އެސްއެމްއީ ޑިޖިޓަލްގެ އަހަރީ ދުވަހާ ގުޅުވައިގެން ބިދޭސީންނަށް ރޯދަ ވީއްލުން ދީފި

އެސްއެމްއީ ޑިޖިޓަލްގެ ހަތް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބިދޭސީ މަސައްކަތްތެރިންނަށް ރޯދަވީއްލުން ބެހުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތް އިއްޔެ ކުރިއަށް ގެންގޮސްފައިވަނީ, ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސްއާ ގުޅިގެންނެވެ. އެސްއެމްއީ ޑިޖިޓަލް އިން ބުނީ، މި ހަރާކާތުގައި އެ ކުންފުނީގެ މުވައްޒަފުން އަމަލީގޮތުން ބައިވެރިވެ، ބިދޭސީ މަސައްކަތްތެރިން ރާއްޖޭގެ އިގްތިސާދަށާއި މުޖުތަމައަށް ކޮށްދޭ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ރޯދަވީއްލާ ކާބޯތަކެތީގެ ޕެކް ބަހާފައި ވާކަމަށެވެ. މީގެ އިތުރުން، މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށް، އެސްއެމްއީ ޑިޖިޓަލް އިން މަމްސް އެއިޑް ޖަމިއްޔާއާ ގުޅިގެން އެންމެ ބޭނުން ޖެހިފައިވާ އާއިލާތަކަށް ކާބޯތަކެތީގެ އެހީ ފޯރުކޮށްދިނުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައި ވާކަން ވެސް ވަނީ ފާހަގަކޮށްފައެވެ. އެ ހަރަކާތުގައި ކުންފުނީގެ މުވައްޒަފުންގެ ޑޮނޭޝަނާއި އަދި ކުންފުނީގެ ފަރާތުން ހަދިޔާކުރި ފައިސާ ހޭދަކޮށް، ދަތި ހާލުގައި އުޅެމުންދާ އާއިލާތަކަށް ކާބޯތަކެތީގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ. އެސްއެމްއީ ޑިޖިޓަލްގެ މައިގަނޑު އަމާޒަކީ ވިޔަފާރިވެރިން ބާރުވެރިކުރުވުމާއި ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހަރުދަނާކޮށް ތަރައްގީކުރުމެވެ. މިގޮތުން ފާއިތުވެ ދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި 4000 އަށް ވުރެ ގިނަ ކުދި ވިޔަފާރިއަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައި ވާކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ. ސީއެސްއާރު ހަރަކާތްތަކުގެ ޒަރީއާއިން، އެސްއެމްއީ ޑިޖިޓަލްއިން ދަނީ އިޖުތިމާއީ ޒިންމާ އާއި، މުޖުތަމައާ ގުޅުން ބަދަހިކުރުމާއި، އަދި އެންމެންގެ ހިއްސާއާ އަދި ބައިވެރިވުން ހިމެނޭ ތަރައްގީ ގެނައުމުގައި ހަރަކާތްތެރިވަމުން ކަމަށް އެ ކުންފުނިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ