މަޖީދިއްޔާ ސްކޫލަށް 99 އަހަރު ފުރުމާ ގުޅިގެން ލޭ ހަދިޔާކުރުމުގެ ޙަރަކާތެއް

މަޖީދިއްޔާ ސްކޫލަށް 99 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން، މޯލްޑިވްސް ބްލަޑް ސާވިސް، އެމް.ބީ.އެސްއާ ގުޅިގެން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ފަށައިފިއެވެ.
މި ހަރަކާތް ފަށާފައިވަނީ މިކަމަށްޓާކައި އެ ސްކޫލު ހޯލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އެސްކޫލުގެ ޓީޗަރުންނާއި އިސްމަޤާމުތައްފުރުއްވާ ދަރިވަރުންނާއި މޯލްޑިވްސް ބްލަޑް ސާވިސަސްގެ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އަޙްމަދު މުޖާހިދު ވިދާޅުވީ މިއީ ދަރިވަރުންނާއި މުވައްޒަފުންގެ މެދުގައި މިފަދަ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ މުހިންމު ހަރަކާތެއްކަމަށެވެ.
"މި ހަރަކާތަކީ މަޖީދިއްޔާގެ 99 އަހަރުވީ ލެގަސީއަކީ ވަރަށް ގިނަ ބަޔަކަށް އޭގެ ހިދުމަތާއި އަސަރު ކޮށްފައިވާ ތަނެއް މިއަދުގެ މަޖީދިއްޔާގެ މުވައްޒަފުންނާއި ދަރިވަރުން މި ނުކުންނަނީ މުޖުތަމައުގައި މަޖީދިއްޔާގެ އޯގާތެރިކަމުގެ އަތުން ފިރުމާލުމަށް" މުޖާހިދު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންމި ހަރަކާތާ ގުޅޭގޮތުން މޯލްޑިވްސް ބްލަޑް ސާވިސްގެ ސީނިއާ ސްޕެޝަލިސްޓް ރެޖިސްޓްރާ އަހުމަދު އުމަރު ވިދާޅުވީ، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) ގެ މިންގަނޑުތަކުން އާންމުކޮށް ގައުމެއްގެ އާބާދީގެ އެއް އިންސައްތަ މީހުން ލޭ ހަދިޔާކުރުމުން ފުދުނު ނަމަވެސް، ރާއްޖޭގައި ތެލެސީމިއާ ކުދިން ގިނަވުމުގެ ސަބަބުން މި އަދަދު ތިން އިންސައްތައަށް ވަނީ މަތިކޮށްފައި ކަމަށެވެ. އަދި މިފަދަ ކޭމްޕްތައް ހިންގުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ.
"މިފަދަ ކޭމްޕުތަކުން ލިބޭ ލެޔަކީ ތެލެސީމިއާ ކުދިންނަށް ލިބޭ ވަރަށް ބޮޑު ލުޔެއް، މާލޭގައި އެކަނިވެސް ބްލަޑް ސާވިސްގެ ފަރުވާ ހޯދާ ކުދިންނަށް ހަފްތާއަކު 200 ޔުނިޓަށް ވުރެ ގިނަ ލޭ ބޭނުންވޭ، އަތޮޅުތަކުގައިވެސް ހަމަ އެ މިންވަރަށް ލޭ ބޭނުންވޭ. އަދި ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރާ ކޮންމެ 10 މީހަކުން އެކަކީ ލޭ ބޭނުންވާ މީހެއް" އަހުމަދު އުމަރު ވިދާޅުވިއެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވީ ސޯޝަލް މީޑިއާގައި ލޭ ހޯދުމަށް އާދޭސްކުރާ މިންވަރު އިތުރުވަމުންދާކަމެވެ. މިކަމަށް އަލިއަޅުއްވާލައްވައި ދަރުމައަށް ލޭ ހަދިޔާކުރުމަކީ އާލާކުރަންޖެހޭ އުސޫލެއް ކަމަށާއި މިފަދަ ހަރަކާތްތަކުގެ ސަބަބުން އަލަށް ލޭ ހަދިޔާކުރާ ފަރާތްތަކަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެކަމަށް ވިދާޅުވެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އޭޕްރިލް 19 ވަނަ ދުވަހު މަޖީދިއްޔާ ސްކޫލަށް 99 އަހަރު ފުރިގެން ގޮސްފައިވާއިރު ސްކޫލުގައި ޒަމާނީ ވެބްސައިޓަކާއި ސްކޫލުގެ މުހިންމު ހަނދާންތަކާއި ހަރަކާތްތައް ރައްކާތެރިކުރުމަޓަކައި އެ ސްކޫލުގެ އޮފިޝަލް ޔޫޓިއުބް ޗެނަލް އިފްތިތާހުކޮށްފައި ވެއެވެ. މީގެ އިތުރުން ކިޔަވައިދިނުމުގެ ކަންކަން ޑިޖިޓަލް ކުރުމަށްޓަކައި ހާއްސަ ޑިޖިޓަލް ޕްލެޓްފޯމެއްވެސް އެ ދުވަހު ގާއިމުކުރެވޭނެއެވެ. އަދި މަޖީދިއްޔާ ސުކޫލަށް 100 އަހަރުގެ ރަމްޒްކޮށްދިނުމުގެ ޚާއްސަ ސައްތަވީ ބިނާގެ މަސައްކަތް 100 އަހަރު ފުރެންވާއިރަށް ނިންމާ ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށް ތަޢުލީމާއި މަތީތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ