އީރާނުން ޤަޠަރާއި ސައުދީގެ ތެލާއި ގޭސް އުފައްދާ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި

އީރާނުން ޤަޠަރާއި، ސައުދީ އަރަބިއްޔާ އަދި ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ މިސައިލް އަދި ޑްރޯން ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކާ ގުޅިގެން ސައުދީ އަރަބިއްޔާއިން ބުނެފައިވަނީ އީރާނަށް އޮތް އިތުބާރު މުޅިން ގެއްލިފައިވާ ކަމަށެވެ.
ޤަޠަރުގެ މައި ގޭސް ފެސިލިޓީ ކަމަށްވާ ރަސް ލައްފާން އިންޑަސްޓްރިއަލް ސިޓީއަށް އީރާނުން ދިން މިސައިލް ހަމަލާތަކުގައި އެ ތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ޤަޠަރުގެ ޚާރިޖީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
މި ހަމަލާއާ ގުޅިގެން ޤަޠަރުން ވަނީ އެ ޤައުމުގައި ތިއްބަވާ އީރާނުގެ ސެކިއުރިޓީ އަދި މިލިޓަރީ އެޓޭޗޭ އާއި އެ ބޭފުޅުންގެ މުވައްޒަފުން 24 ގަޑިއިރުގެ ތެރޭގައި ޤައުމުން ބޭރުވުމަށް އަމުރުކޮށްފައެވެ.
ޤަޠަރު އެނާޖީން ބުނި ގޮތުގައި، ރަސް ލައްފާންގެ އިތުރުން އެހެން ބައެއް އެލްއެންޖީ ފެސިލިޓީތަކަށްވެސް ހަމަލާދީފައިވެއެވެ. މި ހަމަލާތަކުގެ ސަބަބުން ބޮޑުކޮށް ހުޅުހިފި ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
ސައުދީ އަރަބިއްޔާގެ ދިފާއީ ވުޒާރާއިން ހާމަކުރި ގޮތުގައި، ރިޔާޟަށާއި އިރުމަތީ ސަރަޙައްދަށް އަމާޒުކޮށް އީރާނުން ފޮނުވާލި ހަ ބެލިސްޓިކް މިސައިލެއް އެ ޤައުމުގެ އެއާ ޑިފެންސް ސިސްޓަމުން ވަނީ ހުއްޓުވާފައެވެ. ނަމަވެސް ސައުދީގެ ދެ ރިފައިނަރީއަކަށް ހަމަލާ އަމާޒުވެފައިވާ ކަމަށް އެ ޤައުމުން ބުނެއެވެ.
ޔޫއޭއީގެ ދިފާއީ ވުޒާރާއިން ބުނީ އީރާނުން ފޮނުވާލި 13 ބެލިސްޓިކް މިސައިލާއި 27 ޑްރޯން ހުއްޓުވާފައިވާ ކަމަށެވެ. ނަމަވެސް ހަމަލާތަކާ ގުޅިގެން އަބޫދާބީގެ ހަބްޝާން ގޭސް ފެސިލިޓީތައް މިހާރު ވަނީ ބަންދުކޮށްފައެވެ.
މި ހަމަލާތަކަކީ އެމެރިކާއާއި އިސްރާއީލުން އިސްވެ އީރާނުގެ އުތުރުގެ ބަންދަރު އަންޒަލީގައި އޮތް އެ ޤައުމުގެ ކަނޑުގެ ސިފައިންގެ މަރުކަޒަށާއި ސައުތު ފާރްސް ގޭސްފީލްޑަށް ދިން ހަމަލާތަކާ ގުޅިގެން ބަދަލުހިފުމަށް އީރާނުންވެސް ދޭން ފެށި ހަމަލާތަކުގެ ތެރެއިން ދެމުންދާ ހަމަލާތަކެކެވެ. އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން ވަނީ މި ހަމަލާތަކުގެ ސަބަބުން މުޅި ދުނިޔެއަށް އޭގެ އަސަރު ފޯރާފާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
އީރާނުން އިސްރާއީލަށް ދިން ރައްދު ހަމަލާތަކުގައި ތެލް އަވީވް އާއި އިސްރާއިލުން ގަދަކަމުން ވަޒަންވެރިވެގެންފައިވާ ހުޅަނގު އައްސޭރިން މިހާތަނަށް ހަތަރު މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މުޅި ސަރަޙައްދުގައި ހިނގަމުންދާ މި ހަމަނުޖެހުންތަކުގައި މަރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
ޤަޠަރުން ވަނީ މިއީ އެ ޤައުމުގެ އިސްތިޤްލާލަށް އަރައިގަތުން ކަމަށާއި، މިއީ ސަރަޙައްދީ މަސްލަޙަތު ނަގާލުމަށް އީރާނުން ކުރާ ނުރައްކާތެރި އަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ.
މި ހާދިސާ ހިނގާފައި މިވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށް އަރަބި އަދި އިސްލާމީ ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ރިޔާޟުގައި ބައްދަލުކުރެއްވުމަށް ހަމަޖެހިފައި އޮތް ދަނޑިވަޅެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ