ރަސްމާލެ މަޝްރޫއު ބާރަށް ކުރިއަށް: 50 އިންސައްތަ މަސައްކަތް ނިންމައިލައިފި

ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ 50 ޕަސަންޓު މަސައްކަތް ނިމިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ރަސްމާލެ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެ ފޭސް އެއްކޮށްލުމުންވާ ވަރުގެ ސަރަހައްދެއް މިހާރު ހިއްކައި ނިމިފައިވާ ކަމަށެވެ.
”ރަސްމާލެ މަޝްރޫއުގެ 50 ޕަސަންޓަށްވުރެ ބޮޑު ބައެއް މިހާރު ވަނީ ހިއްކިފައި. އެއީ 504 ހެކްޓަރު، އެއީ ނިސްބަތުން ބަލާ ކަމުގައިވަންޏާ ހުޅުމާލެ ދެ ފޭސް އެއްކޮށްލީމަ އެވަރުގެ ބިމެއް ގާތްގަނޑަކަށް ހިއްކިފަ އެއޮތީ، ބާކީ އޮތްބައި ހިއްކުމުގެ މަސައްކަތް ކުރިއަށް އެބަދޭ،“ މިނިސްޓަރު ވިދާޅުވިއެވެ.
ރަސްމާލެ ހިއްްކުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ މުޅި ދުނިޔޭއިންވެސް އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ ’ކްރިސްޓޯބަލް ކޮލޯން‘ ޑްރެޖަރު ބޭނުންކޮށްގެންނެވެ.
ރަސްމާލެ މަޝްރޫއުއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް މުހިންމު ވައުދުފުޅެކެވެ.
ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އުމުރުން 18 އަހަރުން މަތީގެ ރައްޔިތުންގެ ތެރެއިން އެއްވެސް ވަރަކަށް އަމިއްލަ ބޯހިޔާވަހިކަން ލިބިފައި ނެތް ފަރާތްތައް ހިމެނޭހެން އާއިލީ ބޯހިޔާވަހިކަމެއް ފޯރުކޮށްދެއްވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށީ 2023ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ތިމާވެއްޓާ ރައްޓެހި ”އިކޯ ސިޓީ“ އެއްގެގޮތުގައި ތަރައްގީކުރާ ރަސްމާލެ ތަރައްގީ ކުރުމަށް 1،153 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ