ތިބާގެ މައްޗަށް ވެރިވެގަތުމުގެ ފުރުޞަތު ރުޅިއަށް ނުދޭނަމަ ދެމަފިރިންގެ މެދުގަ އޮންނާނީ ލޯތްބާ އުފާވެރިކަން! ވަރީގެ ވާހަކަ ދައްކަންވެސް ނުޖެހޭނެ! އިން ޝާ ﷲ

އިންސާނުންގެ ތެރޭގައި މިއުޅެނީ ދެވައްތަރެއްގެ ބައެކެވެ. އެއްބައަކީ ތިމާގެ ކޮންޓްރޯލް ރުޅިއާއި ޙަވާލުކޮށްގެން އުޅޭ ބައެކެވެ. އަނެއް ބައަކީ ރުޅި ތިމާގެ ކޮންޓްރޯލުގެ ދަށުގައި ބާއްވައިގެން އުޅޭ ބައެކެވެ.
މީހާގެ ކޮންޓްރޯލް ރުޅިއާއި ޙަވާލުކޮށްފިނަމަ ރުޅި އައުމުން އެމީހެއްގެ އަތްފައިން ނުކުރެވޭނެ ކަމެއް ނުއޮންނާނެއެވެ. ދުލުން ނުބުނެވޭނެ ނުބައި ބަހެއްވެސް ނުއޮންނާނެއެވެ. ފަޅާއަރުވައިނުލެވޭނެ ސިއްރެއްވެސް ނުއޮންނާނެއެވެ.  
އެފަދަ މީހުން ރުޅި އަންނަ ވަގުތު ނުވަތަ ރުޅި އަރުވައިލުމުން އެއްވެސް ވަރަކަށް ވިސްނައިލުމެއް ނެތި ހިތަށް އައިހައި ބަސްތަކެއް ދުލުން ބޭރުކޮށްލައެވެ. މިފަދަ ކަންކަން ގިނައިން ކުރަނީ ރުޅި އަރުވައިލި މީހާއަށްވުރެ ތިމާ މާމޮޅުކަން ހާމަކުރުމުގެ ބޭނުމުގައެވެ.  
ނަމަވެސް ނަތީޖާއަކަށްވަނީ ދުލުން ބުނެވޭ ބަސްތަކުގެ ސަބަބުން މީހާ "ބަރަހަނާ"ވުމެވެ. ރުޅި އަރުވައިލުމުން ކޮންޓްރޯލު ނުކުރެވި ބަސްތައް ބުނާ މީހުން ރުޅިއަރުވަން ވެސް ގިނަ ބައަކު ބޭނުންވާނެއެވެ. އެއީ އެމީހުންގެ ދުލުން ނޭދެވޭ ބަސްތައް ބުނުވުމެވެ. އެފަދަ ބަސްތައް ބުނުވައިގެން މީސްތަކުންގެ ކުރިމަތީގައި އެމީހަކު ފަޟީޙަތްކޮށްލުމުގެ ބޭނުމުގައެވެ.  
ރުޅިއާއިމެދު ބުނެވެން އޮތީ ރުޅި ކޮންޓްރޯލް ނުކުރެވޭނަމަ އެއީ އިންސާނާގެ ހަލާކުކަމަށެވެ. އެންމެ ބޮޑެތި ގެއްލުންތައް ލިބެނީ ރުޅި ކޮންޓްރޯލަނުކުރެވުމުން ކަމުގައިވާތީއެވެ. ދެމަފިރިންގެ މެދުގަ ޖެހޭ ކުދިކުދި މައްސަލަތައްވެސް ބޮޑުވެ ތަޅާފޮޅުމަކަށް ގޮސް އަދި ވަރިއާއިހަމައަށް ކަންކަންދާ އެންމެ ބޮޑު ސަބަބަކީ ރުޅި ކޮންޓްރޯލް ނުކުރެވުން ކަމުގައިވާތީއެވެ.  
ރަނގަޅަށް ބަލާށެވެ! ރުޅި ކޮންޓްރޯލްކުރެވޭނަމަ ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައްވެސް މަދުވާނެއެވެ. ވަރިވެސް މަދުވާނެއެވެ.  
އެންމެ ބާރުގަދަ މީހަކީ އެމީހާގެ އަތު މުލައްދަނޑީގެ ބާރުގަދަ މީހާ ނުވަތަ ރެސްލިންގ ތަޅައިގެން މޮޅުވާ މީހާ ނޫން ކަމަށާއި އެންމެ ބާރުގަދަ މީހަކީ ރުޅި އަންނަވަގުތު ރުޅި ކޮންޓްރޯލް ކުރެވޭ މީހާ ކަމަށް ޙަދީޘްފުޅު ކުރައްވަވާފައި އެއޮތީ މިފަދަ ސަބަބުތަކަށްޓަކައެވެ.  
މީސްތަކުން ރުޅި އެރުވުމަކީ ޝައިޠާނީ އަމަލެކެވެ. ރުޅި އަންނަނީ ޝައިޠާނާ އެކަމަށް ހިތްވަރުދޭތީއެވެ. ރުޅި ކޮންޓްރޯލް ކުރެވުމަކީ ޝައިޠާނާ ބަލިކޮށްލުމެވެ. ވީމާ ރުޅި ކޮންޓްރޯލް ކުރާ މީހާ އެގެންދަނީ ޝައިޠާނާގެ މައްޗަށް ގަދަވެގަނެ ޝައިޠާނާ ބަލިކުރަމުންނެވެ.
 
- މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ