އީރާނަށް ހަމަލާ ނުދިނުމަށް ނަތަންޔާހޫއަށް ދެންނެވިން: ޓްރަމްޕް

ނިއުކްލިއާ އެއްބަސްވުމާގުޅޭ މަޝްވަރާތައް ކުރާތީ އީރާނަށް ހަމަލާ ނުދިނުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ދެންނެވި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް އެގޮތަށް ވިދާޅުވީ އީރާނާއެކު ކުރާ މަޝްވަރާތަކަށް ބުރޫ އަރާފާނެ އެއްވެސް ފިޔަވަޅެއް ނޭޅުމަށް މިދިޔަ ހަފުތާގައި ނަތަންޔާހޫއަށް ގޮވާލެއްވިތޯ ސުވާލު ކުރުމުންނެވެ. "އަޅުގަނޑު ހަމަ ބުނީ އަޅުގަނޑަކަށް ހިއެއް ނުވޭ އެއީ އެކަށީގެންވާ ކަމެއް ކަމަކަށް. އަޅުގަނޑުމެން އެމީހުންނާ އެކު ވަރަށް ރަނގަޅު މަޝްވަރާތަކެއް ކުރަމުން މިދަނީ." ޓްރަމްޕް ވިދާޅުވިއެވެ. އަދި މިއީ މިވަގުތު ކުރަން އެކަށީގެން ނުވާނެ ކަމެއް ކަމަށާއި ސަބަބަކީ އަހަރެމެން މިތިބީ ހައްލަކާ ވަރަށް ގާތުގައި ކަމަށްވެސް ނަތަންޔާހޫއަށް ދެންނެވި ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ފާއިތުވި ހަފުތާތަކުގައި އީރާނާއި އެމެރިކާއިން ވަނީ ފަސް ބުރަކަށް ނިއުކްލިއާ މަޝްވަރާތައް ބާއްވާފައެވެ. އެއްބަސްވުމަކަށް އާދެވިއްޖެނަމަ، އދ.ގެ ނިއުކްލިއާ ވޮޗްޑޮގް އާއިއެކު އެމެރިކާގެ އިންސްޕެކްޓަރުންނަށް އެގައުމުގެ ނިއުކްލިއާ ފެސިލިޓީތައް އިންސްޕެކްޓް ކުރުމުގެ ހުއްދަ ދިނުމަށް ވިސްނަފާނެ ކަމަށް އީރާނުން މީގެކުރިން ވަނީ ބުނެފައެވެ. ނަމަވެސް އިސްރާއީލުން ތަކުރާރުކޮށް ވަނީ އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމުގެ އިންޒާރު ދީފައެވެ. އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައިން އެމެރިކާ އާއި އީރާނުގެ މަޝްވަރާތައް ކުރިއަށްދާ ނަމަވެސް އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް ހަމަލާދިނުމަށް އިސްރާއީލުން އަންނަނީ ތައްޔާރީތައް ވަމުންނެވެ. އީރާނުން ނިއުކްލިޔާ ހަތިޔާރު އުފެއްދުމަށް މަސައްކަތްކުރާ ކަމަށް ހުޅަނގުން އަބަދުވެސް ތުހުމަތުކުރެއެވެ. ނަމަވެސް އެ ތުހުމަތުތައް އީރާނުން ތަކުރާރުކޮށް ދޮގުކުރެއެވެ. އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ ހަމައެކަނި ސުލްހަވެރި، މަދަނީ ބޭނުމަކަށް ކުރިއަށް ގެންދާ ކަމެއް ކަމަށްވެސް އީރާނުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ