ބަނޑުގައިވާ ކުއްޖާގެ އައިބުތައް ދެނެގަންނަން އޭއައި ސޮފްޓްވެއާއެއް

އަލްޓްރާސައުންޑުން ކުއްޖާގެ އައިބުތައް ދެނެގަންނަން ދުނިޔޭގައި ފުރަތަމަ އުފެއްދި އޭއައި ސޮފްޓްވެއާއަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)ގެ ހުއްދަ ލިބިއްޖެއެވެ. ޓެކްކްރަންޗް ޑިސްރަޕްޓް ބެޓްލްފީލްޑް 2023 ގެ ކާމިޔާބީ ހޯދި 'ބަޔޮޓިކްސް އޭއައި'އިން އުފެއްދި، ބަނޑުގައިވާ ދަރިފުޅުގެ އައިބުތައް ދެނެގަތުމަށް އެހީތެރިވެދޭ މި އޭއައި ސޮފްޓްވެއާއަށް އެމެރިކާގެ އެފްޑީއޭއިން ހުއްދަ ދީފައިވާއިރު، މި އުފެއްދުމަކީ އެ ކުންފުނީގެ ފައުންޑަރު އަދި ސީއީއޯ ރޮބީ ބުސްތާމީގެ ޚިޔާލެކެވެ. އަންހެނުންގެ ޚާއްޞަ ޑޮކްޓަރުންގެ އާއިލާއަކަށް ނިސްބަތްވާ ބުސްތާމީ، 2021 ވަނަ އަހަރު މި ކުންފުނި އުފެއްދީ ސަލްމާން ޚާން، ޗާސްކިން ސަރޮފް އަދި ޑރ. ހިޝާމް އަލްގައްމާލްއާ ގުޅިގެންނެވެ. ބުސްތާމީ ވިދާޅުވި ގޮތުގައި މި ޓެކްނޮލޮޖީ ބޭނުންކުރަނީ "ކޮމްޕިއުޓަރު ވިޜަން އޭއައި" އެވެ. މީގެ އެހީގައި އަލްޓްރާސައުންޑްގެ ފެންވަރު ބެލުމާއި، ކުއްޖާގެ ގުނަވަންތައް ފުރިހަމައަށް ހުރިތޯ ބެލުމުގެ އިތުރުން، އޮޓޮމެޓިކުން ރިޕޯޓްތައް ތައްޔާރުކޮށްދީ ކްލިނިކަލް މަސައްކަތްތައް ފަސޭހަކޮށްދެއެވެ. މި ސޮފްޓްވެއާއަށް އެފްޑީއޭގެ ހުއްދަ ހޯދުމަށް ގާތްގަނޑަކަށް ތިން އަހަރު ދުވަސް ނެގި --- މި ޓެކްނޮލޮޖީ އުފެއްދުމުގެ މައިގަނޑު މަގުސަދަކީ އެމެރިކާގައި މާބަނޑު ދުވަސްވަރު ދިމާވާ ސިއްހީ މައްސަލަތަކާއި، މަރުވާ މީހުންގެ އަދަދު މަދުކުރުމެވެ. ޚާއްޞަކޮށް ކަޅު ނަސްލުގެ އަންހެނުންގެ މަރުގެ ރޭޓް މަތިވުމާއި، އަލްޓްރާސައުންޑް ތަސްވީރުތަކުގެ ފެންވަރު ދަށްވުމުގެ ސަބަބުން ދިމާވާ ނުބައި ޑައިގްނޯސިސްތަކަށް މީގެ ސަބަބުން ހައްލެއް ލިބޭނެ ކަމަށް އޭނާ އުންމީދު ކުރައްވައެވެ. މި ސޮފްޓްވެއާ ތަމުރީނުކުރުމަށް އެތައް ލައްކަ އަލްޓްރާސައުންޑް ތަސްވީރުތަކެއް ބޭނުންކޮށްފައިވެއެވެ. ބުސްތާމީ ވިދާޅުވީ، އެންމެ އުނދަގޫވި ކަމަކީ ހަމައެކަނި އޭއައި މޮޑެލް ބިނާކުރުން ނޫން ކަމަށާއި ނަމަވެސް ތަފާތު އެކި ނަސްލުތަކުގެ މީހުންނަށް މި ޓެކްނޮލޮޖީ އެއްވަރަކަށް މަސައްކަތްކުރާކަން ކަށަވަރުކުރުން ކަމަށެވެ. އެފްޑީއޭގެ ހުއްދަ ހޯދުމަށް ގާތްގަނޑަކަށް ތިން އަހަރު ދުވަސް ނެގިއިރު، މި މުއްދަތުގައި އިންޖިނިއަރިން، ކްލިނިކަލް އަދި ރެގިއުލޭޓަރީ މަސައްކަތްތައް އެކުއެކީގައި ކުރިއަށް ގެންދިޔުމަކީ މަސައްކަތް އަވަސްވި ސަބަބެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ހުއްދަ ލިބުމާ އެކު މިހާރު ކުންފުނީގެ އަމާޒަކީ މުޅި އެމެރިކާގެ ސިއްހީ ނިޒާމުގެ ތެރޭގައި މި ޚިދުމަތް ފުޅާކުރުމެވެ. މީގެ އިތުރުން، ދަރިމައިވުމުގެ ސިއްހަތާއި ރިޕްރޮޑަކްޓިވް ހެލްތާ ގުޅޭ އިތުރު ފީޗާތައް ތައާރަފުކުރުމަށް ވެސް ވަނީ ރާވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ