ފަރުހާންގެ ފިލްމު 'ޑޮން 3' އެއްވެސް އިރަކު އެކްޓަރަށް ހުށަހަނާޅާ ކަމަށް ރިތިކް ބުނެފި
މަސައްކަތް ހުއްޓިފައި އޮތް ޑައިރެކްޓަރު ފަރުހާން އަހުތަރުގެ ފިލްމު "ޑޮން 3" ކުޅެން އެއްވެސް އިރަކު ފަރުހާންގެ ޓީމުން ހުށަހަޅާފައިނުވާ ކަމަށާއި އެކަމާ ގުޅިގެން ދެކެވޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ބޮލީވުޑްގެ އެކްޓަރު ރިތިކް ރޯޝަން ބުނެފިއެވެ. ފިލްމު "ޑޮން 3"ގެ ލީޑް ރޯލަކަށް ރަންވީރު ސިންގް ނަގާފައިވާކަން އިއުލާނުކޮށް ފިލްމުގެ ޓީޒާއެއް ވެސް ފަރުހާންގެ އެކްސެލް އެންޓަޓެއިންމަންޓްއިން އާއްމުކުރިތާ އަހަރުތަކެއްވީ ފަހުން ރަންވީރު ވަނީ އެ ފިލްމުން ވަކިވެފައެވެ. ރަންވީރު ފިލްމުން ވަކިވި ސީދާ ސަބަބު މިހާތަނަށް ހާމަކޮށްފައި ނެތް ނަމަވެސް ބައެއް ރިޕޯޓުތަކުން ބުނެފައި ވަނީ ރަންވީރު "ޑޮން 3"އިން ވަކިވީ އެކްޓަރުގެ ކުރިއަށް އޮތް ފިލްމު "ޕްރަލޭ"އަށް ވަގުތު ހުސްކުރުމުގެ ބޭނުމުގައި ކަމަށެވެ. ފިލްމު "ޑޮން 3"އިން ރަންވީރު ވަކިވުމާ ގުޅިގެން ފިލްމުގެ ލީޑް ރޯލް ކުޅެން ރިތިކް ރޯޝަންއަށް ހުށަހަޅާފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން އޭރު ވަނީ ބުނެފައެވެ. ނަމަވެސް އެއީ އެއްވެސް ހަގީގަތެއް އޭގައި އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށް ރިތިކް ވަނީ ދާދިފަހުން މީޑިއާގައި ބުނެފައެވެ. ބޮލީވުޑްގެ އެކްޓަރު ރަންވީރު ސިންގް އަދި ފިލްމު ޑައިރެކްޓަރު ފަރުހާން އަހުތަރު--ފޮޓޯ/ޕިންކްވިލާ ދާދިފަހުން ވެރައިޓީ ނޫހަށް ދިން އިންޓަވިއުއެއްގައި ރިތިކް ބުނީ ފިލްމު "ޑޮން 3"އާ ގުޅޭގޮތުން މިހާތަނަށް އެއްވެސް ސިފައެއްގައި އޭނާގެ ޓީމާ އެކު މަޝްވަރާތަކެއް ވެސް ކުރެވިފައި ނުވާ ކަމަށާއި އެ ފިލްމުގެ މައްސަލަގަނޑުތެރެއަށް މީޑިއާތަކުން އެކްޓަރު ނަން ނުލުމަށެވެ. ރިތިކް އަކީ މިވަގުތު ބޮލީވުޑްގައި ތިބި އެންމެ ކުޅަދާނަ އަދި ތަޖުރިބާކާރު އެކްޝަން ތަރިންގެތެރޭ ހިމެނޭ އެއް އެކްޓަރެވެ. ފިލްމު "ޑޮން 3"އަށް ރިތިކް ގެންގޮސްދާނެ ކަމަށް ބައެއް މީޑިއާތަކުން ލަފާކުރި ސަބަބަކީ އެއީ ކަމަށްވެސް ވުން އެކަށީގެންވާ ކަމަށް ބައެއް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ވައިއާރްއެފްގެ "ވޯ 2"އިން އެންމެފަހުން ފެނުނު އެކްޓަރު އަންނަނީ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފްރެންޗައިސް ކަމަށްވާ "ކްރިޝް"ގެ ހަތަރު ވަނަ ފިލްމު އުފެއްދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ. ރިޕޯޓުތައް ބުނާގޮތުން ފިލްމުގެ ލީޑް ރޯލްގެ އިތުރުން މި ފިލްމު ޑައިރެކްޓް ކުރާނީ ވެސް ޚުދު ރިތިކްއެވެ. ފިލްމު "ޑޮން 3" ރިތިކްއަށް ހުށަހަޅާފައިވާ ކަމަށް ބައެއް މީޑިއާތަކުން ބުނެފައިވާއިރު މި ފިލްމު ޝާހްރުކް ޚާންއަށް ވެސް ހުށަހަޅާފައިވާ ކަމަށް ބައެއް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ޝާހު އަކީ މި ފްރެންޗައިސްގެ ކުރީގެ ދެ ބައިގެ ވެސް ލީޑް އެކްޓަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ