މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަމަހުގެ ފަހު ދުވަހުގެ ނިޔަލަށް ކަރަންޓު ބިލެއް ހަދައި، ކަރަންޓް ބިލުން 10 ޕަސެންޓް ޑިސްކައުންޓް ދޭން ނިންމާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ބިލިން ސައިކަލް މިހާރު ހުރި ގޮތުން، މިދިޔަ ރޯދަމަހުގެ ޔޫސޭޖަށް ޑިސްކައުންޓު ދެވިފައިވަނީ 2 ބިލަކަށް ޑިސްކައުންޓު ދެވިގެން ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި މި އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަމަސް ނިމެންދެން ބިލެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ.
މި ބިލްގައި ޑިސްކައުންޓު ހިމެނިގެންދާނީ މިދިޔަ އަހަރުގެ އެންމެ ހޫނު 3 މަސް ދުވަސް އުނި ކުރުމަށްފަހު ބާކީ 9 މަސް ދުވަހުގެ އެވްރެޖެއް ހަދައި އެ އެވްރެޖަށްވުރެ ބޮޑު ނުވާނެހެން ކަމަށާއި ބިލް ހިސްޓްރީ ނެތް ތަންތަނަށް ވެސް އެންމެ މަދުވެގެން 10 ޕަސެންޓްގެ ޑިސްކައުންޓެއް ދޭނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
-ރޯދަމަހުގެ ކުރިން މިހާރު ބިލް ނުކުރެވިހުރި ދުވަސްތަކަށް ބިލް ކުރުމަށްޓަކައި، ސްޓެލްކޯގެ އެންމެ އިސްވެރިން ހިމެނޭހެން 350 އަށްވުރެ ގިނަ މުވައްޒަފުން މާދަމާ ނިކުމެ ރީޑިން ނަގާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި މި ރީޑިން ހިމަނައިގެން ތައްޔާރުކުރާ ބިލްތައް ދެއްކުމަށް 30 ދުވަހުގެ މުއްދަތެއް ދޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ސްޓެލްކޯއިން ވަނީ މި ހަރަކާތައް ކަސްޓަމަރުންގެ ފުރިހަމަ އެއްބާރުލުމަށް އެދިފައެވެ. މުޅިމާލޭ ސަރަހައްދުގެ ރީޑިން ނެގުމަށް 12 ވަރަކަށް ދުވަސްހޭދަވާއިރު ފެބްރުއަރީ މަހުގެ ރީޑިން ނެގިފައިވާ ދުވަހަށް ބަލައި، މި ބިލްތަކުގެ ތެރޭގައި 27 ދުވަހުން ފެށިގެންގޮސް 12 ދުވަހުގެ ބިިލްތައް ހިމެނޭނެކަން އެ ކުންފުނިން ފާހަގަކުރެއެވެ.
ސްޓެލްކޯއިން ބުނީ ރޯދަމަހުގެ ބިލް ތައްޔާރު ކުރުމަށްޓަކައި ރޯދައިގެ ފަހު ދުވަހު ރީޑިން ނަގައި އެމަހަށް އެކީ ބިލް ކުރެވިގެންދާނެ ކަމަށެވެ. އަދި މި އެކްސަަސައިޒް ނިމޭއިރު، ރީޑިން ނެގުމަށްފަހު ބިލް ޑެލިވާ ކުރުމާއި ދޭތެރޭ އެ ހިނގާ 20 ނުވަތަ 25 ދުވަހުގެ ބެކްލޮގް ފިލުވާލެވި، ކަސްޓަމަރުންގެ ގިނަ ދުވަސްވީ ޝަކުވާއަށް ނިމުމެއް އަންނާނެ ކަމަށް އެ ކުންފުނީއިން ބުނެއެވެ.
ސްޓެލްކޯއިން އިތުރަށް ބުނީ އެޕްރީލް މަހުން ފެށިގެން ކޮންމެ މަހެއްގެވެސް ފަހު ހަފްތާގައި ރީޑިން ނަގައި ޖެހިގެން އަންނަ ދުވަހު ބިލް ފޮނުވިގެންދާނެ ކަމަށެވެ. އަދި މިއާއެކު ކަސްޓަމަރަށް ބިލާއި މީޓަރުގެ ރީޑިން އަޅާކިޔަން ލިބި ސްޓެލްކޯއަށް އަމާޒުވާ އޮޅުވާލުމުގެ ތުހުމަތު ތަކަށް ނިމުމެއް އަންނާނެ ކަމަށާއި ސްޓެލްކޯގެ ބިލިން ސިސްޓަމަށް ކަސްޓަމަރުންގެ އިތުބާރު ބޮޑުވެގެން ދާނެ ކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ރޯދަ މަހަށް ވަކި ކަރަންޓު ބިލެއް ހަދައި، 10 ޕަސެންޓް ޑިސްކައުންޓް ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ