މިހިނގާ ރަމަޟާންމަހުގެ ތެރޭގައި ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި އެތެރެކުރުމަށް މުދާ ގެނައުމަށް ވިޔަފާރިތަކަށް ދޫކުރާ ޑޮލަރުގެ އަދަދު އިތުރުކޮށްފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނެފިއެވެ.
ވިޔަފާރިތަކަށް ދޫކުރަމުން އަންނަ ޑޮލަރުގެ މިންވަރު، މަރުކަޒީ ބޭންކުން އިތުރުކަން ނިންމާފައިވަނީ އިއްޔެއެވެ. މިކަމާ ގުޅޭގޮތުން މަރުކަޒީ ބޭންކުން ބުނީ، ރަމަޟާން މަހާ ދިމާކޮށް، ވިޔަފާރިވެރިންނަށް ބާޒާރުގައި ކާބޯތަކެތި ފަސޭހައިން ލިބޭނެގޮތް ހޯދައިދިނުމަށްޓަކައި، ރާއްޖޭގެ ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާގެ މިންވަރު އިތުރުކޮށްފައިވާކަމަށެވެ.
އެމްއެމްއޭއިން ވިޔަފާރިތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކުރުމަށް ނިންމީ އިއްޔެއިން ފެށިގެން 3 ހަފްތާގެ ނިޔަލަށެވެ. މި ޚާއްޞަ އުސޫލުގެ ދަށުން، މަރުކަޒީ ބޭންކުން ބޭންކުތަކަށް ޑޮލަރު ދޫކުރަން ނިންމީ އާއްމު
އުސޫލުގެ ދަށުން ވިއްކާ މިންވަރަށްވުރެ 32
އިންސައްތަ އިތުރުކޮށެވެ. މިއީ ރަމަޟާން މަހުގެ ތެރޭގައި އަސާސީ ކާބޯތަކެތި
އެތެރެކުރުމަށް ބޭންކުތަކުން ބޭރު ފައިސާ ހޯދުމަށް ކުރާ ޑިމާންޑް ބޮޑުވާތީ،
އެކަމަށް ލުޔެއް ހޯދައިދިނުމަށް އެޅި ފިޔަވަޅެއްކަމަށް އެމްއެމްއޭއިން ބުންޏެވެ.
މާލޭ ވިޔަފާރި ބަނދަރަށް މުދާ ބޭލުމަށް ބޯޓެއް ކައިރިކޮށްފައި... ފޮޓޯ: ވޮއިސް
އެމްއެމްއޭ އިން ބުނީ، ބޭރު ފައިސާ
އިތުރަށް ދޫކުރުމުގެ ސަބަބުން މުދާ އެތެރެކުރާ ފަރާތްތަކަށް ބޭރުގެ
ސަޕްލަޔަރުންނަށް ފައިސާ ދެއްކުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނޭ ކަމަށެވެ. އަދި
އާންމުކޮށް ކާބޯތަކެތި ބޭނުންކުރާ މިންވަރު އިތުރުވާ މި ދަނޑިވަޅުގައި، މުދާ
އެތެރެކުރުމުގެ ނިޒާމަށް ކުރިމަތިވާ ތާށިކަން ކުޑަވެ، ރާއްޖޭގެ ބާޒާރުގައި އަސާސީ
މުދާ މެދުނުކެނޑި ލިބެން ހުރުމަށް މިކަމުން މަގުފަހިވާނޭ ކަމަށްވެސް އެމްއެމްއޭއިން ވަނީ ބުނެފައެވެ.
އެމްއެމްއޭއިން ބުނީ މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ހަރުދަނާކުރުމަށާއި
ބޭންކިންގ ނިޒާމަށް އެހީތެރިވުމަށް މަރުކަޒީ ބޭންކުން އަޅަމުންދާ ފިޔަވަޅުތަކުގެ
ތެރެއިން އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ. އެގޮތުން މިފަދަ
ފިޔަވަޅުތަކަކީ ރަމަޟާން މަހާއި ދިމާކޮށް ބޭރު ފައިސާއަށް އަންނަ މޫސުމީ ޑިމާންޑް
މެނޭޖްކުރުމަށް އެ އޮތޯރިޓީން ގެންގުޅޭ ޚާއްސަ ސިޔާސަތެއް ކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.
ރޯދަމަހަށް ހާއްސަކޮށް މުދާ ގެނައުމަށް ވިޔަފާރިތަކަށް ދޫކުރާ ޑޮލަރު އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ