ޑްރަގުގެ މައްސަލައިގައި ހައްޔަރުކުރި ބިދޭސީ މީހާއަށް އަނިޔާކުރިކަމަށް ހުށަހަޅާފައެއް ނުވޭ: ފުލުހުން

މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގައި ހުރި ބިދޭސީ މީހާ، އޭނާއަށް ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތުކުރި ނަމަވެސް، އޭނާ އެފަދަ އެއްވެސް ޝަކުވާއެއް ކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ އެހެން ބުނެފައި މިވަނީ، މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ބިދޭސީއަކަށް ފުލުހުން އަނިޔާކުރި ކަމަށް ކޮށްފައިވާ ތުހުމަތާ ގުޅިގެން އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބަލަން ފެށުމާ ގުޅިގެންނެވެ.
ފުލުހުން ބުނީ އެ މައްސަލަ އެޗްއާރުސީއެމުން ތަހުގީގު ކުރަމުންދާކަން އަންގާފައިވާ ކަމަށާއި އެ ކޮމިޝަނުން ކުރިއަށްގެންދާ ތަހުގީގަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
އެ ތުހުމަތުތަކާ ގުޅިގެން ބެލިބެލުމުން، އެ މީހާ ބަންދުކުރުމުގެ މަރުހަލާގައި ނުވަތަ ބަންދުގައި ހުރި މުއްދަތުގައި ވެސް، އަނިޔާއެއް ލިބިފައިވާ ކަމުގެ އެއްވެސް ޝަކުވާއެއް ކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އޭގެ އިތުރުން ބަންދުގެ އިޖުރާއަތްތަކުގެ ތެރެއިން މައުލޫމާތު ސާފުކުރި އިރުވެސް، އަނިޔާގެ އެއްވެސް ވާހަކައެއް ހިއްސާކޮށްފައި ނުވާ ކަމަށާއި ޑޮކްޓަރަށް ދެއްކުމަށް އެދިފައި ވެސް ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ