެވެ. ގޮތް ދޫކޮށްފައި އިތުރު އެއްޗެއް ނުބުނީވެސް އެހެންވެގެންނެވެ. ފަހަރުގައި އެކަންތައް އެނގުމުންވެސް ރިހާމްގެ ހިތަށް އަސަރުކޮށްފާއެވެ. އޭނައާ މެދު އަމަލުކުރާ ގޮތް ބަދަލުކޮށްފާއެވެ. ދަރިއަކު ލިބުމަކީ ކޮންމެ މީހަކަށްވެސް އުފާވެރިކަން ލިބޭނެކަމެކެވެ. ރިހާމްއަށްވެސް އެކަމުން އުފާ ލިބޭނެކަން ގައިމެވެ. ރިހާމް އައިރާގެ އަތް ފޮޅުވައިލިއެވެ. "އަންނައިރަށް ޝަކުވާކުރުން ނޫންކަމެއް ނުކުރާނެ. އަހަރެންގެ ބޮލުގަ ރިއްސައޭ..." ރިހާމްއަށް ސޯފާއިން ތެދުވެވުނެވެ. "ރިހާމް. ސޮރީ އޭ... އަހަރެން ބޭނުން ވަރަށް ބޮޑު ވާހަކައެއް ބުނަން..." އައިރާ ވެސް ތެދުވިއެވެ. އޭނަ ގޮސް ރިހާމްގެ ކުރިމަތީގައި ހުއްޓި ރިހާމްގެ އަތުގައި ހިފައްޓައިލިއެވެ. "ޕްލީޒް. ދެން އެގޮތަކަށް ވާހަކައެއް ނުދައްކާނަން. އެކަމު މިގަޑީގައި ނުދޭބަލަ. އަހަރެން ދައްކާ ވާހަކަ އަޑު އަހާލަން މަޑުކޮށްލަބަލަ. މީ އަހަރެމެން ދެމީހުންނަށްވެސް މުހިންމު ކަމެކޭ..." އައިރާއަށް ބުނެވުނެވެ. އޭނަގެ އަޑުގައިވަނީ އާދޭހުގެ އަސަރެކެވެ. ރިހާމްގެ އޯގާތެރިކަމަށް އެދޭވަރު ސާފުކޮށް އެ ދެލޮލުން ފެންނަމުން ދިޔައެވެ. "ކިޔާބަލަ..." ރިހާމް ރުޅިގަނޑު ފިނިކުރަން މަސައްކަތް ކުރިނަމަވެސް، އޭނަގެ އަޑުގައިވި ނުރުހުމުގެ އަސަރަކަށް ބަދަލެއް ނާދެއެވެ. "އަހަރެން...." އައިރާއަށް ބުނެވުނީ އެވަރަށެވެ. ރިހާމްގެ ޖީބުގައި އޮތް ފޯނު ރިންގުވެއްޖެއެވެ. "މަޑުކުރޭ..." އަތުން އިޝާރާތްކޮށްލާފައި ޖީބުގައި އޮތް ފޯނު ނަގާ ރިހާމް ބަލައިލިއެވެ. ގުޅަނީ ދާނިޔާއެވެ. ރިހާމްއަށް އައިރާއަށް ބަލައިލެވުނީ ގަސްތަކު ނޫނެވެ. "ރިހާމް..." އައިރާއަށް ގޮވައިލެވުނެވެ. އެހެންނަމަވެސް ރިހާމް އައިރާއަކަށް ސަމާލުކަމެއް ނުދިނެވެ. އޭނަ ފޯނު ނަގާ ކަންފަތުގައި ޖައްސައިލަމުން އައިރާއަށް ފުރަގަސްދިނެވެ. "އާ... މިދަނީ..." ރިހާމް ބުނެލިއެވެ. އެއަށްފަހު ފޯނު ބޭއްވިއެވެ. "އަހަރެން ދާން ޖެހިއްޖެ." ރިހާމް އައިރާއަށް ބަލައިލިއެވެ. އޭނަ ހިނގައިގަތީ ދޮރާ ދިމާލަށެވެ. އައިރާ ކިތަންމެ ދެރަވިނަމަވެސް، އޭނަ ގޮސް ރިހާމްގެ އަތުގައި ހިފެއްޓިއެވެ. "ރިހާމް. އެހަށް މަޑުކޮށްބަލަ. އަހަރެން ދައްކާ ވާހަކަ އަޑު އަހާލަބަ." އައިރާއަށް ބުނެވުނެވެ. "ޕިސް. ދެން ފަހުން. މިގަޑިއަކު ނޫން..." އެހެން ބުނެލާފައި ރިހާމް އައިރާގެ އަތް ފޮޅުވައިލުމަށްފަހު ގޮސް ގެއިން ނުކުމެއްޖެއެވެ. ދޮރު ޖެހުނު މަންޒަރު ބަލަން ހުރި އައިރާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަން ފެށިއެވެ. އޭނައަށް ބަނޑުގައި އަތް ޖައްސައިލެވުނެވެ. ގިސްލެވެން ފެށުމުން ނުރޯން ހިތްވަރުކުރިއެވެ. ބަނޑުގައި އޮތް ދަރިފުޅަށް އެކަމުން އަސަރުކޮށްފާނެތީ ހިތްވަރުކުރަން އައިރާ ބޭނުންވިއެވެ. އޭނަ ގޮސް ސޯފާގައި އިށީނުމަށްފަހު ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި ހުރި ޓިޝޫ ޕެކެޓުން ޓިޝޫއެއް ނަގާ މޫނު ސާފުކޮށްލިއެވެ. "އަހަރެން އެކަނިވެރިވީތަ؟ ރިހާމް އަހަންނާ ދޭތެރޭ އެހެން އެ ކަންތައް ކުރަނީ ކީއްވެތަ؟ އަހަރެންގެ ކުށަކީ ކޮބާތަ؟ މިހެން އުޅެން ޖެހޭނީ ކިތަށް ދުވަހުތަ؟" އައިރާއަށް އަމިއްލަ ޙާލަށް ޝަކުވާ ކުރެވުނެވެ. ހިތްވަރުކޮށްފައި އޭނަ ރުއިން ހުއްޓައިލިއެވެ. ***** އަށެއް ޖެހިއިރު އެ އަންހެން ކުއްޖާއާއެކީ ޒަހްރާން ބޭރަށް ދިޔައެވެ. ނަމަކީ ތާރާއެވެ. ތާރާއަކީ މޮޑެލްއެކެވެ. ރާއްޖޭގެ އެތަކެއް ފިރިހެންކުދިންގެ ހިތްތައް ފަތަޙަކުރަމުންދާ ޒުވާން އަންހެން ކުއްޖެކެވެ. އޭނަގެ ރީތިކަމަށް ފިދާވާން ތިބޭ ފިރިހެން ކުދިންތައް ބައިވަރެވެ. ދިމާވާ ކޮންމެ ޒުވާނަކު އޭނަގެ އަވައިގައި ޖައްސާ މޮޔަކޮށްލުމަކީ ތާރާއަށް މާ ބޮޑުކަމެއް ނޫނެވެ. އެއީ އޭނައަށް ލިބިފައިވާ ހުނަރެއް ފަދައެވެ. ސައިކަލުގައި އިން ތާރާ އިނީ ޒަހްރާންގެ ގައިގައި ޖެހި ފިތިގެންނެވެ. އޭނަ ލާފައިވާ ޓޮޕް ކޮޅު ކުރުކަމުން ސައިކަލުގައި އިންނައިރު ބުރަކަށިވެސް ފެނެއެވެ. ލާފައިވާ ޖީންސްވެސް ވަނީ ފަޔަށް ހިފާލާފައެވެ. އިސްތަށިގަނޑު ފަންކޮށްލާފައިވާއިރު ޖައްސާލާފައިވަނީ، މުށި ކުލައެކެވެ. ކޮށްފައިވާ މޭކަޕުގެ ސަބަބުން އޭނަގެ ރީތިކަން ދެގުނަކޮށްދީފައިވާއިރު، ތުންފަތުގައި ޖައްސާލާފައިވާ ރަތްކުލައިގެ ސަބަބުން އެ ތުންފަތް ހީވަނީ ލޭކޮޅެއް ހެންނެވެ. ސެންޓްރަލް ޕާކުކައިރިއަށް މަޑުކޮށްލުމާއެކު ތާރާ ފޭބިއެވެ. ޒަހްރާންވެސް މެއެވެ. އޭނަ ތާރާއާއެކު އެތަނަށް އައި ނަމަވެސް، ޙިޔާލުތަކުގައިވަނީ މުޅިންވެސް އައިރާއެވެ. އެއް ދިމާލަކަށް ބަލަހައްޓައިގެން ވިސްނުންތަކަށް ސިކުނޑި ދޫކޮށްލައިގެން ޒަހްރާނަށް ހުރެވުނެވެ. ހުއްޓުން އަރާފައެވެ. "ރެން...." އިސްވެ ޒަހްރާންގެ އަތުގައި ހިފެއްޓީ ތާރާއެވެ. ޒަހްރާން ތާރާއަށް ބަލައިލިއެވެ. އެއަށްފަހު ތާރާ ހިފައްޓާލާފައިވާ އަތަށްވެސް ބަލައިލިއެވެ. އޭރުވެސް އައިރާގެ ޚިޔާލުތައް ސިކުނޑީގައި ދައުރުވަމުން ދިޔުމުގެ ސަބަބުން، ތާރާގެ ބީހިލުމުން އޭނައަށް އުނދަގޫވިއެވެ. އެހެންނަމަވެސް އެ އަތް ފޮޅުވާލާކަށް ޒަހްރާން މަސައްކަތެއް ނުކުރެއެވެ. ތާރާއާއެކު އޭނަވެސް ހިނގައިގަތެވެ. އަރާފައިވާ އުސް ފައިވާނުގައި ހިނގުމަކީ ތާރާއަށް އުނދަގޫކަމެއް ނޫނެވެ. ޒަހްރާންއާ ޖެހި ފިތިގެން ކަހަލަ ގޮތަކަށް ހުރެ އޭނަ ހިނގަމުން ދިޔައެވެ. "އަހަރެން ހީކުރީ ދެން ނުގުޅާނެކަމަށް...." ޒަހްރާން އެއްޗެއް ނުބުނުމުން ތާރާ ވާހަކަ ދެއްކިއެވެ. "އައި މިސްޑް ޔޯ ސޯ މަޗް..." ހިނގާލާފައި ގޮސް ދެމީހުން އިށީނީ ބެންޗެއްގައެވެ. ރޭގަނޑުގެ ވަގުތަކަށް ވީނަމަވެސް ޕާކުގެ އެތެރޭގައި ފުދޭވަރަކަށް މީހުން ހަރަކާތްތެރިވަމުން ދިޔައެވެ. ގިނައީ ޒުވާން އުމުރުފުރައިގެ ކުދިންނާ ލޯބިވެރިންނެވެ. "ރެން... ކިހިނެއްވެފަ ތަ ތީނީ؟ ކީއްވެތަ ވާހަކަ ނުދައްކަނީ؟" ތާރާއަށް ސުވާލުކޮށްލެވުނެވެ. އޭނަ ޒަހްރާންގެ އަތަށް ބާރުކޮށްލިއެވެ. ޒަހްރާން ބަލައިލުމާއެކު، ތާރާ އިތުރަށް ޒަހްރާންއާ ގާތްވެލިއެވެ. އެ ދެމެދަށް ވައިރޯޅިއެއް ވަންނަންވެސް ތާރާ ބޭނުންނުވާފަދައެވެ. އޭނައާ ދިމާވި ހުރިހާ ޒުވާނުން ތެރެއިންވެސް ޒަހްރާނަކީ ފާހަގަކޮށްލެވޭ ޒުވާނެކެވެ. ޒަހްރާން ފެނުނު ފުރަތަމަ ދުވަހުވެސް އޭނަގެ ދިގު އިސްކޮޅާއެކު ލިބިފައިވާ، ފިރިހެންވަންތަކަމަށް ތާރާގެ ހިތް ދީލާލައިގެން ދާން ނެގީ މަދު ސިކުންތުކޮޅެކެވެ. އެ ފިރިހެންވަންތަކަށް ހިތްދެވި، އެންމެފަހުން ލޯބިވެރިޔާއާވެސް ތާރާ ދުރުވީއެވެ. އޭނަ އެންމެ ފުރަތަމަ ޒަހްރާނާ ވާހަކަ ދައްކަން ފެށީ ފޯނުންނެވެ. ޒަހްރާން އޭނައާ ވާހަކަ ދައްކަން ފެށުމުން ތާރާވެސް ނިކަން ގަޔާވިއެވެ. ޒަހްރާންގެ ކިބައިން ފެންނަ "ފްލާރޓީ" ގޮތްތަށް އޭނައަށް ކަމުދިޔައީއެވެ. ހަމައެއާއެކު ޒަހްރާންގެ މުއްސަނދިކަން އެނގުމުންވެސް އިތުރަށް ގަޔާވެގެން ދިޔައެވެ. ޒަހްރާންގެ އިންޓަގްރާމުގައި މުޅީންވެސް ހުރީ ރާއްޖޭން ބޭރު އެކި އެކި ގައުމުތަކަށްގޮސް ނަގާފައި ހުރި ފޮޓޯތަކެވެ. އެގޮތަށް ދަތުރުކޮށްލާ އުޅުމަކީ ތާރާގެވެސް އުންމީދެކެވެ. ދުވަސްކޮޅަކު ވާހަކަ ދައްކާފައި ދެމީހުން ދިމާވީ ރެސްޓޯރެންޓަކުން ރޭގަނޑުގެ ކެއުމަކުންނެވެ. އެރެއަށް ފަހު، ތާރާ، އޭނަގެ ލޯބިވެރިޔާއާ ދުރުވީ ޒަހްރާންއަށް އޭނަގެ ހިތް އެކީ ދެވުނީތީއެވެ. "ރެންއަށް އެނގޭތަ؟ އަހަރެން ރެން ދެކެ ވަރަށް ލޯބިވޭ..." ތާރާ ބުނެލިއެވެ. އޭނަ ޒަހްރާންގެ ކޮނޑުގައި ބޯ އަޅައިލިއެވެ. އިރުކޮޅެއް ފާއިތުވެގެން ދިޔަ އިރުވެސް ޒަހްރާންގެ ފަރާތުން އިޝާރާތެއް ނުލިބުމާއެކު، ތާރާ ޒަހްރާންގެ ކޮނޑުން ބޯ ނެގިއެވެ. "ކިހިނެއްވެފަ ރެން ތީނީ؟ ކަމެއް ވީތަ؟" ތާރާ ސުވާލުކޮށްލިއެވެ. "ނޫން. ނުވޭ ކަމެއް..." އެހުރިހާއިރު އެއްޗެއް ނުބުނެ އިން ޒަހްރާން ބުނެލިއެވެ. އޭނަ އަމިއްލަ މީހާ ހަމައަކަށް އަޅުވަން މަސައްކަތްކުރިއެވެ. ތާރާއަކީ ޒުވާނުންގެ ހިތްތަކުގައި ރަސްކަން ކުރާ ރީތި އަންހެން ކުއްޖެކެވެ. ތާރާއާއެކު އުޅެލުމުން ފަހަރުގައި އައިރާ މަތިން ހަނދާން ނެތިގެން ހިނގައިދާނެއެވެ. އޭނައަކީ އެއް އިރެއްގައިވެސް އަންހެން ކުއްޖަކާ މެދު އެފަދަ ގޮތަކަށް ވިސްނި މީހެއް ނޫނެވެ. ކޮންމެ ކުއްޖަކާ އެކުގައިވެސް އުޅެވެނީ ކުޑަ ދުވަސްކޮޅަކުގައެވެ. ފޫހިވަނީއެވެ. އެހެން ނޫނަސް، އެއިން އެއްވެސް ކުއްޖަކާ ގުޅެނީވެސް ކޮންމެހެން ސީރިއަސްވެގެނެއް ވެސް ނޫނެވެ. "ރެން..." ޒަހްރާންގެ ވިސްނުން އޭނައަށް އަނބުރާލެވޭތޯ ތާރާ މަސައްކަތްކުރިއެވެ. އޭނަ ކުއްލިއަކަށް ކޮށްލިކަމަކުން ޒަހްރާންއަށް ތާރާ ދުރަށް ކޮށްޕައިލެވުނެވެ. ހީވީ ވިހަގަދަ ސޫތްޕެއް ކަށިޖެހިހެންނެވެ. ޒަހްރާން ކަނާއަތު ކޯތާފަތް ފުހެލިއެވެ. އެއީ ކުރީގެ ޒަހްރާން ނަމަ އޭނައަށް އެކަމުން ފަރަޤެއް ނުވީހެވެ. އެއީ އޭނަ އުޅެފައިވާ ގޮތްކަމުގައި ވާތީއެވެ. އެހެންނަމަވެސް މިހާރު އޭނައަށް ބަދަލުތަކެއް އަތުވެއްޖެއެވެ. އެކަން ޤަބޫލުކުރަން ޚުދު ޒަހްރާންއަށްވެސް އުނދަގޫވިއެވެ. ނުވިސްނާ އިން ތާރާ ގޮސް ނުވެއްޓުނީ ކިރިޔާއެވެ. އޭނަ ބެންޗުން ތެދުވިއެވެ. އަދި ނުރުހިފައި ޒަހްރާންއަށް ބަލައިލިއެވެ. ޒަހްރާން ހަމަ އެކައްޗެއްވެސް ބުނާކަށް ބޭނުމެއް ނުވިއެވެ. ކުޑަ މިނުން އޭނަ މާފަކަށް ވެސް ނޭދެއެވެ. "ރެން. ކީއްތަ ތިކުރީ؟" ތާރާއަށް ބުނެވުނެވެ. "ކީއްތަ މިކުރީ؟ މީ ޕަބްލިކް ޕްލޭސްއެއްކަމެއް ތާރާއަކަށް ނޭނގޭތަ؟" ޒަހްރާނަށް ބުނެވުނެވެ. އޭނަ ވަށައިގެން ބަލައިލިއެވެ. "ޒަހްރާނަށް ތިހުރީ ކިހިނެއްވެފަތަ؟ މޮޔަވެފަތަ؟ އެހާވަރުން އަހަރެން ގެނެސް މިތާ ބައިންދާފަ އަނގައިން ނުބުނެ ތިއިންނަނީ. ކްލިއަރލީ ޔޫ އާރ ނޮޓް އިންޓަރެސްޓެޑް އިން މީ..." ތާރާގެ އަޑު ކުޑަކޮށް ބާރުވެލިއެވެ. މިހާތަނަކަށް އެއްވެސް ފިރިހެނަކު އޭނަގެ ދަޢުވަތަކަށް އިންކާރުކޮށްފައެއް ނުވެއެވެ. އެފަދަ އަމަލެއް އެ ފެނުނީ އަލަށެވެ. ތާރާ ހިތްހަމަ ނުޖެހުނީ އެހެންވެގެންނެވެ. "އާނ. އައެމް ނޮޓް އިންޓަރެސްޓެޑް އިން ޔޫ..." ޒަހްރާންވެސް އެންމެފަހުން ބުނެލައިފިއެވެ. "އައި ނެވަރ ވޯޒް... އެނގިއްޖެ؟" "ސޯ ޔޫ އާ އަ ޕްލޭ ބޯއި... އަހަ..." ތާރާގެ ވާހަކަ ފުރިހަމަ ކުރަން ފުރުސަތު ނުދީ ޒަހްރާން ވާހަކަ ދެއްކިއެވެ. "ތީވެސް މާ ރަނގަޅު މީހެއް ނޫނޭ..." ހަޤީޤަތުގައި ޒަހްރާންގެ ރުޅީގެ އަސްލަކީ މުޅީން އެހެން ކަމެކެވެ. އޭނަ ކޮންމެހެން ރުޅި އައީ ތާރާ ދެކެއެއްވެސް ނޫނެވެ. އެހެންނަމަވެސް އޭނަގެ އަމިއްލަ ނަފްސު ދެކެއެވެ. އައިރާގެ މަތީން ހަނދާން ނައްތާލުމަކީ ނާދިރުކަމެއް ހެން އޭނައަށް ހީވަނީއެވެ. "ގެޓް ލޮސްޓް. އައި ހޭޓް ޔޫ... ޔޫ*..." ތާރާ ހުތުރު ބަހެއް އަނގައިން ބޭރުކޮށްލުމަށްފަހު، ޕާކުން ނުކުންނަން ހިނގައިގަތެވެ. ތާރާ ދިޔަ މަންޒަރު ބަލަން އިން ޒަހްރާނަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. ތާރާ ޓެކްސީއެއް ހުއްޓުވާ އެއަށް އަރައިގެން ދިޔައިރުވެސް އޭނައަށް އިންތަނުގައި އިނދެވުނީއެވެ. ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލުމާއެކު އޭނައަށް އުޑުމައްޗަށް ބަލައިލެވުނެވެ. ފަޅިހަނދެއް ރަސްކަން ކުރަމުން ދިޔަ އުޑުމަތީގައި އެތަކެއް ހާސްތަރިތަކެއް ފިޔަޖަހަމުން ދިޔައެވެ. ޒަހްރާނަށް ދެލޯ މަރައިލެވުނެވެ. އައިރާ މަތީން ހަނދާން ނައްތައިލެވޭތޯ ކުރާ ހުރިހާކަމެއް އެ ދަނީ ބޭކާރުވަމުންނެވެ. އޭނަގެ ހިތުގައި ފަނޑުވުން ނުވާނެފަދަ ގޮތަކަށް އައިރާގެ ނަން ފެވިއްޖެއެވެ. "އައި ކާންޓް ރެސިސްޓް ދިސް ފީލިންގ އައިރާ... އައި... އައި ޓްރައިޑް އަ ލޮޓް... ބަޓް އައި ކުޑުންޓް ގެޓް ރިޑް އޮފް އިޓް. އެންޑް މޭބީ އައި ވޯންޓް ވީ އޭބަލް ޓު..." ޒަހްރާނަށް އަމިއްލަ ހިތާ ވާހަކަ ދެކެވުނެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ