31 ހާފިޒަކު ގުރުއާން ހިތުދަސްކޮށް ހާފިޒުކަމުގެ ސަނަދު ހާސިލްކޮށްފި

ހާފިޒުން ދަސްވެނިވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި 31 ހާފިޒަކު ގުރުއާން ހިތުދަސްކޮށް ހާފިޒުކަމުގެ ސަނަދު ހާސިލްކޮށްފި އެވެ.
ވީ ކިހިނެއް؟ - ހާފިޒުން ދަސްވެނިވުމަށް މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ހާފިޒުންނަށް ސަނަދު ހަވާލުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ.
ތަފްސީލް - މިރޭ ދަސްވެނިވި ހާފިޒުންގެ ތެރޭގައި ހިމެނެނީ:
19 ފިރިހެން ހާފިޒުން
12 އަންހެން ހާފިޒުން
މިރޭ ދަސްވެނިވި ހާފިޒުންގެ ތެރޭ ހިމެނެނީ 1446 ވަނަ އަހަރުގެ ރޯދަ މަހުން ފެށިގެން މި ހިނގާ ރޯދަ މަހުގެ ނިޔަލަށް ގުރުއާން ހިތުދަސްކޮށް، ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން ކަނޑައަޅާފައިވާ ޝަރުތުތަކާ އެއްގޮތަށް ހިފްޒު އިމްތިހާނު ކޮމެޓީއަށް ކިޔައިދީފައިވާ ހާފިޒުންނެވެ.
މީގެ އިތުރުން ގުރުއާން ހިތުދަސްކޮށް ސަނަދު ހާސިލްކޮށްފައިވާ ހާފިޒުންގެ ތެރެއިން ރައީސްގެ މެޑަލް ހާސިލްކުރި ހާފިޒުންނަށް ވެސް މިރޭ ވަނީ މެޑަލް ހަވާލުކޮށްފަ އެވެ.
މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ގުރުއާނަށް ހިދުމަތްކުރުމުގައްޔާއި ގުރުއާން ހިތުދަސްކުރުމުގެ ކަންތައްތައް ރާއްޖޭގެ ކަންކޮޅުތަކަށް ފެތުރުމުގައި ރާއްޖެ މިއަދު ދެކެމުން އަންނަނީ ހެޔޮ ދުވަސްތަކެއް ކަމަށެވެ.
"ވޭތުވެ ދިޔަ އަހަރުގެ 19 މިލިއަން ރުފިޔާ ގުރުއާން ހިތުދަސްކުރުމުގެ ދާއިރާއަށް ސަރުކާރުން ވަނީ ހޭދަކޮށްފައި. މި ހަރަދު ބިނާވެފައި އޮތް އެންމެ މުހިއްމު އެއް ދާއިރާއަކީ ގުރުއާން ހިތުދަސްކުރުވުން،" މިނިސްޓަރު ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ރާއްޖޭގެ ހާފިޒުންގެ އަދަދު 301 އަށް އަރާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މި 5 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހާފިޒުންގެ އަދަދު 500 އަށް އެރުވުމަށް މަސައްކަތް ކުރުން،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އާބާދީގެ ނިސްބަތުން ރާއްޖެއަކީ އެންމެ ހާފިޒުން ގިނަ އިސްލާމީ ގައުމަށް ހެދުމަކީ ދުރުރާސްތާގެ އަމާޒެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ:
1،800 ދަރިވަރުން މިހާރު ވެސް ގުރުއާން ހިތުދަސްކުރަމުން އަންނަ ކަމަށް
އެންމެ ގިނައިން ދަސްކުރަމުން އަންނަނީ ގުރުއާނާ ބެހޭ މަރުކަޒުގައި
އިސްލާމިކް މިނިސްޓްރީން ބުނީ މިއަދު ފެނިގެންދަނީ ޒުވާނުންނާއި ޅައުމުރުފުރައިގެ ފަރާތްތަކުން ގުރުއާން ހިތުދަސްކުރުމަށް ލޯބިޖެހި، އެ ފަރާތްތަކުގެ ކިބާގައި ދީނީ ރޫހު އާލާވަމުންދާތަން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ