ޗެލްސީ ފަހު ވަގުތު އެއްވަރު، ސިޓީން އާސެނަލާ ގާތްކޮށްފި ޗެލްސީ ފަހު ވަގުތު އެއްވަރު، ސިޓީން އާސެނަލާ ގާތްކޮށްފި

މެންޗެސްޓާ (ފެބްރުއަރީ 22) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން ފަހު ވަގުތު 1-1 އިން ބާންލީއާ އެއްވަރުވިއިރު، ނިއުކާސަލް ޔުނައިޓެޑް 2-1 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ލީގުގެ އެއް ވަނައިގައި އޮތް އާސެނަލާ ދެ ޕޮއިންޓަށް ގާތްކޮށްފި އެވެ.
ލީގުގެ އެއް ވަނައިގައި އޮތް އާސެނަލަށް 27 މެޗުން 58 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ސިޓީ އަށް ވަނީ 27 މެޗުން 56 ޕޮޮއިންޓް ލިބިފަ އެވެ. އާސެނަލުން މިރޭ ރަށުންބޭރުގައި ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ކުޅޭއިރު، މި މެޗުން މޮޅުވެގެން އާސެނަލަށް އެއް މެޗު އިތުރަށް ކުޅެ، ފަސް ޕޮއިންޓުގެ ލީޑެއް ނެގޭނެ އެވެ.
ސިޓީން ރޭގެ މެޗުގައި އޮމަރު މާމޫޝް ދިން ބޯޅައަކުން 14 ވަނަ މިނިޓްގައި، ލީޑުނެގީ ޒުވާން ޑިފެންޑަރު، ނިކޯ އޯރައިލީ ޖެހި ލަނޑުންނެވެ. ނިއުކާސަލުން ވަނީ 22 ވަނަ މިނިޓްގައި އެއްވަރުކޮށްފަ އެވެ. މިއީ، ޖޭކަބް ރަމްސޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ލެވިސް ހޯލް ޖެހި ގޯލެކެވެ. ނަތީޖާ އެއްވަރުވެފައި އޮތީ ފަސް މިނިޓް ވަންދެނެވެ. މެޗުގެ 27 ވަނަ މިނިޓްގައި އޯރައިލީ ވަނީ އިތުރު ގޯލެއް ޖަހައި، އަލުން ސިޓީ އަށް ލީޑުނަގައިދީފަ އެވެ.
ނިއުކާސަލަށް އިތުރު ގޯލެއް ޖަހައިދޭން ހާވީ ބާންސް އާއި ނިކް ވޯލްޓަމާޑާ މަސައްކަތްކުރިއިރު، ތަފާތެއް ނުދެއްކުނެވެ. އަނެއްކޮޅުން، ސިޓީން އާލިން ބްރައުޓް ހާލަންޑް އާއި އެންޓޮއިން ސެމެންޔޯ އަށް ވެސް އިތުރު ގޯލެއް ޖެހުމަށް ކުރި މަސައްކަތުގައި ކުރިއެރުމެއް ނުލިބުނެވެ.
ހަތަރު ވަނަ މިނިޓްގައި ޕެޑްރޯ ނެޓޯ ދިން ބޯޅައަކުން ޖޮއާއޯ ޕެޑްރޯ ލަނޑު ޖަހައި ޗެލްސީ އަށް ލީޑުނަގައިދީން މެޗުގެ 72 ވަނަ މިނިޓާ ހަމައަށް ޗެލްސީ އަތުގައި މެޗުގެ ކޮންޓްރޯލް އޮތެވެ. އެކަމަކު، 72 ވަނަ މިނިޓްގައި ޗެލްސީގެ ޑިފެންޑަރު، ވެސްލީ ފޮފާާނާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތެއް ދެއްކުމުން، ޗެލްސީން ކުޅުންތެރިއަކު މަދުވި އެވެ.
ޗެލްސީން ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުން ބާންލީން ކުރިއަށްޖެހިގެން ކުޅެން ފެށި އެވެ. ރިސްކު ނަގައިގެން، އެޓޭކަށް ގިނަ ކުޅުންތެރިން ފޮނުވައިގެން ކުޅެމުންދިޔަ ބާންލީން އެއްވަރުކުރި ލަނޑު ޖެހީ 93 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖަހައިދިނީ، ޒިއާން ފްލެމިން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ