ފަނޑިޔާރުންނަށް ދިފާއުވުމުގެ ފުރުސަތު ނުދިން ނަމަ މައްސަލަ ބޭރު ކުރަން ކޮމަންވެލްތު ވަކީލުންގެ ޖަމިއްޔާއިން ގޮވާލައިފި ފަނޑިޔާރުންނަށް ދިފާއުވުމުގެ ފުރުސަތު ނުދިން ނަމަ މައްސަލަ ބޭރު ކުރަން ކޮމަންވެލްތު ވަކީލުންގެ ޖަމިއްޔާއިން ގޮވާލައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްސަލަތަކެއް ކުއްލި ގޮތަކަށް ބަލައި ދެ ފަނޑިޔާރަކު ވަކި ކުރަން ނިންމި ނަމަވެސް، އެ ތަހުގީގުގައި ފަނޑިޔާރުންނަށް ދިފާއުވުމުގެ ފުރުސަތު ދީފައިނުވާ ނަމަ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރު ކުރަން ކޮމަންވެލްތު ވަކީލުންގެ ޖަމިއްޔާއިން ހޮނިހިރު ދުވަހު ގޮވާލައިފި އެވެ.
ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށެހެޅި މައްސަލަ ބަލަން ފެށުމުން ތިން ފަނޑިޔާރެއްގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލަން ފެށި އެވެ. އެއީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދެވެ.
އޭގެ ފަހުން ފަނޑިޔާރު ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. ސުއޫދު އިސްތިއުފާ ދެއްވީ، ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރު ދައްކަވާ ކަމަށް ވިދާޅުވެ އިހުތިޖާޖް ކުރެއްވުމުގެ ގޮތުންނެވެ.
ކޮމަންވެލްތު ވަކީލުންގެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ފަނޑިޔާރުންގެ ތަހުގީގު ޖޭއެސްސީއިން ކުރިއަށް ގެންދިޔައީ ޑިއު ޕްރޮސެސްއަށް ބެލުމެއް ނެތި ކަމަށް ފަނޑިޔާރުންގެ ފަރާތުން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ގޮވާލާފައި ވަނީ، ފަނޑިޔާރުންގެ ތަހުގީގުގައި ޑިއު ޕްރޮސެސް ފޮލޯކޮށްފައިނުވާ ނަމަ އަދި ދިފާއުވުމުގެ ފުރުސަތު ދީފައިނުވާ ނަމަ މައްސަލަ ބޭރުކޮށްލުމަށެވެ.
"ފަނޑިޔާރުން ވަކި ކުރުމަށް ޖޭއެސްސީއިން ނިންމާފައި ވަނީ ސާފު އަދި ގަބޫލު ކުރެވޭނެ ފަދަ ހެކިތަކެއްގެ މައްޗަށް ބިނާކޮށް ކަން ޖުޑިޝަރީ ކޮމިޓީއިން ޔަގީން ކުރަންޖެހޭ. ފަނޑިޔާރުން ވަކި ކުރަން ނިންމާފައި ވަނީ އުފައްދާފައިވާ ހެކިތަކެއްގެ މައްޗަށް ބިނާކޮށް ކަމަށްވާ ނަމަ ނޫނީ ހެކި އޮޅުވާލައިގެން ކަމަށްވާ ނަމަ، ފަނޑިޔާރުން ވަކި ކުރަން ހުށަހަޅާފައިވާ މައްސަލަ ބޭރުކޮށްލަންޖެހޭ،" އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.
ފަނޑިޔާރުންނަށް ދިފާއުވުމުގެ ފުރުސަތު ނުލިބޭ ނަމަ މައްސަލަ ބޭރު ކުރަން ވަކީލުންގެ ޖަމިއްޔާއިން ގޮވައިލި އިރު، ޖޭއެސްސީއިން ނިންމާފައި ވަނީ ފަނޑިޔާރުންގެ ދިފާއުގައި ހުށަހެޅި ހެކި ބަލައިނުގަތުމަށެވެ. އެގޮތަށް ނިންމީ އެ ހެކިތައް ބަލައިގަތް ނަމަވެސް ޖޭއެސްސީގެ ނިންމުމަށް ބަދަލެއް ނާންނާނެ ކަމަށް ބުނެ އެވެ.
ފަނޑިޔާރުން ވަކި ކުރަން ނިންމާފައި ވަނީ ބޭއިންސާފުން ކަމަށް ވިދާޅުވެ، ކޮމިޓީގައި ޖަވާބުދާރީވުމުގެ ފުރުސަތަކަށް ފަނޑިޔާރުންގެ ފަރާތުން ވަނީ އެދިފަ އެވެ. ފަނޑިޔާރުންނަށް އެ ފުރުސަތު ދިނުމަށް ރާއްޖޭގެ ވަރަށް ގިނަ ވަކީލުން ވެސް ވަނީ އެދިފަ އެވެ. ކޮމިޓީގައި ވާހަކަ ދެއްކުމުގެ ފުރުސަތު ފަނޑިޔާރުންނަށް ދިނުމަށް ކޮމަންވެލްތު ވަކީލުންގެ ޖަމިއްޔާއިން ވެސް ގޮވައިލި އެވެ.
ނަމަވެސް ޖުޑިޝަރީ ކޮމިޓީއިން އިއްޔެ ނިންމީ، ޖަވާބުދާރީވުމުގެ ފުރުސަތު ފަނޑިޔާރު އަޒްމިރާލްދާއަށް ނުދިނުމަށެވެ. ފަނޑިޔާރު މަހާޒް ހުށަހަޅުއްވާފައިވާ ހުށަހެޅުމަށް އަދި ކޮމިޓީއިން ގޮތެއް ނުނިންމަ އެވެ.
ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ވިދާޅުވީ، ޖޭއެސްސީން އޭނާގެ ތަހުގީގު ކުރިއަށް ގެންގޮސްފައި ވަނީ އަދުލު އިންސާފު އެއްފަރާތް ކުރުމަށްފަހު ކަމަށެވެ.
"ޖުޑީޝަލް ސާވިސް ކޮމިޝަނުގެ އެ ނިންމުމަކީ ކަނޑައެޅިގެން ގާނޫނު އެއް ފަރާތްކޮށް، އަދުލު އިންސާފުގެ އެންމެ އަސާސީ އުސޫލުތަކާ ވެސް ހިލާފަށް ހިންގާފައިވާ ގައިރު ދުސްތޫރީ އިޖުރާއަތްތަކެއްގެ މައްޗަށް ހިންގާފައިވާ ތަހުގީގެއް މައްޗަށް ނިންމާފައިވާ ނިންމުމެއް،" ފަނޑިޔާރު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.
ފަނޑިޔާރު މަހާޒް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ޖޭއެސްސީއިން މައްސަލަ ނިންމާފައިވަނީ އިންތިހާއަށް ބޭއިންސާފުކޮށް ކަމަށެވެ.
"މިހައި ސާފުކޮށް އޮތް ކަމެއްގައި، އަޅުގަނޑު ވަކި މީހަކަށް ނުފޫޒު ފޯރުވިކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމި ނިންމުމަކީ އެކަމުގައި ބޭއިންސާފު އިންތިހާއަށް އެކުލެވޭ ކަމެއް ކަން އަންގައިދޭ ކަމެއް،" ސިޓީގައި މަހާޒް ވިދާޅުވެފައިވެ އެވެ.
ފަނޑިޔާރުންގެ މައްސަލަ ބަލާ ކޮމިޓީގައި ޖޭއެސްސީން ހިމެނީ ތިން މެންބަރެކެވެ. އޭގެ ތެރޭގައި ރައީސް މުއިއްޒު އައްޔަން ކުރައްވާފައިވާ ދެ މެންބަރަކު ހިމެނެ އެވެ. އެއީ ޖޭއެސްސީއަށް ރައީސް އައްޔަން ކުރައްވަންޖެހޭ މެންބަރުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް އެވެ.
ފަނޑިޔާރުންގެ މައްސަލަތައް ބަލަން ފެށީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ޖޭއެސްސީއަށް ފޮނުވި ސިއްރު ސިޓީއަކަށް ބިނާކޮށެވެ. އެ ސިޓީ ފޮނުވާފައި ވަނީ އާންމުކޮށް އެފަދަ ސިޓީ ފޮނުވާ އުސޫލުތަކާ ހިލާފަށް ޖެމްސް ސިސްޓަމް މެދުވެރިނުކޮށެވެ.
ފަނޑިޔާރުންގެ މައްސަލަތައް ބަލަން ފެށުމާއެކު، ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވާތީ އެކަަމާ ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. އޭގެ ތެރޭގައި ކުރީގެ ފަނޑިޔާރުންނާއި ވަކީލުންނާއި ގާނޫނީ މާހިރުން ހިމެނެ އެވެ. އަދި އދ. ގެ ކަމާ ބެހޭ އެކްސްޕާޓު ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ މައްސަލައިގައި އދ. އިން ވަނީ ރައީސް އޮފީހަށް ސިޓީއެއް ވެސް ފޯރުވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ