ސިޔާސީ މަގާމުތަކަށް ރައީސް މުހައްމަދު މުއިއްޒު އައްޔަންކުރައްވާފައިވާ މުވައްޒަފުންތަކެއް އަންނަ ކައުންސިލް އިންތިހާބަށް ޕީއެންސީގެ ކެންޑިޑޭޓުންނަށް ކެމްޕެއިން ނުކޮށްދޭ ކަމަށް ވިދާޅުވެ، މަޑަވެލި ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޝަމީޒު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.
ވީކިހިނެއް؟ - ޕީއެންސީގެ މެމްބަރު ޝަމީޒު މިހެން ވިދާޅުވީ ފޭސްބުކްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގަ އެވެ.
ބުނީ ކީކޭ؟ - ޝަމީޒު ވިދާޅުވީ މަޑަވެލި ދާއިރާއަށް ނިސްބަތްވާ ސިޔާސީ މުވައްޒަފުން އެ ދާއިރާގެ ކެންޑިޑޭޓުންނަށް ކެމްޕެއިން ނުކުރެވޭ ނަމަ މަގާމުތަކަށް އެކަށީގެން ނުވާ ކަމަށެވެ.
"ރައީސް މަގާމުތަކަށް އައްޔަންކުރައްވާފައިވާ މަޑަވެލި ދާއިރާއަށް ނިސްބަތްވާ ސިޔާސީ މީހުންގެ ފަރާތުން މަޑަވެލި ދާއިރާގެ ޕީއެންސީގެ ކެންޑިޑޭޓުންނަށް ކެމްޕެއިން ނުކުރެވޭ ނަމަ މަގާމުތަކަށް އެކަށީގެން ނުވޭ،" ޝަމީޒު ލިއުއްވާފައިވާ އެވެ.
އެ ފަރާތްތަކަށް އޮތީ ދެ ގޮތް ކަމަށް ވެސް އޭނާ ލިއުއްވާފައިވެ އެވެ. އެއީ މަގާމުގައި ދެމިހުރުން ނުވަތަ އިސްތިއުފާ ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.
ދިމާވެގެން އުޅޭ ކަންތައް ސާފުކުރަން ވެގެން ޝަމީޒަށް ގުޅުމުން އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ އެ ކަމުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
އެނގުން މުހިންމު - ރައީސް އޮފީހާއި ސަރުކާރުގެ މިނިސްޓްރީތަކުގައި ސިޔާސީ ވަޒީފާތައް އުފައްދަމުން ދަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް މުވައްޒަފުން ނެގުމަށް ރައީސަށް ދީފައިވާ ބާރުގެ ތެރެއިންނެވެ.
ދައުލަތުގެ ހަރަދު އެންމެ ބޮޑުވާ އެއް ސަބަބަކީ ވެސް ސިޔާސީ މުވައްޒަފުން ގިނަވެގެން ދިއުމެވެ. ސިޔާސީ މުވައްޒަފުންގެ އަދަދު 700ގައި ހިފެހެއްޓުމަކީ މި ސަރުކާރުގެ ވައުދެކެވެ. ނަމަވެސް ސަރުކާރުން ހާމަކުރި ގޮތުގައި 900އަށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން މި ސަރުކާރުގައި އެބަ ތިއްބެވެ. ސަރުކާރުން އަދަދެއް ބުނި ނަމަވެސް މުވައްޒަފުންގެ ލިސްޓެއް ހާމައެއް ނުކުރެ އެވެ.
ސިޔާސީ މުވައްޒަފުންތަކެއް ޕީއެންސީއަށް ކެމްޕެއިން ނުކޮށްދޭތީ މެންބަރު ޝަމީޒު ހިތްހަމަނުޖެހިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ