ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗުގައި އޮންނަ ދިގު ކިއޫގެ މައްސަލަ ހައްލުކުރަން، އެ ހޮސްޕިޓަލުގެ އައުޓް-ޕޭޝަންޓް ޑިޕާޓްމެންޓް (އޯޕީޑީ)ގެ ހިދުމަތް ރޭގަނޑު ވެސް ދޭން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ބަލިތަކުގެ ހާއްސަ ޑޮކްޓަރުންނަށް މީގެ ކުރިން އައިޖީއެމްއެޗުގައި ދެއްކެނީ ދުވާލު ވަގުތުގައި، ސަރުކާރުގެ ރަސްމީ ގަޑިތަކުގަ އެވެ.
ތަފްސީލް - ރައީސް މުއިއްޒުގެ 'ރައްޔިތުންގެ ޕޮޑްކާސްޓް'ގައި މިއަދު އެމަނިކުފާނު ވިދާޅުވީ ރޭގަނޑު އޯޕީޑީގެ ހިދުމަތް މިހާރު އައިޖީއެމްއެޗްގައި ފަށާފައިވާތީ، އެންމެ ގިނައިން ފަރުވާ ހޯދާ ބަލިތަކަށް ޑޮކްޓަރަށް ދެއްކުމަށް އެ ހޮސްޕިޓަލުގައި ޖެހިފައި އޮތް ކިއޫ ކުރިއަށް އޮތްތަނުގައި ކުޑަކުރެވޭނެ ކަމަށެވެ.
ބުނީ ކީކޭ؟ - "މިހާރު ނައިޓް އޯޕީޑީ ފެށިފައި އެ ވަނީ އައިޖީއެމްއެޗުގައި. އޭގެ ސަބަބުން ވަރަށް ބޮޑަށް ކިއޫ ކުޑަވެގެންދާނެ. އެންމެ ގިނައިން ފަރުވާ ހޯދާ ބަލިތަކުގެ ކިއޫ ކުޑަކޮށްލުން މީގެ ތެރެއިން ހާސިލުވާނެ،" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ:
އެނދުމަތިކޮށްގެން ފަރުވާދޭ ބަލިމީހުންނަށް ބޭސް ލިބޭނެ ގޮތް މިހާރު ވަނީ ހަމަޖައްސާފައި
އައިޖީއެމްއެޗަށް 218 މުވައްޒަފުން ނެގުމަށް މިހާރު ވަނީ ހުޅުވާލާފައި؛ އޭގެ ތެރޭގައި ގިނައިން ހިމެނެނީ ނަރުހުން
އައިޖީއެމްއެޗުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތްތައް ވެސް އެބަކުރޭ
އެނގުން މުހިންމު - ރޭގަނޑު އޯޕީޑީގެ ހިދުމަތް ދޭން ފެށުމާ ގުޅޭގޮތުން އައިޖީއެމްއެޗުގެ ބަހެއް އަދި ނުލިބެ އެވެ. ނަމަވެސް އެ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ބައެއް މީޑިއާތަކަށް މިއަދު ވިދާޅުވެފައިވާ ގޮތުގައި އެ ހިދުމަތް ފެށީ މިދިޔަ އާދީއްތަ ދުވަހު އެވެ. ރޭގަނޑު އޯޕީޑީގެ ހިދުމަތް ދޭނީ 8 އިން 11 އަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދިގު ކިއުގެ މައްސަލަ ހައްލުކުރަން އައިޖީއެމްއެޗްގައި ރޭގަނޑު އޯޕީޑީގެ ހިދުމަތް ދޭން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ