ސަސްޕެންޑުކުރި ތިން ފަނޑިޔާރުންނާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ހިންގަނީ

މިއަދު ހެނދުނު ކުއްލި ގޮތަކަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ އެ ތިން ފަނޑިޔާރުންނާ މެދު ޖިނާއީ ތަހުގީގެއް ހިންގާތީކަމަށް ޖޭއެސްސީން މިއަދު ބުނެފިއެވެ. ޖޭއެސްސީން ސަސްޕެންޑުކުރީ ހުސްނުއްސުއޫދާއި، މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރެވެ. އެ ތިން ފަނޑިޔާރުންގެ ސަސްޕެންޝަނާ ގުޅިގެން ޖޭއެސްސީން ބުނީ އެ ފަނޑިޔާރުންނާ ގުޅޭގޮތުން ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޖޭއެސްސީއަށް ސިޓީއަކުން އަންގައިފައިވާ ކަމަށެވެ. އެހެންވެ އެ ފަނޑިޔާރުން ވަގުތީ ގޮތުން މަސައްކަތުން އެކަހެރި ކުރަން ނިންމީ މިއަދު އޮތް ޖޭއެސްސީގެ ބައްދަލުވުމުގައި ކަމަށް އެ ކޮމިޝަނުން ބުންޏެވެ. މިއަދު ހެނދުނު 10:00 ގައި ވަނީ ސުޕްރީމް ކޯޓުގައި ތިއްބެވި ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ވެރިކަން ކުރާ ޕީއެންސީން ހުށަހަޅައިފައިވާ ބިލު މަޖިލީހުގެ ތަޅުމުން ފާސްކޮށްފައެވެ. ޖުމްލަ 79 މެންބަރުން މަޖިލީހަށް ހާޒިރުވިއެވެ. މި ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވި 77 މެންބަރުންގެ ތެރެއިން 68 މެންބަރުން ފާސްކުރަން ވޯޓު ދީގެންނެވެ. ބިލާ ދެކޮޅަށް ނުވަ މެންބަރުން ވޯޓު ދިނެވެ. ސުޕްރީމް ކޯޓުން އަންނަނީ، މަޖިލިސް މެންބަރުން ޕާޓީން ވަކިކުރުމުން ނުވަތަ އަމިއްލައަށް ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ހުށަހަޅައިފައިވާ މައްސަލައެއް ބަލަމުންނެވެ. އެ މައްސަލަ ކުރިއަށްދަނިކޮށް މި ބިލް ހުށަހެޅުމަކީ ޖުޑިޝަރީއަށް ބާރު ފޯރުވައި، ބިރު ދެއްކުމަށް ކުރާ ކަމެއްގެ ގޮތުގައި އިދިކޮޅުން ވަނީ ސިފަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ