މިއީ ހުރިހާ ސިޔާސީ ލީޑަރުން ގައުމުގެ ސަލާމަތައް ނުކުންނަންވީ ވަގުތު: ޝިފާޒު މިއީ ހުރިހާ ސިޔާސީ ލީޑަރުން ގައުމުގެ ސަލާމަތައް ނުކުންނަންވީ ވަގުތު: ޝިފާޒު

މިއީ ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން ގައުމުގެ ސަލާމަތައް ނުކުންނަންވީ ވަގުތު ކަމަށް އިދިކޮޅު އެމްޑީޕީގެ މުހައްމަދު ޝިފާޒު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން މަޖިލީހުން ބިލެއް ފާސްކޮށް، ފަނޑިޔާރުންތަކެއް ސަސްޕެންޑުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވަނިކޮށް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގަ އެވެ.
"ގާނޫނުއަސާސީ އެކުލަވާލާފައޮތީ އެއްބާރު އަނެއްބާރާ މުޑިއަރާ ގޮތަކަށްނޫން. އެހެނަސް ރައީސް މުއިއްޒުގެ ދަހިވެތިކަމުން ދައުލަތުގައި މަރުތަޅު އެޅުވިއްޖެ. ސަލާމަތަށް އޮތީ [ހަމައެކަނި] ރައްޔިތުންގެ ސީދާ ހަރަކާތަށްވެއްޖެ،" އޭނާގެ އެކްސް އެކައުންޓުން ލިޔުއްވާފައިވެ އެވެ.
ސަރުކާރުގެ މެންބަރަކު ހުށަހަޅާ ބަދަލެއް ގެނައުމެއް ނެތި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ވަކި ކުރަން މަޖުބޫރުވާ ގޮތަށް ވަނީ މިއަދު ބިލެއް ފާސްކޮށްފަ އެވެ. ބިލު ފާސް ކުރީ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދު ކުރުމަށެވެ.
ފަނޑިޔާރުން ވަކި ކުރުމުގެ ބިލު ތަސްދީގު ކުރުމުގެ ކުރިން ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރަން ޖޭއެސްސީއިން ނިންމީ، ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ކުރިން ނެތީސް، ހަމައެކަނި ބިލުގެ ބޭނުމަށް ފަނޑިޔާރެއްގެ މައްސަލަ ބަލައި ވަކި ކުރުމަކީ އިންސާފު ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ރޭ ލަފާ ދެއްވި ފަހުންނެވެ.
އެ ބިލު ފާސްކުރިތާ މަދު ވަގުތުކޮޅެއް ތެރޭ ޖޭއެސްސީ އިން ވަނީ ފަނޑިޔާރު ހުސްނުއްސުއޫދު އާއި މަހާޒް އަލީ ޒާހިރާއި ޑރ. އައިޝަތު އަޒްމިރަލްދާ ޒާހިރު ސަސްޕެންޑުކޮށްފަ އެވެ.
ތިން ފަނޑިޔާރަކު ސަސްޕެންޑުކުރަން ނިންމީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ފަނޑިޔާރުންގެ ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމުގެ މައުލޫމާތު ދިނުމުން ކަމަށް ޖޭއެސްސީ އިން ބުނެ އެވެ.
މިއަދު ފާސް ކުރި ބިލުގައިވާ ގޮތުން، ބިލުގެ ބޭނުމަށް ވަކި ކުރާ ދެ ފަނޑިޔާރުން މަގާމަށް ގާބިލު ނޫން ކަމަށް ކަނޑައަޅަންޖެހެ އެވެ. އަދި ގާބިލު ނޫން ކަމަށް ކަނޑައަޅާއިރު، ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ކޮންމެހެން ދޭކަށް ނުޖެހެ އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރުމުގެ ބިލު މިއަދު ފާސްކުރިއިރު، އެ ބިލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ވަރަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި އެއީ ކޯޓުތަކަށް ސީދާ ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތެއް ކަމަށް ވެސް ވަރަށް ތަޖުރިބާކާރުން އަދި މާހިރުން ދަނީ ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ